ހަނގުރާމަ ކުރާނީ ވެސް އަދި ހަނގުރާމަ ނިންމާނީ ވެސް ޕީޕީއެމް ތެރެއިން ކަމަށް ޕީޕީއެމް ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
ރޭ އާޓިފިޝަލް ބީޗުގައި އޭނާއަށް ތާއީދުކުރައްވާ މީހުންނަށް ޝުކުރު ދެންނެވުމުގެ ގޮތުން ކަމަށް ބުނެ ފެށި ޖަލްސާގައި އުމަރު ވިދާޅުވީ ދުވަހަކުވެސް ޕީޕީއެމްއިން ވަކިވެގެން ނުދާނެ ކަމަށާއި އޭނާ ކުރައްވާ ކަމެއް ކުރައްވާނީ ޕީޕީއެމް ތެރެއިން ކަމަށެވެ.
އުމަރު ވިދާޅުވީ އޭނާ ޕީޕީއެމް ޕްރައިމަރީގައި ވާދަކުރެއްވީ ޕާޓީގެ ހުރިހާ މެޝިނިރީޒް އާއި ދެކޮޅަށް ކަމަށާއި ޕާޓީގެ ހުރިހާ ކައުންސިލާއި ޕާޓީގެ ހުރިހާ ކޮމިޓީތަކަކީ ޔާމީންގެ ކޮންޓްރޯލް ދަށުގައި ހުރި ތަން ތަން ކަމަށެވެ. އަދި ރާއްޖޭގެ ބޮޑެތި ގޭންގުތަކާއި ރާއްޖޭގައި މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ބޮޑެތި ނެޓްވޯކްތައް ވެސް އޮތީ ޔާމީން ފަޅީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އިންތިހާބުގައި ވާދަކުރީ މުޅި ޕާޓީގެ މެޗިނާއި ދެކޮޅަށް، އެނގިވަޑައިގަންނަވާނެ ފަދައިން ޕާޓީގެ ކައުންސިލަކީ އަޅުގަނޑުގެ އަޙު އަބްދުﷲ ޔާމީންގެ ކޮންޓްރޯގެ ދަށުގައި އޮތް ތަނެއް، ޕާޓީގެ ހުރިހާ ކޮމިޓީތަކަކީ އަބްދުﷲ ޔާމީންގެ ކޮންޓްރޯކްގެ ދަށުގައި އޮންނަ ތަނެއް، އިންތިހާބު ކޮމިޓީއަކީ އޭގެ ކޮމިޓީއެއް، ހުރިހާ ކޮމިޓީއަކީ އަބްދުﷲ ޔާމީނަށް ތާއީދުކުރާ މީހުންގެ މެޖޯރިޓީ އޮންނަ ތަނެއް، އެހެންވީމަ އަޅުގަނޑުމެން ނިކުމެ ވާދަކުރީ މުޅި ޕާޓީގެ މެޗިނާއި ރައީސް މައުމޫންގެ ފެމިލީ އޮތީ ޔާމީނާއި އެކު، ޕާޓީގެ ހުރިހާ ގުނަވަންތައް އޮތީ ޔާމީން އަރިހު، ދިވެހި ރާއްޖޭގެ ބޮޑެތި ސިންގާ ގޭންގްތައް ވެސް އޮތް ޔާމީން ކައިރިއަށް އަރާ، ދިވެހި ރާއްޖޭގެމަސްތުވާތަކެތި ވިއްކާ އެތެރެކޮށް ބޮޑެތި ނެޓްވޯކްތައް ވެސް އޮތް ޔާމީން ކައިރިއަށް ޖަމާވެފައި، ރައްޔިތުންގެ މަޖިލިސް އެތައް މެންބަރުންނެއް ޔާމީން ކައިރިއަށް ޖަމާވެފައި އޮތް." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ވޯޓުލީ ދުވަހު އެކި އެކި ސްކޫލުތައް ބަލާލުމުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކުމުގެ ބޮޑެތި އަދަބުތައް އައިސް ތިބި މީހުން ޔާމީންގެ ތޮފި އަޅައިގެން ސްކޫލުތައް ކައިރީގައި ތިބި މަންޒަރު ފެނުނު ކަމަށާއި އެ ހަގީގަތް އާންމުންނާއި ހަމައަށް ގެނެސް ދިނުމަކީ އޭނާގެ ވާޖިބެއް ކަމަށެވެ.
އަދި ހަނު ހުރުމަކީ ފާފައަކަށް ވާއިރު އޭނާ ދުވަހަކުވެސް ހައްގު ބަސް ދޫނުކޮށް އެގޮތުގައި ދެމިހުންނާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށްވުރެން ޕާޓީ ބޮޑު، ޕާޓީއަށް ވުރެން މިގައުމު ބޮޑު ވާނެ، ބައެއް ވާހަކަތަކަކީ އަޅުގަނޑުމެން ޕާޓީގެ ހައްގުގައި ބުނަން ނުޖެހޭ ވާހަކައެއް، އެއީ މުޅި ޕާޓީގެ މަސްލަހަތަށް ގެއްލުން ލިބިދާނެ ބައެއް ވާހަކަތަކަކީ އަޅުގަނޑު ދައްކައިގެން ނުވާނެ ވާހަކަތަކެއް.އެފިކުރުގައި އަޅުގަނޑު ހިތަށް އެރި ޕާޓީގެ ހައްގުބާއޭ މުހިންމީ، އަޅުގަނޑުމެންގެ އާންމު މެންބަރުންގެ ހައްގުބާއޭ މުހިންމީ، ސަބަބަކީ ޕާޓީގެ އެތައް މެންބަރުންނެއްގެ ހައްގު އުނިވެގެން ދިޔަކަން އަޅުގަނޑަށް މިފަހަރު ފެނުނީ." އުމަރު ވިދާޅުވި އެވެ.
ޕީޕީއެމް އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ ބޮލުގައިވެސް ތުހުމަތުތަކެއް އަޅުއްވަމުން އުމަރު ވިދާޅުވީ ޕާޓީ ތެރޭގައި އިދާރީ ހުރިހާ މަސައްކަތަކާއި ހަވާލުވެގެން ތިބީ ޔާމީންގެ ސަޕޯޓަރުން ކަމަށާއި އެހެންކަމުން އޭނާގެ ސަޕޯޓަރުންގެ ނަން ޕާޓީގެ ވޯޓިންގ ލިސްޓުން އުނިވީ ކަމަށްވެދާނެ ކަމަށެވެ.
"ކުޅުނީ ރެފްރީ ވެސް ޔާމީން ކޮޅަށް ދީގެން، ލައިންސްމަނުވެސް ޔާމީނަށް ދީގެން، މެޗު ކޮމިޝަނަރު ވެސް ޔާމީނަށް ދީގެން، ކުޅުންތެރިން ވެސް ޔާމީނަށް ދީގެން، އަޅުގަނޑުމެން ޓީމުގައި ތިބީ އެއްކަލަ ދެރަ 11 ނިކަމެތި 11 މީޙުން، މިގޮތަށް މެޗު އޮތްކަން އެނގި ތިބެ އަޅުގަނޑުމެން މެޗަށް އެރީ އަޅުގަނޑަށް ކެމްޕެއިން ކުރި ބައެއް ބޭފުޅުން ވިދާޅުވި އުމަރު އޭ މެޗު ދޫކޮށްލަން ހިގާށޭ، އަޅުގަނޑު ދެންނެވިން ނޫނެކޭ." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޭނާއަށް ތާއީދުކުރައްވާ އެތައް ހާސް މީހުންނެއް ރާއްޖެ އާއި ޕީޕީއެމްގައި އެބަތިބި ކަމަށާއި ޕީޕީއެމްގެ ވާހަކަތައް އާންމު ކުރާނީ ޕާޓީއަށް ލޮޅުމެއް ދިނުމުގެ ބޭނުމުގައި ނޫން ކަމަށެވެ. ވީޓީވީ އާއި ދިޓީވީއިން މުޅި ރާއްޖެއަށް ލައިވް ކުރަމުން ދިޔަ ޖަލްސާގައި އުމަރު ވިދާޅުވީ އޭނާ އެ ހުރިހާ ވާހަކައެއް ދެއްކީ ޕާޓީގެ އެތެރެ ސާފުކުރުމަށް ކަމަށެވެ.
ހަނގުރާމަކުރާނީ ވެސް ކާމިޔާބު ކުރާނީ ވެސް ޕީޕީއެމް ތެރެއިން - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ