އިންޑިއާގެ "ކުރަފި ޕާޓީ" ގެ ފުރަތަމަ މުޒާހަރާގައި އެތައް ސަތޭކަ ދަރިވަރުން

އިންޑިއާގެ ސިޔާސީ މީހުންނަށް ޖެއްސުމުމުގެ ގޮތުން ސޯޝަލް މީޑިއާގައި އުފެދުނު "ކޮކްރޯޗް ޕީޕަލްސް ޕާޓީ" ގެ ފުރަތަމަ މަގުމަތީ ހަރަކާތް، އިންޑިއާގެ ބޮޑެތި އިމްތިހާނުތަކުގައި ފެންމަތިވެފައިވާ ސީރިއަސް މައްސަލަތަކާ ގުޅުވައިގެން މިއަދު ބާއްވައިފި އެވެ.  
ކަރުދާހުން ހަދާފައިވާ "ކުރަފި މާސްކް" އަޅައިގެން އަދި ލީފްލެޓްތައް ހިފައިގެން ތިބި މުޒާހަރާގެ ބައިވެރިން ވަނީ، އިމްތިހާނުތަކުގެ ޕޭޕަރު ލީކުވުމާއި ޓެކްނިކަލް މައްސަލަތައް ހިމެނޭހެން ހިނގައިދިޔަ ކަންތައްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދުރަ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލައިފަ އެވެ.
"އަހަރެމެން ބޭނުންވަނީ ސަރުކާރުން މިކަމުގެ ޒިންމާ ނެގުން،" މެޑިކަލް ކޮލެޖުން ޖާގަ ހޯދުމަށް މަސައްކަތްކުރާ، އުމުރުން 16 އަހަރުގެ އުތުކަރްޝް ރާޖް، މުޒާހަރާގެ ސަރަހައްދުގައި ހުރެ އޭއެފްޕީއަށް ބުންޏެވެ.
"މި ގައުމުގައި އިމްތިހާނު ޕޭޕަރުތައް ލީކުވަނީ ކިހިނެއް؟ މިއީ ރަނގަޅު ގޮތެއްތަ؟"  ފުލުހުން އެއްވެސް ސަލާމަތީ ކަންތައް ބަލަހައްޓަމުން ދިޔަ ސަރަހައްދުގައި ހުރެ  ރާޖް ސުވާލުކުރި އެވެ.
މި މުޒާހަރާ އިސްވެ ހިންގީ ބޮސްޓަން ޔުނިވާސިޓީން ގްރެޖުއޭޓްވެ އެމެރިކާގައި އުޅޭ، އަދި ހޮނިހިރު ދުވަހު އެމެރިކާއިން ނިއުދިއްލީއަށް މި މުޒާހަރާ އަށް ދިޔަ އުމުރުން 30 އަހަރުގެ އަބީޖީތު ދިޕްކޭ އެވެ.
އޭނާ އުފެއްދި މި ޕެރޮޑީ ޕާޓީ—"ކޮކްރޯޗް ޖަންތާ ޕާޓީ" (CJP)، މިއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަންތާ ޕާޓީ (BJP) ގެ ނަމަށް ނިސްބަތްކޮށް ހަދާފައިވާ ނަމެކެވެ—މިދިޔަ މަހު އުފެއްދި ފަހުން ސޯޝަލް މީޑިއާގައި މިލިއަނުން ފޮލޯވަރުން ވަނީ ލިބިފަ އެވެ.
އިދިކޮޅު އާމް އާދްމީ ޕާޓީގެ ކުރީގެ ޕޮލިޓިކަލް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓެއް ކަމަށްވާ ދިޕްކޭ، މުޒާހަރާގެ ބައިވެރިންނާ މުހާތަބުކޮށް ބުނީ "މި ގައުމުގެ ޒުވާނުން ދެން އެއްވެސް މީހަކުދެކެ ބިރެއް ނުގަންނާނެ، އެމީހުން ހަނގުރާމަކުރާނެ" ކަމަށެވެ.
"ކުރަފި އެއީ ދުވަހަކުވެސް ބިރުގަންނަ އެއްޗެއް ނޫން، އަދި އެއީ ދުވަހަކުވެސް މަރުވާނެ އެއްޗެއްވެސް ނޫން،" ދިޕްކޭ މިހެން ބުނުމާ އެކު އެހެން މީހުންވެސް އެއްއަޑަކުން އެ ވާހަކަ  ތަކުރާރުކުރި އެވެ.
މި ހަރަކާތް އުފެދެން މެދުވެރިވީ، ކޯޓު އަޑުއެހުމެއްގެ ތެރޭގައި އިންޑިއާގެ ޗީފް ޖަސްޓިސް ސޫރިޔާ ކާންތު، ސަރުކާރަށް ފާޑުކިޔާ ޒުވާނުންނަކީ "ކުރަފި" އަދި "ޕެރަސައިޓް" (parasites) ތަކެއްގެ ގޮތުގައި ސިފަކުރެއްވުމުން ޒުވާނުންގެ މެދުގައި ނުރުހުން އުފެދުމުންނެވެ. ފަހުން ކާންތު ވިދާޅުވީ އޭނާގެ ވާހަކަ މާނަކުރެވިފައިވަނީ އޭގެ އަސްލު މާނައާ ހިލާފަށް ކަމަށެވެ.
އެކަމަކު "ޒުވާނުންގެ ފަރާތުން، ޒުވާނުންނަށްޓަކައި، ޒުވާނުން ހިންގާ ސިޔާސީ ކުރިމަގެއް" މި ޝިއާރު ބޭނުންކުރާ ސީޖޭޕީގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
މުޒާހަރާގެ ބައިވެރިން ބުނި ގޮތުގައި ޒުވާނުން ތިބީ ރުޅިއައިސްފަ އެވެ.
"މިފަދަ މުހިންމު އިމްތިހާނުތައް ސަރުކާރުން މިއަށްވުރެ ރަނގަޅަށް ހިންގަން އިންޑިއާ ހައްގުވޭ،" ހަމައެކަނި އުމުރުން 20 އަހަރުގެ ސާތަކް ބުންޏެވެ.
އިމްތިހާނު ކަރުދާސް ލީކުވިކަން މިދިޔަ މަހު، ތަހުގީގީ އިދާރާތަކުން ހާމަކުރުމާ ގުޅިގެން، ކަމާބެހޭ ފަރާތްތަކުން ވަނީ މުޅި ގައުމުގައި ބާއްވާ މެޑިކަލް ކޮލެޖް އެންޓްރަންސް އިމްތިހާނު ބާތިލްކޮށްފަ އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގައުމުގެ އެންމެ ވާދަވެރި އެއް އިމްތިހާނު ކަމަށްވާ ނޭޝަނަލް އެލިޖިބިލިޓީ އެންޓްރަންސް ޓެސްޓަށް ދިމާވި މި މައްސަލަތަކާ ގުޅިގެން ބައެއް ފުރާވަރުގެ ކުދިން ވަނީ އަމިއްލައަށް މަރުވެފަ އެވެ.
މީގެ އިތުރުން، ގާތްގަނޑަކަށް ދެ މިލިއަން ހައިސްކޫލް ދަރިވަރުން ހެދި އިމްތިހާނުތަކެއްގެ އޮންލައިން މާކިން ސިސްޓަމާ ގުޅޭ އެހެން މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
"ޒުވާނުން މި އިމްތިހާނުތައް ހަދަންޖެހޭއިރު، އިމްތިހާނު ނިޒާމުގެ އެއްވެސް އިތުބާރެއް ނެތް ހާލަތެއްގައި އެކުދިންނަށް ނުތިބެވޭނެ،" ފިރިހެން ދަރިން ގޮވައިގެން މުޒާހަރާއަށް އައި އުމުރުން 52 އަހަރުގެ ސަޕާން ގިޔާން ބުންޏެވެ.
ސީޖޭޕީގެ އިންސްޓަގްރާމް އެކައުންޓުގައި 22 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ. މިއީ ވެރިކަންކުރާ ބީޖޭޕީގެ 9 މިލިއަން ފޮލޯވަރުންނާއި އިދިކޮޅު މައި ކޮންގްރެސް ޕާޓީގެ 13 މިލިއަން ފޮލޯވަރުންނާ އަޅާބަލާއިރު ދެގުނައަށްވުރެ ގިނަ އަދަދެކެވެ.
ހަލުވި މިނެއްގައި އިގްތިސާދު ކުރިއަރަމުން ދިޔަ ނަމަވެސް، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ އެތައް މިލިއަން ބަޔަކަށް އަދިވެސް ދާއިމީ އަދި ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާ ހޯދުމަށް ދަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. މިއީ ޒުވާނުންގެ މެދުގައި ނުރުހުން އިތުރުވާ ސަބަބެކެވެ.
އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ ހިސާބުތަކުން ދައްކާގޮތުގައި، އާންމުކޮށް 15 އަހަރާއި 24 އަހަރާ ދެމެދުގެ މީހުން ހިމެނޭހެން، އެ ގައުމުގެ ޒުވާނުންގެ ވަޒީފާ ނެތް ނިސްބަތް ހުރީ ގާތްގަނޑަކަށް 16 ޕަސެންޓުގަ އެވެ.
ފަހަކަށް އައިސް އިންޑިއާގެ އަވަށްޓެރި ބައެއް ގައުމުތައް ކަމަށްވާ ބަންގްލަދޭޝް އަދި ނޭޕާލް ފަދަ ގައުމުތަކުގައި، ކޮރަޕްޝަނާއި ސިޔާސީ ފަރުވާކުޑަކަމާ ދެކޮޅަށް ޒުވާނުން އިސްވެ ހިންގި ހަރަކާތްތަކުގެ ސަބަބުން އެ ގައުމުތަކުގެ ވެރިކަން ވަނީ ބަދަލުވެފަ އެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ