ޝަކްތީ ބުނަނީ އޭނާގެ ދަރިފުޅު ޝްރައްދާ ފަރްހާނާ ރައްޓެހި ނުވާ ކަމަށް

"ރޮކް އޮން 2"ގައި އެކުގައި މަސައްކަތްކުރަން ފެށި ހިސާބުން ފެށިގެން ޝްރައްދާ ކަޕޫރާއި ފަރްހާން އަޚްތަރު ރައްޓެހިވެގެން އުޅޭ ކަމުގެ ޚަބަރުތައް ނޫސްތަކުން ފެންނަމުން ދެ އެވެ. އަދި ފަރްހާން އޭނާގެ 17 އަހަރުވީ ކައިވެނި ރޫޅާލައި އަނބިމީހާ ވަރިކޮށްލަނީ ޝްރައްދާ ދެކެ ލޯބިވެގެން ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.
"ރޮކް އޮން 2" ރިލީޒްވުމަށް ފަހު ވެސް ޝްރައްދާ އާއި ފަރްހާންގެ ވާހަކައަށް ހުއްޓުމެއް ނާދެ އެވެ. އެންމެ ފަހުން މިދިޔަ ހަފުތާގައި ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝްރައްދާ ވަނީ އޭނާގެ މައިންބަފައިންގެ ގެ ދޫކޮށް ފަރްހާންގެ ގެއަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އަދި އެކަމާ ރުޅިއައިސްގެން ޝްރައްދާގެ ބައްޕަ ޝަކްތީ ކަޕޫރާއި ބޮޑުދައިތަ ޕަދްމިނީ ކޮލާޕޫރީ ފަރްހާންގެ ގެއަށް ގޮސް ޝްރައްދާ އެގެއިން ނެރެގެން ގެންގޮސްފައިވާ ކަމަށް ވެސް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ނަމަވެސް ޝަކްތީ ކަޕޫރާ މިކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން މިއީ ދޮގު ވާހަކައެއް ކަމަށް ވަނީ ބުނެފަ އެވެ.
ބޮމްބޭ ޓައިމްސް އަށް ޝަކްތީ ދީފައިވާ އިންޓަވިއުއެއްގައި ބުނީ އޭނާގެ އަންހެން ދަރިފުޅަކީ ލިބޭ ހުރިހާ ހުސް ވަގުތެއް ގޭގައި ހޭދަކުރުމަށް ލޯބިކުރާ މީހެއް ކަމަށެވެ. އަދި އެހެން މީހެއްގެ ގޭގައި ދުވަހަކު ވެސް ޝްރައްދާ ނުނިދާ ކަމަށާއި ކިތަންމެ ލަހުން ޝޫޓިން ނިމުނަސް އެނބުރި ގެއަށް އަންނަ ކަމަށް ޝަކްތީ ބުންޏެވެ.
ޝްރައްދާ އާއި ފަރްހާން އިވެންޓެއްގައި
"ޝްރައްދާގެ ތިން ގެ ހުރޭ. އޭގެ ތެރެއިން އެއް ގެއަކީ އަހަރެން އޭނާއަށް ހަދިޔާކުރި ގެއެއް. ލިބޭ ހުރިހާ ހުސް ވަގުތެއްގައި ޝްރައްދާ ހުންނަނީ ގޭގައި. ޝްރައްދާ އެހެން މީހެއްގެ ގޭގައި ނިދި ހަނދާނެއް އަހަންނެއް ނެތް. އެހެން މީހުންގެ ގޭގައި ޝްރައްދާ ނިދަން އުޅުނަސް އޭނާ ގާތަށް ނިދި ނުވެސް އަންނާނެ،" ޝަކްތީ ބުންޏެވެ.
ޝްރައްދާ އާއި ފަރްހާން އަޚްތަރުގެ ލޯބީގެ ވާހަކަ ވެސް ޝަކްތީ ދޮގު ކުރި އެވެ. އޭނާ ބުނީ ފަރްހާން އަކީ ޝްރައްދާ ވަރަށް ގަދަރުކުރާ މީހެއް ކަމަށާއި އެ ދެ މީހުންގެ ލޯބީގެ ގުޅުމެއް އޮންނަހެން ހީނުވާ ކަމަށެވެ. ޝަކްތީ ބުނީ އޭނާގެ ދަރިފުޅުގެ ހަޔާތުގައި ދިމާވާ ހުރިހާ ކަމެއްގެ ވާހަކަ އޭނާއާ ހިއްސާކުރާ ކަމަށެވެ. އަދި ދުވަހަކުވެސް ފަރްހާންއާ އެފަދަ ގުޅުމެއް އޮތް ކަމަކަށް ޝްރައްދާ ނުބުނާ ކަމަށް އޭނާ ބުންޏެވެ.
"އަހަރެން ޝްރައްދާ ގާތު ބުނިން އަދިތުޔާ ރޯއި ކަޕޫރާއެކު "އާޝިގީ 2" ކުޅުނުއިރު އޭނާއާ ޝްރައްދާ އާ އަޅުވާ ކިޔޭ. އޭގެ ފަހުން "ހައިދަރް" ކުޅުނުއިރު ޝާހިދު އާ ވެސް އަޅުވާ ކިޔޭ. "ރޮކް އޮން 2" އަށްފަހު ފަރްހާން އާ ވެސް އަޅުވާ ކިޔަން ފަށައިފިއޭ. އަނެއްކާ މިހާރު އަދިތުޔާ އާ އެކު ފިލްމު ކުޅެން ފެށުމުން އޭނާ އާ ވެސް އަޅުވާ ކިޔަން އަނެއްކާ ފަށާފާނޭ. އަދި "ހާފް ގާލްފްރެންޑް" ގައި އަރްޖުން ކަޕޫރާއެކު މަސައްކަތް ކުރާތީ ދެން އަޅުވާ ކިޔާނީ އަރްޖުން އާ ނޫން ކަމެއް ވެސް ނޭނގެއޭ،" ޝަކްތީ ބުންޏެވެ.
ޝަކްތީ ބުނި ގޮތުގައި މިހާރު އެފަދަ ވާހަކަތައް ނޫސްތަކުން ފެނުމުން އޭނާ އާއި ޝްރައްދާ ގާތަށް އަންނަނީ ހިންޏެވެ. އޭނާ ބުނީ ފިލްމު އިންޑަސްޓްރީގައި 35 އަހަރު ވަންދެން މަސައްކަތް ކޮށްފައިވާތީ މިފަދަ ވާހަކަތައް މީހުން ހަދަހަދައިގެން ދެއްކުމަކީ އޭނާއަށް އާ ކަމަކަށް ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ