ތިމާވެށި ހިމާޔަތްކުރަން ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ގްރީން ފަންޑުން ޚަރަދު ކުރަން ނިންމަވައިފި
ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކޮންމެ އަހަރަކު ހަތް މިލިއަން ރުފިޔާ ގްރީން ފަންޑުން ޚަރަދުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި، ގައުމުގެ ތަރައްގީގެ ދުވެއްޔާއެކު ތިމާވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ލިބޭ ގެއްލުންތައް ކުޑަކޮށް، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޒަމާނުންސުރެ އޮތް އެންމެ ބޮޑު ހުރަހަކީ، އެކަށީގެންވާ މިންވަރަށް މާލީ ވަސީލަތްތައް ނުލިބުންކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ މަސައްކަތަށް ކޮންމެ އަހަރަކު ހަތް މިލިއަން ރުފިޔާ، މޯލްޑިވްސް ގްރީން ފަންޑުން ޚަރަދުކުރުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ކޮންމެ އަހަރަކު އާއްމުކޮށް ތިމާވެށީގެ ދާއިރާއަށް ކަނޑައަޅާ ބަޖެޓުގެ އިތުރަށް ޚަރަދުކުރާނޭ ފައިސާ ކަމަށާއި މިކަމުގެ ސަބަބުން މިހާތަނަށް މޯލްޑިވްސް ގްރީން ފަންޑުން ދީފައިވާ އަހަންމިއްޔަތުކަން ކުރިއަށްވުރެ ހަރުދަނާވެ، މަތީ ހަރުފަތަކަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ފައިސާ މައިގަނޑު ގޮތެއްގައި ޚަރަދުކުރާނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި، އެ ސަރަހައްދުތަކުގެ ދިރުންތައް ބެލެހެއްޓުމަށާއި، މިފަދަ ތަންތަނަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތަކަށާއި، މޮނިޓާކުރުމުގެ މަސައްކަތްތަކަށާއި، ކޮންސަވޭޝަން މަސައްކަތުގެ ތެރެއިން މަންފާ ހޯދޭނެ މަގުތައް ފަހިކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތިމާވެށީގެ ދިރާސާތައް ކުރުމަށާއި، މައުލޫމާތު އާންމުކުރުމަށާއި، މި ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، މި ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި، ސްކޫލުތަކުގެ ތިމާވެށި ކްލަބުތަކާ ގުޅިގެން، ތިމާވެށީގެ ތަފާތު ޕްރޮގްރާމްތައް ހިންގައި ވީހާ ވެސް ގިނަ ބައެއްގެ ބައިވެރިވުން ހޯދުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި ބަދަލާއެކު ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ދުރު ރާސްތާގެ މަޝްރޫއުތައް އެކުލަވައިލައި ތަންފީޒުކުރުމަށް މަގު ފަހިވާނެއެވެ. https://sun.mv/222920 ރައީސްގެ ޚިޠާބުގައި ދުނިޔޭގެ މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރު ކަމަށްވާ "އަ ގްލޯބަލް ކޯލް ފޯ ކްލައިމެޓް އެކްޝަން" އަކީ، ރާއްޖެފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކަންބޮޑުވުންތަކާ ނުހަނު ގުޅިފައިވާ ޝިއާރެއްކަން ވަނީ ފާހަގަކުރައްވައިފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަމަލީ ގޮތުން މަސައްކަތް ކުރުމަށް ދިރިއުޅުމުގެ އާދަކާދަތަކާއި ވިސްނުންތަކަށް ބަދަލު ގެނެސް، އިހަށްވުރެ ބޮޑަށް އަތުކުރި އޮޅާލަން މިހާރު މަޖުބޫރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. "ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިއްޔެ ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ވަށާޖެހޭ ސިޔާސަތެއްގެ ދަށުން އެންމެ އެދެވޭ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ