ބޭރުގެ ނުފޫޒަކަށް ރާއްޖޭގައި ޑިމޮކްރަޓިކް ފުރިހަމަ ނިޒާމެއް ގާއިމް ނުކުރެވޭނެ ކަމަށާއި، އެކަން ކުރެވޭނީ ދިވެހިންނަށް ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ ވިދާޅުވީ، އެކަން ކުރެވޭނީ ދިވެހިންގެ އާދަކާދަތަކާއި، ދިވެހިންގެ ބޭނުންތަކާއި އެއްގޮތަށް، ދިވެހި މުޖުތަމައަށް ފެތޭގޮތަށް ދިވެހިންނަށް ކަމަށެވެ. އެއީ ބޭރުގެ ބާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ޔުނިވާސަލް ޕީރިއަޑިކް ރިވިއުގައި ރާއްޖޭގެ ހާލަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ދުންޔާ މައުމޫން ވިދާޅުވީ، ރާއްޖެއާ ބެހޭގޮތުންނާއި، ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކާ ބެހޭގޮތުން ދުނިޔޭގެ އެންމެންވެސް ވާހަކަ ދައްކާ ކަމަށާއި، އެއީ އުފާކުރައްވާ ކަމެއް ކަމަށެވެ.
ފާޑުކިއުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް ކަމަށާއި، ނަމަވެސް ބޭނުންވަނީ ރާއްޖެއަށް މަންފާކުރުވަނިވި ފާޑުކިއުންތައް ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ހުރި މައްސަލަތަކާ ވާހަކަފުޅު ދައްކަވަމުން ދުންޔާ މައުމޫން ވިދާޅުވީ، ސިޔާސީ ހަމަނުޖެހުންތަކަށް މަގުފަހިވެފައި ވަނީ ބައެއް މުއައްސަސާތައް އެކަށީގެންވާ ހަލުވި މިނެއްގައި ކުރި ނޭރުމުގެ ސަބަބުން ކަމަށާއި، ސިޔާސީ މުއައްސަސާތައް ވެސް ރަނގަޅަށް ތަރައްގީވެފައި ނުވާކަމަށް ވިދާޅުވިއެވެ.
މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ އެޖެންސީތައް ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ފެށިގެން އިސްލާމްދީނުގެ ހިދާޔަތު ލިބިގެންފައިވާ، އިސްލާމީ މުޖުތަމަޢެއް ކަމަށާއި، އިސްލާމްދީނާ ޚިލާފު ކަންކަން ރާއްޖޭގައި ބަލައެއް ނުގަނެވޭނެ ކަމަށްވެސް ޚާރިޖީ ވަޒީރު ދުންޔާ ވިދާޅުވިއެވެ. ހަމައެއާއެކު، ހައްދުފަހަނަ އަޅާފައިވާ އިސްލާމީ ޚިޔާލުތައް ދިވެހިރާއްޖެއިން ގަބޫލެއް ނުކުރާނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭގޮތުން ދުންޔާ ވިދާޅުވީ، ރާއްޖޭގައި އެންމެ ފުޅާކޮށް ދީފައިވާ މިނިވަންކަމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށެވެ. "ނޫސްވެރިންނަކީ ރާއްޖޭގައި ރައްކާތެރިކަން ޔަގީންކޮށްދީފައިވާ މާހައުލެއްގައި މަސައްކަތް ކުރަމުންދާ ބައެއް" ދުންޔާ ވިދާޅުވެފައި ވެއެވެ.
ދުންޔާގެ ވާހަކަފުޅުފައި، އިންސާނީ ހައްގުތަކުގެ ހާލަތު ރާއްޖޭގައި ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކާއި، ޓެރަރިޒަމާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލްވެސް ހާމަކުރެއްވިއެވެ. ޓެރަރިޒަމާބެހޭ ބިލެއް މަޖިލީހަށް ހުށަހެޅިފައި ވާކަމަށްވެސް ވިދާޅުވިއެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ޚާރިޖީ ވަޒީރު ދުންޔާ އިއްވެވި ބަޔާނަށްފަހު، މެމްބަރު ގައުމުތަކުން ވަނީ އެގައުމުތަކު ހުށަހެޅުންތަކާއި، ކަންބޮޑުވުންތައް ފާޅުކުރަން ފަށާފައެވެ. ޔުނިވާސަލް ޕީރިއަޑިކް ރިވިއުގެ ރާއްޖޭގެ ރިވިއު ބައްދަލުވުން އަދިވެސް ކުރިއަށް އެބަދެއެވެ.
މިތާނަހަށް ވާހަކަ ދެއްކި މެމްބަރު ގައުމުތަކުން ވަރަށް ގިނަ ނުކުތާތައް ފާހަގަކޮށްފައި ވެއެވެ. އެގޮތުން، ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން މިނިވަން ކުރުމަށާއި، އިލެކްޝަންސް ކޮމިޝަނާއި، އޮޑިޓަރ ޖެނެރަލް މިނިވަން ކުރުމަށާއި، އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅު ކުރުމަށް އިތުރަށް މަސައްކަތް ކުރުމަށާއި، ރާއްޖޭގައި މަސައްކަތްކުރާ ބޭރު މީހުންނަށް ރައްކާތެރި މަސައްކަތު މާހައުލެއް ގާއިމް ކުރުމަށާއި، ބޭރުގެ މަސައްކަތްތެރިންނާއި، އެމީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ގައުމުތަކުން ގޮވާލިއެވެ.
މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް މުހަންމަދު ނަޝީދު ވަގުތުން މިނިވަން ކުރުމަށް ބޮޑެތި ބައެއް ގައުމުތަކުން ގޮވާލިއިރު، ރާއްޖޭގައި ޖިންސީ ތަފާތު ކުރުން އޮތް މިންވަރުގެ މައްޗަށް ވެސް ބައެއް ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
ތައުލީމާއި، ސިއްހަތާއި، ގެދޮރުގެ ހައްގާއި، އިގްތިސާދީ އަދި އިޖުތިމާއީ ހައްގު ރައްޔިތުންނަށް ހޯދައި ދިނުމަށާއި، ރާއްޖޭގައި މަރުގެ ހުކުމް ނުވަތަ އެއަދަބު އުވާލަންވެސް ބައެއް ގައުމުތަކުން ގޮވާލާފައި ވެއެވެ.
އަންހެނުންގެ ހައްގުތަކަށް އިހްތިރާމް ކުރުމާއި، ސިޔާސީ މައިދާނުގައި އަންހެނުންގެ ހަރަކާތްތެރިވުން އިތުރު ކުރުމަށް މަސައްކަތް ކުރުމަށްވެސް ބައެއް ގައުމުތަކުން ގޮވާލިއެވެ. ރާއްޖޭގައި ޤާނޫނީ ހުކޫމަތު ހިންގުމުގެ ޔަގީންކަން ލިބިދިނުމަށާއި، ޝަރުއީ ނިޒާމު ސިޔާސީ ކަންކަމަށް ބޭނުންކުރަމުންދާ ދިއުން ހުއްޓުވުމަށްވެސް ގޮވާލާފައި ވެއެވެ.
ޝަރުޢީ ނިޒާމުގެ މިނިވަންކަމާމެދު ސުވާލު އުފެދޭ އެތައްކަމެއް ރާއްޖޭގައި ހިނގަމުންދާ ކަމަށާއި، ޝަރީޢަތްތަކުގައި ޖިނާއީ އިޖުރާއަތްތައް ފުރިހަމަ ނުވުމުގެ މައްސަލަތައް ހިނގަމުންދާ ކަންވެސް ފާހަގަ ކޮށްފައި ވެއެވެ.
މިހާރު ކުރިއަށްދާ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ދިވެހިރާއްޖޭގެ ޔުނިވާސަލް ޕީރިއަޑިކް ރިވިއު މިހަދަނީ ތާރީޚްގައިވެސް ދެވަނަ ފަހަރަށެވެ. މީގެކުރިން ރާއްޖޭގެ ރިވިއު ހަދާފައި ވަނީ 2009 ވަނަ އަހަރުއެވެ.
ބޭރުގެ ނުފޫޒަކަށް ރާއްޖޭގައި ޑިމޮކްރަޓިކް ފުރިހަމަ ނިޒާމެއް ގާއިމް ނުކުރެވޭނެ: ޚާރިޖީ ވަޒީރު ދުންޔާ މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ