ފިޗް ރޭޓިން ދަށްކުރާނީ ދަރަނި ދެއްކުމުގައި ތާށިވާނަމަ، އެއީ ނާދިރު ކަމެއް: ފިނޭންސް މިނިސްޓްރީ

ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ދެން ރާއްޖޭގެ ރޭޓިން ދަށްކުރާނީ ދަރަނި ދެއްކުމުގައި ތާށިތައް ދިމާވެއްޖެ ހާލަތުގައި ކަމަށާއި، އެފަދަ ހާލަތެއް ކުރު ރާސްތާގައި އައުމަކީ ނާދިރު ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވެއްޖެއެވެ. މިދިޔަ ބުދަ ދުވަހު ފިޗުން އިއުލާންކުރި ގޮތުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަނީ 'ސީސީ' އިން، އޭގެ ޖެހިގެން އޮންނަ މަތީ ރޭޓިން ކަމަށްވާ 'ސީސީސީ މައިނަސް'އަށް ބަދަލުކޮށްފައެވެ. ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކުރީ، ޖޫން 2024 ވަނަ އަހަރު 'ސީސީސީ ޕްލަސް' ރޭޓިންގައި އޮއްވައި، އެ އަހަރުގެ އޮގަސްޓު މަހެވެ. އޭގެ ފަހުން 2025ގައި ވެސް 'ސީސީ'ގައި ރޭޓިން ވަނީ ދަމަހައްޓައިފައެވެ. ފިޗް ރޭޓިން ރިޕޯޓާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ސާއިދު ވިދާޅުވީ، ކުރު ރާސްތާގައި ރާއްޖެއަށް ދަރަނި ނުދެއްކުމުގެ ހިރާސްތައް ކުޑަކުރެވިފައިވާ ކަމަށާއި އެއީ އާމްދަނީ ހޯދުމުގައި ގެނެސްފައިވާ އިސްލާހުތަކުގެ ސަބަބުން ކަމަށް ފިޗުން ބުނެފައިވާ ކަމަށެވެ. އަދި މެދު ރާސްތާއަށް ބަލާއިރު ވެސް އިގުތިސާދު ކުރިއަރާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/222821 ސާއިދު ވިދާޅުވީ މި އަހަރަކީ އީރާން ހަނގުރާމައާ ގުޅިގެން މުޅި ދުނިޔެއަށް ވެސް އަސަރު ކުރަމުން އަންނަ އަހަރަކަށްވުމުން ރާއްޖޭގެ އިގުތިސާދު ވެސް މީގެ ކުރިން އަންދާޒާ ކުރި ވަރަށް ކުރިނޭރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އެ ހާލަތުން އަރައިގަނެވުމުން ރާއްޖެ ވަރަށް އަވަހަށް ކުރިއަރާނެ ކަމަށް ރިޕޯޓުގައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުގެ އަންދާޒާއަކީ ވެސް އެއީކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ދައުލަތުގެ ޚަރަދު ކޮންޓްރޯލްކޮށް، ރާވައިގެން ކުރިއަށްގެންދިޔުމުގެ މުހިންމުކަމަށް ފިޗުން އަލިއަޅުވާލި ކަމަށެވެ. އެ ރިޕޯޓުގައި ރޭޓިން ދެން ދަށްކުރާނެ ކަމަށް ބުނެފައިވަނީ ދަރަނި އަދާކުރުމުގައި ދަތިވެއްޖެ ނަމަ ކަމަށް ބުނެފައިވާ ކަމަށް ވެސް ސާއިދު ވިދާޅުވިއެވެ. "މި ރޭޓިންގައި އެ ބޭފުޅުން ފާހަގަކުރައްވަނީ ކުރިއަށް އޮތް ތަނުގައި ދަށް ކުރެވޭނީ އެ [ބޭރުގެ ދަރަނި] އަދާކުރުމުގައި ތާށިތަކެއް އަންނަ ކަމުގައިވާނަމަ ނުވަތަ ދައުލަތުގެ ހުރިހާ ދަރަނި އަދާކުރުމުގައި ދައްޗެއް ވާނަމައޭ. އެކަމަކު މިފަދަ ހާލަތެއް ދެން އައުން އަޅުގަނޑުމެންނަށް މި ދަނޑިވަޅުގައި ކުރު ރާސްތާގައި ފެންނަނީ އެއީ ނާދިރު ކަމެއް ކަމަށް،" އޭނާ ވިދާޅުވިއެވެ. ސާއިދު ވިދާޅުވީ ދައުލަތުގެ އާމްދަނީ މިހާރު ވަނީ އިތުރުވެފައި ކަމަށާއި ދައުލަތުގެ ޚަރަދު މިހާރަށްވުރެ ރަނގަޅަށް ރާވައިގެން ކުރިއަށްގެންދިޔުމަށް ވަގުތު ލިބިފައިވާ ކަމަށެވެ. އަދި ދައުލަތުގެ ރިޒާވް އިތުރުކޮށް، ޚަރަދު ކުޑަ ކުރަމުންދާ ނަމަ ރޭޓިން މަތިކުރުމަށް ވިސްނާނެކަމުގެ އުއްމީދު ފިޗުން ދީފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. https://sun.mv/222883 ފިޗް ރޭޓިން އިތުރުކުރުމާ ގުޅިގެން ސަރުކާރުން އުފާ ފާޅުކޮށްފައިވެއެވެ. ނަމަވެސް މިހާރު ގެނެސްފައިވަނީ ކުޑަ ބަދަލެއްކަން ފާހަގަކޮށް، ބައެއް ބޭފުޅުން ފާޑު ވިދާޅުވެފައިވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ އެ ރޭޓިން ކުޑަކުޑަކޮށް މަތިވުމަކީ ވަގުތީ ކަމެއް ކަމަށާއި އެއީ އިގުތިސާދު ބިނާވެފައި ހުރި މައިގަނޑު ކަންކަމަކަށް ރަނގަޅު ބަދަލެއް އައި ކަމަށް ބުނުން ނޫން ކަމަށެވެ. އެ މަނިކުފާނު ވަނީ އެއީ "ދިރިހުރުމުގެ އުންމީދު ކަނޑާލާފައި އޮތް މީހަކު ލޮލުގެ ބޮނޑި ތަޅުވާލުން" ފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި މި އަހަރު ނިމޭއިރު ފިޗް ރޭޓިން އަނެއްކާ ފަހަތަށް ސޮއްސާލުމުގެ ފުރުސަތު އޮތް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. https://sun.mv/222917 މީގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އިގްތިސޯދީ ދާއިރާގެ ތަޖުރިބާކާރު އަޙުމަދު މުޙައްމަދު (އޭއެމް) ފިޗް ރޭޓިން މަތިކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ނަމަވެސް، މާލީ ކާރިސާއަކުން ސަލާމަތްވުމާއި އެފަދަ ކާރިސާއެއް މުޅިން ހައްލުކުރުމަކީ މުޅިން ތަފާތު ދެ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ރިޒާވްގައި މިހާރު ހުރީ އެއް މަސްދުވަހުގެ އިމްޕޯޓަށް ބޭނުންވާ ވަރަށް ވުރެ ވެސް މަދު ފައިސާ ކަމަށެވެ. އަދި އަސްލު އިމްތިހާނަކީ މި އަހަރު ދަރަނި ނުދެއްކިދާނެ ހާލަތުން ސަލާމަތްވުމެއް ނޫންކަމަށާއި އަސްލު އިމްތިހާނަކީ، މި ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ދައުލަތުގެ މާލީ ހާލަތު ދެމެހެއްޓެނިވި މަގަކަށް އެޅުވުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ