ޖޭއެސްސީގެ މެމްބަރު ކަމަށް މާނިއު އައްޔަން ކުރައްވައިފި

ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ)ގައި ވަކީލުން ތަމްސީލު ކުރައްވާ މެމްބަރު ކަމަށް، ހއ. އިހަވަންދޫ އަންބަރީގެ އަބްދުލްމާނިއު ހުސައިން މިއަދު އައްޔަން ކުރައްވައިފި އެވެ. ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މާނިއު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފަ އެވެ. މާނިއުއަށް ހުވައިލައި ދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ އަރީފެވެ. ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މާނިއު އާ ވާލުކޮށްދެއްވައިފަ އެވެ. މީގެ ކުރިން، ވަކީލުންގެ ފަރާތުން ޖޭއެސްސީގައި އިންނެވީ ލަތީފާ ގާސިމެވެ. އަލަށް ތަސްދީގު ކުރި ގާނޫނީ ފަންނުގެ ބިލާ އެކު އޭނާގެ މަގާމު ވަނީ ގެއްލިފަ އެވެ. ވަކިލުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާނެ މެމްބަރު ކަނޑައެޅުމަށް މިދިޔަ ހޮނިހިރު ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭއްވި އިންތިހާބު މާނިއު ކާމިޔާބު ކުރެއްވީ 199 ވޯޓުންނެވެ. މާނިއު ވަނީ ބާ ކައުންސިލަށް ވެސް ކުރިމަތިލައްވައިފަ އެވެ. ނަމަވެސް އެ ގޮނޑި މާނިއު އަށް ގެއްލުނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. އެ ގޮނޑި ކާމިޔާބުކުރެއްވީ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ