އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ކުރީގެ ގާޒީ ހަލީމް ފާޅުކުރައްވައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ފާޅުކުރައްވައިފިއެވެ. "ސަން"އާ ވާހަކަ ދައްކަމުން ހަލީމް ވިދާޅުވީ، އަދީބުގެ މައްސަލަތަކުގެ ހަގީގަތް ހޯދުމަށް ގިނަ ބަޔަކު ޝައުގުވެރިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަތަކުގެ ހަގީގަތް ހޯއްދަވަން މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ. އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހުށަހެޅުމެއް އައިސްފި ނަމަ ގައުމީ މަސައްކަތެއްގެ ގޮތުގައި ބަލައިގެން އެ މަސައްކަތް ކުރައްވާނެ ކަމަށް ހަލީމް ވިދާޅުވިއެވެ. ސިވިލް ކޯޓުގެ ގާޒީ ކަމުން ހަލީމް އިސްތިއުފާ ދެއްވީ މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ. ހަލީމް އިސްތިއުފާ ދެއްވައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައު ވަނީ، އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރައްވާ މަސައްކަތަށް އެއްބާރުލުން ދެއްވުމުގެ ގޮތުން، ކަމަށެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ، އޭނާއަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިފައެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ. އަދީބުގެ ވަކީލެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވަނީ ވަކީލު އިސްމާއިލް މުހައްމަދެވެ. މީގެ ކުރިން ގާނޫނީ ވަކީލުން ކަމަށްވާ މޫސާ ސިރާޖު، މަހުފޫޒު ސައީދު އަދި ހުސެއިން ޝަމީމްވެސް އޭނާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ