ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީ އާއި އެހެނިހެން ޕާޓީތަކުން ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދި ނަމަވެސް ޕީޕީއެމަށް އެއްވެސް ބިރެއް އަދި ނުރައްކަލެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީއަށް ޕީޕީއެމްއިން ކުރި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ކޮންމެ ބޭފުޅަކު ކުރިމަތިލިޔަސް ޕީޕީއެމްއިން އެކަމާ ޖެހިލުން ނުވާނެ ކަމަށާއި، ޕީޕީއެމްއިން އިންތިހާބު އެއްބުރުން ކާމިޔާބުކުރާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވޯޓު ދޭނީ ހަމައެކަނި ޕާޓީގެ މެމްބަރުން ނޫން ކަމަށާއި އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވޯޓުދިނުމުގެ ހައްގު އެބައޮތް ކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ ހުރިހާ ޕާޓީތަކެއްގެ އަދަދު އެއްކޮށްލުމުން 110،000 ނުވަތަ 120،000 އަރާ ކަމަށާއި އޭގެ ދެގުނަ ޕާޓީތަކާއި ނުގުޅި އެބަތިބި ކަމަށެވެ.
"ރިޔާސީ އިންތިހާބުގައި ވޯޓު ދޭނީ ހަމައެކަނި ޕާޓީގެ މެމްބަރުންނެއް ނޫން، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވޯޓުދިނުމުގެ ހައްގު އެބައޮތް. އެހެންވީމާ ޕާޓީތަކުގެ އަދަދަކީ 110،000 ނުވަތަ 120،000 ކަމަށް ވިއްޔާ އޭގެ ޑަބަލް އެބައޮތް ޕާޓީތަކާ ނުގުޅި." މައުމޫން ވިދާޅުވި އެވެ.
ޕާޓީތަކާއި ނުގުޅި ތިބި ރައްޔިތުންގެ ވޯޓަކީ ވެސް މުހިއްމު ވޯޓެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޕާޓީތަކުން ނުކުންނަ ކެންޑިޑޭޓުންނަށް ވޯޓު ލިބޭނީ އެ ޕާޓީތަކުގައި ތިބި މެމްބަރުންގެ އަދަދުން އެކަނި ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކޯލިޝަން ހެދުމަކީ އެއްވެސް ގޮތަކަށް ރިޔާސީ ނިޒާމުގެ ސިފައެއް ނޫން ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީވެސް ބައެއް ކަހަލަ ކަންކަން ރިޔާސީ ނިޒާމާ ފުށުއަރާ ކަންވެސް ރައީސް މައުމޫނު ވިދާޅުވި އެވެ. ރިޔާސީ ނިޒާމުގައި އޮންނަނީ ކޮންމެ ޕާޓީއެއް ވަކިން ވާދަކުރަން ކަމަށް ވެސް ރައީސް މައުމުން ވިދާޅުވި އެވެ.
"އެމެރިކާގަ މި ބުނަނީ އެންމެ މަތީން ވޯޓް ހޯއްދަވާ ބޭފުޅަކު އެއީ ރައީސްއޭ. އެ ހެޔޮ 45 ޕަސެންޓް ވިޔަސް 40 ޕަސެންޓް ވިޔަސް. އެކަމު ރާއްޖޭގަ 50 ޕަސެންޓޭ ބުނާތީ މިވާގޮތަކީ ފުރަތަމަ ބުރު މިސާލަކަށް، 2008 ގައި އަޅުގަނޑަށް ލިބުނު 100 އަކުން 40. ރައީސް އަކަށް ހޮވިވަޑައިގެންނެވި މުހަންމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 100 އަކުން 25. އެހެންވީމަ އެމެރިކާގަ ނަމަ އަޅުގަނޑު ހުރީހީ ހޮވިފައި،" މައުމޫން ވިދާޅުވި އެވެ.
ރިޔާސީ ނިޒާމުގެ އެންމެ ފުރިހަމަ ސިފަ އޮތީ އެމެރިކާގައި ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ ކޯލިޝަން ހެދުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ކަމަށެވެ.
ހޯމް މިނިސްޓަރުގެ މަގާމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލް އަހުމަދު ވަކިކުރެއްވުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވާ މައުމޫން ވިދާޅުވީ ވަޒީރުން ވަކިކުރުމާއި އައްޔަންކުރެއްވުމަކީ އެއިރެއްގައި ހުންނަ ރައީސަކަށް ލިބިވަޑައިގަންނަވާ ބާރެއް ކަމަށެވެ.
ނަމަވެސް ޖަމީލް ވަކިކުރައްވާފައި އޭގެ ތަފްސީލު ދެއްވައި ރައީސް އޮފީހުގެ އިސް ބޭފުޅަކު ދެއްކެވީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށާއި ރައީސް އޮފީހުން ދިން ބަޔާނުގައި ވެސް ޕީޕީއެމަށް ގަބޫލުނުކުރެވޭ ކަންތައްތަކެއް އެބަހުރި ކަމަށް މައުމޫން މިއަދު ވިދާޅުވި އެވެ.
ކެބިނެޓުގަ ތިއްބެވި ހުރިހާ ބޭފުޅުންނަކީ ސަރުކާރު ހިންގުމަށް އެކި ޕާޓީތަކުން ވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށްވާއިރު ޕީޕީއެމް މެމްބަރުން ވެސް ކެބިނެޓްގެ ވުޒާރާގައި ހިމެނެނީ ރައްޔިތުންނަށް ހިދުމަތް ދޭން ބޭނުންވާތީ ކަމަށާއި އެއީ ވަކި ބޭފުޅަކު ރައީސްކަމަށް ކުރިމަތިލައްވާތީ ތައީދުކުރުމަށް އުފެދިފައިވާ ކޯލިޝަން ސަރުކާރެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.
އައްޑޫ ސިޓީއަށް ޕީޕީއެމްއިން ކުރި ދަތުރާއި ގުޅިގެން ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މެދުގައި ޕީޕީއެމްގެ މަގުބޫލުކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށާއި އެގޮތުން ޕީޕީއެމްގެ މެމްބަރުން ނޫން އެހެން ޕާޓީތަކުގެ މެމްބަރުންނާއި، ޕާޓީއަކަށް ނުގުޅި ތިބި ގިނަ އަދަދެއްގެ ބަޔަކުވެސް ޕީޕީއެމްއަށް ތާއީދު ކުރާ ކަމަށެވެ.
މީގެއިތުރުން ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި އައްޑޫ ސިޓީން އެ ޕާޓީއަށް 700 އަށްވުރެ ގިނަ މެމްބަރުން ވަދެފައިވާ ކަން މައުމޫން މިއަދު ހާމަކުރެއްވި އެވެ.
ރައީސް ވަހީދު ކޯލިޝަން ހެދުމަކުން ނުރައްކަލެއް ނެތް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ