ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދޭން ހުށަހަޅާފައި ވަނީ އުސޫލުން ބޭރުން ކަމަށް ކުރީގެ މެޖިސްޓްރޭޓް އަބްދުﷲ ފާރޫގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ފާރޫގް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން ދަށު ކޯޓެއްގައި ހުންނަ މައްސަލަތަކުގެ ފައިލު ގެންދިޔުމަކީ އެކޯޓުން އަމަލު ކުރަމުން އަންނަ އުސޫލު ކަމަށެވެ.
"އެހެންކަމުން އެކަމާއި ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް އެފަދަ ނަސޭހަތެއް މިވަގުތަށް ހައްގުވެގެން ނުވާ" ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރުން އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ގެ މައްސަލަ ބެލި ކޮމެޓީން، އެ ބޭފުޅުންނަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ނިންމީ ޖުލައި 22 ގައެވެ.
އެއާއެކު ޖޭއެސްސީގެ ގާނޫނުގައި ބުނާ ފަދައިން އެ ތިން ފަނޑިޔާރުން ޖަވާބުދާރީވުމަށް ވަނީ 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާއި ގުޅޭ މައްސަލައެއް ޖޭއެސްސީން ބަލަމުންދާކަން ހާމަކުރީ ޖުލައި 10 ގައެވެ.
ޖޭއެސްސީން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ބުނީ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދޭން ނިންމީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުން އެ ކޯޓުން ބަލަމުން ދިޔަ މައްސަލައެއްގެ ފައިލް ސުޕްރީމް ކޯޓަށް ގެންދިޔަ މައްސަލައިގަ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މައްސަލައަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމްއާ ގުޅޭ މައްސަލައެކެވެ.
ޖޭއެސްސީން ބުނީ އެ ފައިލުތައް ސުޕްރީމް ކޯޓަށް ގެންދިޔުމަކީ އެ މައްސަލަ ހުށަހެޅި ފަރާތަށް ލިބިދީފައިވާ އިސްތިއުނާފު ކުރުމުގެ ހައްގު ގެއްލޭ އަމަލެކެވެ. އަދި އެކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.
"އެހެން ނަމަވެސް ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ފިޔަވަޅު އެޅުމާ ބެހޭ އުސޫލްތައް ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާގެ ދަށުން ދަށު ކޯޓުތަކަށް ހުށަހެޅި ބަލަމުންދާ މައްސަލަތައް ހުއްޓުވައި އެ މައްސަލަ އާއި މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ގެންދިއުމަކީ ގާނޫނު އަސާސީންނާއި ގާނޫނުތަކުން ރައްޔިތުންނަށް ލިބިދީފައިވާ އިސްތިއުނާފް ކުރުމުގެ ހައްގަށް ހުރަސްއެޅި ޝަރުއީ ތިން މަރުހަލާގައި ހައްގުތައް ކަށަވަރު ކުރުމަށް އޮތް ފުރުސަތެއް ގެއްލިގެންދާ ކަމެއް ކަމަށް،" ޖޭއެސްސީން ބުނެފައި ވެއެވެ.
ފަނޑިޔާރުންގެ ވާޖިބު އަދާ ކުރުމުގައި އެ ފަނޑިޔާރަކު ބަލާ މައްސަލައެއްގައި ހިމެނޭ އެއްވެސް ފަރާތަކުން ކުރާ އަމަލެއްގެ ސަބަބުން ނުވަތަ ބުނާ ބަހަކުން ނުވަތަ އެ ނޫން ގޮތަކުން އެއްވެސް ފަރާތެއްގެ މަސްލަހަތަށް ގެއއްލުން ލިބިދާނެ ކަމެއް ފަނޑިޔާރަށް ފެނިއްޖެ ނަމަ އެކަމެއް ވަގުތުން ހުއްޓުން ޖެހޭނެ ކަމަށް ސުލޫކީ މިންގަނޑުގައި ވެއެވެ.
އިކްރާމްއާ ގުޅޭ ދަރަނީގެ މައްސަލައެއްގެ ފައިލުތައް ސުޕްރީމް ކޯޓުން ގެންދިޔައިރު، އިކްރާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ގާތް ބޭފުޅެކެވެ. އަދި އޭނާގެ އަނބިކަނބަލުން ލަތީފާ ގާސިމަކީ އޭރު ޖޭއެސްސީ މެމްބަރެކެވެ. އޭނާ އަށް ޖޭއެސްސީގެ މެމްބަރުކަން ދާދި ފަހުން ގެއްލިފައި ވަނީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލް އުފެދުމުންނެވެ.
އިކްރާމުގެ މައްސަލައިފެ ފައިލުތައް ސުޕްރީމް ކޯޓަށް ގެންދިޔަ ފަހުން އަމަލު ކުރި ގޮތެއް ސާފެއް ނޫނެވެ.
އެކަމާއި ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނަސޭހަތް ދޭން ނިންމާފައި ވާއިރު، އެމީހުން ޤާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ބުނެފައިވާ ސުލޫކީ މިންގަނޑާއި ހިލާފުވެފައި ނުވާ ކަމަށް ކުރީގެ މެޖިސްޓްރޭޓް ފާރޫގް ނެރުއްވި ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.
"ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ ގެ 141 ވަނަ މާއްދާގެ (ށ) ގައި ވަނީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓް ކަމަށް ކަނޑައަޅުއްވާފަ އެވެ. އެހެންކަމުން ދަށު ކޯޓެއްގައި އޮންނަ މައްސަލައެއްގެ ފައިލު ސުޕްރީމް ކޯޓަށް ގެންދިއުމަކީ ކުށެއް ކަމުގައި ނުބެލެވޭނެ އެވެ. އަދި އެގޮތަށް ސުޕްރީމް ކޯޓުން ދަށު ކޯޓުގައި އޮތް މައްސަލައެއްގެ ފައިލެއް ގެންދިއުމަކީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލެވޭނެ އެއްވެސް ޖާގައަކަށް ކޯޓް ތަކުގެ ޤާނޫނަކުން ނުވަތަ ޝަރީޢަތް ކުރުމާ ބޭހޭ ގޮތުން ހެދިފައި ހުރިޤަވާއިދަކުން ވެސް ތަން ނުދެ އެވެ،" އެ ބަޔާނުގައި ވެއެވެ.
އޭގެ އިތުރުން ފާރޫގް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން މައްސަލައެއްގެ ފައިލުތައް އާއްމު ގޮތެއްގައި ގެންދަނީ އެ މައްސަލައަކާ ގުޅިގެން ޝަކުވާއެއް ލިބުމުން ކަމަށާއި އެ މައްސަލައަކީ އެކޯޓުގެ އިޚްތިޞާސް ތަކުގައި ހިމެނޭ މައްސަލައެއްތޯ ނުވަތަ އެމައްސަލައެއް ދަނީ ޝަރްޢީ ނިޒާމުގެ ތެރެއިންތޯ ކަށަވަރު ކުރުމަށް ކަމަށެވެ.
"މިފަދަ ދަނޑިވަޅުގައި ގެނެވޭ ފައިލުތައް ގެނައުމުގައި އާއްމު ކޮށް އަމަލު ކުރާ އުސޫލަކީ އެމައްސަލައެއްގެ އަޞްލު އެ ކޯޓެއްގައި ބޭއްވުމަށް ފަހު އޭގެ ކޮޕީ ފައިލެއް ސުޕްރީމް ކޯޓަށް ފޮނުވުމެވެ. މިގޮތަށް ދަށު ކޯޓު ގައި ހުންނަ ބައެއް މައްސަލަތަކުގެ ފައިލު ސުޕްރީމް ކޯޓަށް ގެންނަނީ އަދުލު އިންސާފުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަ ނުދިނުމަށް ޓަކައި ނެރެވޭ ޝަރްޢީ އަމުރެއްގެ ހައިސިއްޔަތުންނެވެ. އެ އިޚްތިޞާޞްތަކަކީ ފަނޑިޔާރުންގެ ޤާނޫނުގެ 22 ވަނަ މާއްދާގެ އަކުރުތަކުން ސުޕްރީމް ކޯޓަށް ލިބިގެންވާ އިޚްތިޞާޞް ތަކެއް" ކަމަށް ވެސް ފާރޫގުގެ ބަޔާނުގައި ވެއެވެ.
ފާރޫގް ވަނީ "ފަނޑިޔާރުންނާއި ގުޅޭ ހުރިހާ ބަލަދުވެރި ފަރާތްތައް" ވެސް ގާނޫނީ އިމުގެ ތެރެއިން ޝަރުއީ ދާއިރާގެ ކަރާމާތް ނުގެއްލޭ ގޮތަށް ކަންކަން ކުރުމަށް ގޮވާލައްވާފަ އެވެ.
ސުޕްރީމް ކޯޓު ފަނޑިޔާރުންނަށް ނަސޭހަތް ދޭން ހުށަހެޅީ އުސޫލުން ބޭރުން: ކުރީގެ މެޖިސްޓްރޭޓް ފާރޫގް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ