2018 ވަނަ އަހަރު ވާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ "ރަން" އަހަރަކަށް: މޫސާ ޒަމީރު

2018 ވަނަ އަހަރު ވާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ "ރަން" އަހަރަކަށް ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 750،000 ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް މިއަދު ހެނދުނު އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ ފަތުުރުވެރިކަން ކުރިއަރުވަން އިތުރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ ބައިނަލްއަޤްވާމީ އެއާޕޯޓް ތަރައްޤީކުރުން ކަމަށެވެ.
މޫސާ ޒަމީރު ވިދާޅުވީ އެހެންކަމުން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްޤީކުރުމަށް ރައީސް ޢަބްދުﷲ ޔާމީން މިހާރު ފަށްޓަވާފައިވާ 2 މަޝްރޫއު ކަމަށްވާ އެއާޕޯޓުގެ 2 ވަނަ ރަންވޭ ތަރައްޤީ ކުރުމާއި އަދި އައު ފަސިންޖަރު ޓަރމިނަލް ތަރައްޤީކުރުމުގެ މަސައްކަތް 2016 އަށް ނިމި ބޭނުން ކުރަން ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ " ރަން ޒަމާން ފެނިގެންދާނެ ކަމަށެވެ.
މޫސާ ޒަމީރު ވިދާޅުވީ ޔޫރަޕަށް ކުރިމަތިވެފައިވާ ބްރެޒިޓް މައްސަލަތަކާއިއެކުވެސް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވަން ގެންދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި އެމަސައްކަތްތަކުގެ ނަތީޖާ ވެސް އަންނަނީ ފެންނަމުން ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ލޯ ސީޒަން ނިމެނީކަމާއި ހައިސީޒަން ފެށެނީކަން ފާހަގަކުރައްވައި މުސާ ޒަމީރު ވިދާޅުވީ ހައި ސީޒަން ފެށުމުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ