2007 ވަނަ އަހަރު ގދ ތިނަދޫ ހޮސްޕިޓަލުން ތިން އަހަރުގެ ކުއްޖަކަށް ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުވެ، ބަދަލުގެ ގޮތުގައި 7.1 މިލިއަން ދައްކަން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
އެކުއްޖާ ބީރުވީ ތިނަދޫ ހޮސްޕިޓަލުން ދިން ބޭހެއް ކަމަށްވާ ޖެންޓަމައިސިންގެ ސަބަބުން ކަމަށާ އެކަމުގައި ޑޮކްޓަރުގެ އިހުމާލުވާ ކަމަށް ބުނެ ބަދަލު ނަގައިދިނުމަށް އެމައްސަލަ އެކުއްޖާގެ ބައްޕަ ދަށު ކޯޓަށް ހުށަހެޅުމުން ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީ ދައުލަތާ އެއްކޮޅަށެވެ. އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުންވެސް ނިންމާފައިވަނީ އެމައްސަލާގައި ބަދަލު ނަގައިދޭނެ ތަނެއް ނެތް ކަމަށެވެ.
އެމައްސަލާގައި ދައުލަތުން ބުނަނީ ކުއްޖާ ބެލި ޑޮކްޓަރުގެ އެއްވެސް އިހުމާލެއް ނެތް ކަމަށެވެ.
އެމައްސަލާގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑީޔާރު އަބްދުﷲ ދީދީ ވިދާޅުވީ ޖެންޓަމައިސިންއަކީ ފަރުވާތެރިކަމާ އެކު ދޭންޖެހޭ ބޭހެއް ކަމަށާއި ބަލަންވާ މިންވަރަށް ނުބަލައި، އެ ބޭސް ދީފި ނަމަ އޭގެ ނުރައްކާ ކުރިމަތިވެދާނެ ކަން ޑޮކްޓަރުންގެ ބަހުން އެނގޭ ކަމަށެވެ.
އެގޮތުން އެ ބޭސް ދިނުމުގެ ކުރިން ބަރުދަން ބެލުމާއި ބަލިމީހާގެ މައުލޫމާތު ބެލުމާއި އެ ބޭސް ދީގެން އެކަމެއް ރަނގަޅު ކުރެވެން އޮތްތޯ ޑޮކްޓަރުން ބަލަން ޖެހޭ ކަން އެކްސްޕާޓުން ބަޔާންތަކުން އެނގޭ ކަމަށް އުުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އެ ބޭސް ދޭން ޖެހެނީ ކުއްޖާގެ ބަރުދަން ބެލުމަށްފަހުގައި ވީނަމަވެސް ކުއްޖާއަށް އެބޭސް ދީފައިވަނީ ބަރުދަން ބެލުމެއް ނެތި ކަން އިނގޭ ކަމަށް ވެސް ހުކުމުގައިވެއެވެ.
ޖެންޓަމައިސިން ދިނުމުން ކުއްޖާގެ އިވުން ގެއްލެން ފެށީމުން އެކަން މައިންބަފައިންނަށް ފާހަގަވެގެން ޑޮކްޓަރުގެ ސަމާލުކަމަށް އެކަން ގެނައުމުން އެބޭސް ދިނުން ހުއްޓަލިކަން އެނގެން އޮންނަ ކަމަށްވެސް ހުކުމުގައިވެއެވެ. އަދި ޖެންޓަމައިސިން އެކުއްޖާއަށް ދިނުމަށް ޑޮކްޓަރުން އިިރުޝާދު ދިނީ އެކުއްޖާގެ ގައިގާ އިންފެކްޝަނެއްހުރިތޯ ބެލުމަށް ޓެސްޓްތައް ހެދުމެއް ނެތި ކަންވެސް އެންގެން އޮންނަ ކަމަށް ހުކުމުގައިވެއެވެ.
އަދި މައްސަލާގައި ޑޮކްޓަރުން އަމަލު ކުރަން ޖެހޭ ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށްވެސް ހުކުމުގައި ވަނީ ބުނެފައެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖެންޓަމައިސިން ރަނގަޅަށް ދޭ ހާލަތުގައި ވެސް ވަކި ޖީނަކަށް ނިސްބަތްވާ މީހުންނަށް އެ ބޭހުގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ޑޮކްޓަރުންގެ ރިޕޯޓުތަކުން ދައްކާ ކަމަށެވެ. އެހެން ނަމަވެސް އެ ކުއްޖާއަކީ އެ ޖީނަށް ނިސްބަތްވާ ކުއްޖެއް ނޫން ކަމަށް ލަންކާއިން ހެދި ތަހުލީލު ތަކުން އެނގޭ ކަމަށް އުއްްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ކުއްޖާ އެ ހޮސްޕިޓަލަށް ގެންދިޔައިރު އެ ކުއްޖާގެ އިވުމުގައި އެއްވެސް މައްސަލައެއް ހުރި ކުއްޖެއްކަން އިނގެން އޮންނައިރު ކުއްޖާގެ އިވުން ގެއްލިގެން ދިޔައީ ޖެންޓަމައިސިން ދިނުމުގެ ސަބަބުން ނޫން އެހެން ސަބަބެއް މެދުވެރިވެގެންކަން ދައުލަތަށް ސާބިތުކޮށް ދެވިފައިނުވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
މިމައްސަލާގައި އެކުއްޖާގެ ބައްޕަ ވަނީ ބަދަލުގެ ގޮތުގައި 7.1 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދިފައެވެ. މިފައިސާ ނަގައިދިނުމަށް އަގުކޮށްފައިވަނީ އިވުން ގެއްލުމުގެ ސަބަބުން ދަރިފުޅަށް ލިބުނު ނަފްސާނީ ގެއްލުމާއި، އިޔަރިން އެއިޑަށް ކުރަން ޖެހުނު އޮޕަރޭޝަނާއި އެއަށް ކޮންމެ އަހަރަކު ހަރަދުވާ އަދަދަށް ބެލުމަށްފަހުގައި ކަމަށް ވެސް ކުއްޖާގެ ބައްޕަ ވަނީ ބުނެފައެވެ.
2007 ވަނަ އަހަރުގެ ތެރޭގައި އެކުއްޖާ ގދ ތިނަދޫ ހޮސްޕިޓަލަށް ގެންދިޔައީ ހުންއައިސްގެންނެވެ. ތިނަދޫ ހޮސްޕިޓަލްގެ ޑޮކްޓަރެއް ކަމާށްވާ ޕައުލް ވަނީ އެކުއްޖާއަށް އެންޓިބައޮޓިކްއެއް ކަމަށްވާ ޖެންޓަމައިސިން ދީފައެވެ. މި ބޭހަކީ އެންޓިބައޮޓީކެއްގެ ގޮތުގައި އާންމުކޮށް ދީ އުޅޭ ބޭހެއްކަމަށެވެ. އަދި އެބޭސް ދިނުމުން ދުވަސްކޮޅެއް ފަހުން އެކުއްޖާވަނީ ކަންފަތުގެ އިވުމުން މަހުރޫމްވެފައެވެ.
ޑޮކްޓަރުގެ އިހުމާލުން ކަންފަތުގެ އިވުމުން މަހުރޫމްވުމުން ބަދަލުގެ ގޮތުގައި 7.1 މިލިއަން ރުފިޔާ ނަގައިދޭން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ