ޝަރުއީ ދާއިރާގެ އިތުބާރު ހިފެހެއްޓުމަށް ފިޔަވަޅު އެޅުމަށް އިލްމްވެރިން ގޮވާލައިފި

ރާއްޖޭގެ ޝަރުއީ ނިޒާމުގެ އިތުބާރު ގެއްލި މުޅި ޝަރުއީ ނިޒާމު ބަދުނާމު ވަމުންދާތީ އެކަން އިސްލާހުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖޭގެ އިލްމްވެރިންތަކެއް ގޮވާލައިފި އެވެ.
ރާއްޖޭގެ 31 އިލްމްވެރިއަކު ހިމެނޭ ގޮތުން ނެރެފައިވާ ބަޔާނުގައި ޝަރުއީ ދާއިރާ އިސްލާހުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށާއި ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ގޮވާލާފައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ޝަރުއީ ދާއިރާގައި ހުރި ބައެއް މައްސަލަތައް ހިނގަމުންދާ ގޮތުން ކޯޓްތަކާއި ގާޒީންގެ އިތުރަށް މުޅި ޝަރުއީ ނިޒާމު ބަދުނާމްވެފައިވާ ކަމަށެވެ. ނުހައްގުން މީހަކަށް އަނިޔާކުރުމަކީ އަނިޔާވެރިވުން ކަމަށާއި އިސްލާމީ ޝަރީއަތުގައި އިސްކަންދެނީ ކުށްކުރާ މީހުންނަށް އަދަބު ދިނުމަށް ވުރެ ކުށުން ބަރީއަވެގެންވާ މީހާއަށް އަދަބު ނުލިބޭކަން ކަށަވަރު ކުރަން ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ހާއްސަކޮށް ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުކުރަންޖެހޭ މިންވަރު އެހެން ހުރިހާ ފަލްސަފާ އަކަށް ވުރެ ބޮޑަށް އިސްލާމީ ޝަރީއަތުގައި ކަށަވަރުކޮށްދީފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
"މި ކަންކަން އިސްލާހުކޮށް ކޯޓުތަކުގެ ގަދަރާއި ކަރާމާތް އަލުން އިއާދަނުކުރެވިއްޖެނަމަ މުޖުތަމައުގައި ހަމަނުޖެހުމާއި ފިތުނަ ފަސާދަ އާއި އަނިޔާވެރިކަން އާންމުވެ މުޖުތަމައުގައި ބިރުވެރިކަމާއި ނާމާންކަން ފެތުރިގެން ހިނގައިދާނެ އެވެ،" އިލްމްވެރިންގެ ބަޔާނުގައިވެ އެވެ.
މި ބަޔާނުގައި ބުނެފައިވަނީ މާއްދީ މަންފާތަކާއި ޒާތީ ހަސަދައަށް އިސްކަންދީގެން ހުކުމް ކުރުމަކީ އެއްގޮތަކަށްވެސް އިސްލާމް ދީން ހުއްދަކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. ކީރިތި ޤުރުއާނާއި ހަދީސްތަކަށް ރިއާޔަތްކޮށް ނެރެފައިވާ މި ބަޔާނުގައި ބުނެފައިވަނީ ނިޔާ ކަނޑައަޅަންވާނީ ވިސްނުންތެރިކަމާއި ހަމަހަމަކަމާއި އަދުލުވެރިކަމާ އެކުގައި ކަމަށެވެ.
މިބަޔާން ނެރުއްވި އިލްމްވެރިންގެ ތެރޭގައި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީއާއި، އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިހް ހުސައިން ރަޝީދާއި، ފިގްހް އެކަޑަމީގެ ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު އިޔާސް އަބުދުއްލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަދި ދީނީ އިލްމްވެރިއެއް ކަމުގައިވާ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމާއި، ޑރ. އަހްމަދު ޒާހިރު އަލީއާއި، ޝެއިހް އިލްޔާސް ހުސައިން އާއި، ޝެއިހް އާދަމް ޝަމީމް ފަދަ އިލްމްވެރިން ހިމެނެ އެވެ.
ޝަރުއީ ދާއިރާއާއި ގުޅޭ ގޮތުން އިލްމްވެރިން ބަޔާނެއް ނެރުއްވާފައި މިވަނީ ފާހަަގަކޮށްލެވޭ ސިޔާސީ ބޭފުޅުންތަކެއްގެ ޝަރީއަތް ކޯޓްތަކުގައި ހިނގަމުންދާ ގޮތަށް ވަރަށް ބޮޑަށް ބައެއް ފަރާތްތަކުން ފާޑު ކިޔަމުންދާ ވަގުތެއްގަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތާއި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޝަރީއަތާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ ޝަރީއަތް ފާހަގަކުރެވެ އެވެ.
އިލްމްވެރިންގެ ބަޔާނުގައި ވަކި ޝަރީއަތަކާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ