ތާލިބާން ޖަމާއަތުގެ ވެރިޔާ މުއްލާ އުމަރު މަރުވެއްޖެކަމަށް ޚަބަރު ފެތުރެން ފަށައިފި

ތާލިބާން ޖަމާއަތުގެ ވެރިޔާ މުއްލާ މުހަންމަދު އުމަރު މަރުވެއްޖެކަމަށް ޚަބަރުތައް ފެތުރެން ފަށައިފިއެވެ.
އަފްޣާނިސްތާނު ސަރުކާރުން ބުނެފައިވަނީ، މުއްލާ މުހަންމަދު އުމަރު މަރުވިކަމަށް ބުނާ ޚަބަރުތައް ޔަގީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަން އަދި ކަށަވަރު ނުވާކަމަށެވެ.
"މުއްލާ އުމަރު މަރުވެއްޖެ ކަމުގެ ޚަބަރުތައް އަހަރެމެންނަށްވެސް ލިބިއްޖެ. އެކަން ޔަގީން ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. އެކަމާބެހޭ ފުރިހަމަ ތެދު މައުލޫމާތު ލިބިނުހާ އަވަހަކަށް މީޑިއާއަށާއި، އަފްޣާނިސްތާނުގެ ރައްޔިތުންނަށް ހާމަކުރާނަން" އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީގެ ތަރުޖަމާނު ބުނެފައި ވެއެވެ.
ތާލިބާން ޖަމާއަތުގެ ވެރިޔާ މުއްލާ މުހަންމަދު އުމަރު މަރުވެއްޖެ ކަމަށް ބުނެ ހާމަކޮށްފައިވަނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާން އިސް ކޮމާންޑަރެކެވެ. ނަން ހާމަކޮށްފައި ނުވާ އެ ކޮމާންޑަރާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ މުއްލާ އުމަރު މަރުވީ ގުދުރަތީ މަރަކުންނެވެ. ނަމަވެސް މަރުވީ ކޮން އިރަކުކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
"އަހަރެމެން މިހާރު މިތިބީ ހަތަރުއަނގޮޅިއެއްގައި. ތާލިބާން ލީޑަރޝިޕަށް ގެންނާނެ މީހެއްގެ މައްސަލަ ހައްލުކުރުމަށް ވަގުތު ނަގާނެ" ޕާކިސްތާނުގައި ހަރަކާތްތެރިވާ އިސް ކޮމާންޑަރު ބުނެފައިވެއެވެ.
އޭނާ ބުނީ، އެއްބަޔަކު ބޭނުންވަނީ މުއްލާ އުމަރުގެ ފިރިހެން ދަރިންގެ ތެރެއިން ދަރިޔަކު ތާލިބާން ޖަމާއަތުގެ ލީޑަރަކަށް ހެދުމަށް ކަމަށެވެ. އަނެއްބަޔަކު ބޭނުންވަނީ ތާލިބާނުން އުފައްދާފައިވާ ސިޔާސީ ގޮފީގެ ވެރިޔާ އަޚްތަރު މުހަންމަދު މަންސޫރު ލީޑަރަކަށް ހެދުމަށް ކަމަށްވެސް ކޮމާންޑަރު ބުނެފައި ވެއެވެ.
މުއްލާ މުހަންމަދު އުމަރު މަރުވެއްޖެކަމުގެ ރިޕޯޓްތަކެއް މި އާންމުވީ، އަފްޣާނިސްތާނު ސަރުކާރާއި، ތާލިބާން ޖަމާއަތަކާ ދެމެދު ބާއްވާ ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރު މިހަފްތާގެ ބަންދުގައި ބޭއްވުމަށް ތައްޔާރު ވެފައި ވަނިކޮށެވެ. ފުރަތަމަ ބުރުގެ ވާހަކަތައް ޕާކިސްތާނުގައި ބާއްވާފައި ވާއިރު ދެވަނަ ބުރު ބޭއްވޭނީ ޗައިނާގައި ކަމަށް ބެލެވިފައި ވެއެވެ.
ސުލްހައިގެ ވާހަކަތަށް ތާއީދުކޮށް މުއްލާ އުމަރު މި ޖުލައިމަހު ބަޔާނެއްވެސް ނެރެފައި ވެއެވެ. ފިތުރު ޢީދާއި ގުޅުވައިގެން ނެރުނު މަރްހަބާގެ އެބަޔާނުގައި، އަފްޣާނިސްތާން ސަރުކާރާއެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ތާލިބާން ޖަމާއަތުގެ ސިޔާސީ އޮފީހަށް އަންގާފައި ވެއެވެ. މުއްލާ އުމަރު މިގޮތަށް ބަޔާނެއް ނެރެނީ ވަރަށް ނާދިރު ހާލަތެއްގައެވެ.
ތާލިބާން ޖަމާއަތުން އަފްޣާނިސްތާނުގައި ވެރިކަން ކުރަނިކޮށް އެމެރިކާއިން ސިފައިން ފޮނުވައި ތާލިބާން ވެރިކަން ވައްޓާލީ 2001 ވަނަ އަހަރުއެވެ. އެއީ، ސެޕްޓެމްބަރު 11 ގައި އެމެރިކާއަށް ދެވުނު ހަމަލާއާ ގުޅުވައިގެންނެވެ. އޭގެފަހުން، މުއްލާ އުމަރު އާންމުންގެ ތެރެއިން ފެނިފައެއް ނުވެއެވެ.
އޭނާއަކީ އެމެރިކާއިން ހައްޔަރުކުރަން ވަރަށް ބޮޑަށް ބޭނުންވެގެން އުޅޭ މީހެކެވެ. އެމެރިކާ ސިފައިންގެ އަތްދަށުން އޭނާ ބައެއް ފަހަރު ސަލާމަތް ވެފައިވަނީ "ހަމަ ކިރިޔާ" ކަމަށް ވެއެވެ. އެމެރިކާއިން ދިން ހަމަލާއެއްގައި މުއްލާ އުމަރުގެ އެއް ލޯވެސް ވަނީ ހަލާކުވެފައެވެ. އެލޮލަކަށް ނުފެނެއެވެ. އޭނާ މަރުވެއްޖެ ކަމަށް މީގެކުރިންވެސް ރިޕޯޓްކޮށްފައި ވެއެވެ.
މިހާރު ފެށިގެން އުޅޭ ސުލްހައިގެ ވާހަކަތަކީ ފާއިތުވީ 14 އަހަރު ދުވަހުގެ ތެރޭގައި ދެފަރާތުގެ ދެމެދުގައި ފުރަތަމަ ފަހަރަށް ބާއްވަންފެށި ވާހަކަތަކެވެ. ނަމަވެސް، ސަރުކާރާއެކު މަޝްވަރާ ކުރުމުގައި ތާލިބާން ޖަމާއަތުގެ އިސްވެރިންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުޅޭކަމުގެ ރިޕޯޓްތަކެއް ކުރިންވެސް ހާމަވެފައި ވުމާއެކު، މުއްލާ އުމަރު މަރުވި ޚަބަރަކީ ތެދު ޚަބަރަކަށްވެ، އެޖަމާއަތުގެ ލީޑަރޝިޕަށް ބަދަލުތަކެއް އަތުވެއްޖެނަމަ ސުލްހައިގެ ވާހަކަތަކަށް ވެދާނެގޮތަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ