ރެފްރީން ހާޒިރުނުވެގެން މިއަދު ހަވީރު ކުޅެން އޮތް ދިވެހި ލީގުގެ މެޗް ފަސްކޮށްފި

މިއަދު ހަވީރު ދިރާގުގެ ދިވެހި ލީގުގައި ބީޖީ ސްޕޯޓްސް އާއި ކްލަބް ވެލެންސިއާ ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗަށް ރެފްރީން މެޗަށް ހާޒިރު ނުވުމާއި ގުޅިގެން އެ މެޗު ފަސްކޮށްފި އެވެ.
ލީގުގައި މިއަދު ހަވީރު ކުޅެން އޮތް މެޗަށް ރެފްރީން ހާޒިރުނުވީ ރޭ މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗަށްފަހު އީގަލްސްގެ އޮފިޝަލަކު އެ މެޗުގެ އެސިސްޓެންޓް ރެފްރީކަން ކުރި ޖައުފަރު ރަޝީދުގެ މޫނުމަތީގައި ޖެހުމާ ގުޅިގެންނެވެ.
4 ޖަހާއިރު މެޗު ފެށެން އޮތްނަމަވެސް މެޗު ގަޑިއަށް ނުފެށޭކަން އެފްއޭއެމުން އެންގީ މެޗު ފަށަން ކުޑައިރުކޮޅަކަށްވީ ފަހުންނެވެ. އަދި އޭގެ އިރުކޮޅެއްފަހުން އެފްއޭއެމް އިން ވަނީ މެޗު ފަސްކުރިކަން ދެ ޓީމަށް ވެސް އަންގާފަ އެވެ.
ލީގުގައި މިއަދު ހަވީރު ކުޅެން އޮތް މެޗު ފަސްކޮށްފައިވާއިރު މިރޭ ލީގުގައި ކުޅެން އޮތް މެޗު ވެސް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތްކަމަށް އެފްއޭއެމްގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. މިއަދުުގެ މެޗު ކެންސަލް ކުރުމާއިއެކު މެޗު ކޮމިޝަނަރަށް ދެ ޓީމުގެ ފަރާތުން ހުށަހެޅީ މިއަދު ހަވީރުގެ މެޗު ނުުކުޅެވެނީސް މިރޭގެ މެޗު ނުކުޅުމަށެވެ.
މިއަދު ހަވީރު ލީގުގައި ވެލެންސިޔާ އާއި ބީޖީ ބައްދަލުކުރަން ހަމަޖެހިފައި އޮތްއިރު މިރޭ ލީގުގައި ކުޅެން ހަމަޖެހިފައި އޮތީ އޭވައިއެލް އާއި މަހިބަދޫ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ