ހަވީރު ނޫހުގައި ފާރޫގާއި އިބްރާހިމް ރަޝީދުގެ ހިއްސާ އެބަ އޮތް: ހުކުމް

"ހަވީރު" ނޫހާއި އެ ނޫހުގެ ދަށުން ހިންގާ ލޯމާފާނު ޕްރިންޓަކީ 1983 އިން ފެށިގެން "ހަވީރު ނިއުސް އެޖެންސީ" ގެ ދަށުން ހިންގަމުން އަންނަ ތަންތަން ކަމަށް ކަނޑައަޅައި، އޭގައި ފާރޫގު ހަސަނާއި އިބްރާހިމް ރަޝީދު މޫސާގެ ހިއްސާ އޮތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ހައި ކޯޓުން އެގޮތަށް ހުކުމްކުރީ ފާރޫގާއި ރަޝީދު، "ހަވީރު"ގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިނާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނާކާމިޔާބުވުމުން ހައި ކޯޓުގައި ކުރި އިސްތިއުނާފުގަ އެވެ. ހައި ކޯޓުގެ ފަނޑިޔާރު އަބްދުއް ރައޫފް އިބްރާހިމާއި އަލީ ސަމީރު އަދި ދާދި ފަހުން އެ ކޯޓަށް އައްޔަންކުރި އަބްދުﷲ ދީދީ ބެއްލެވި މައްސަލާގައި ކުރި ހުކުމުގައި ވަނީ "ހަވީރު" ނޫހާއި ލޯމާފާނު ޕްރިންޓުގައި ފާރޫގާއި ރަޝީދުގެ 25 ޕަސެންޓް ހިއްސާ އޮތްކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށެވެ. "ހަވީރު" ނޫސް ހިންގުމާ ބެހޭ ގޮތުން އެ ދެ ބޭފުޅުންނާއި މުހައްމަދު ނައީމް (މޮނާޒާ ނައީމް) އަދި ޒާހިރުގެ ނަމުގައި، ހަވީރު ނިއުސް އެޖެންސީ އުފަައްދަން ކޮށްފައިވާ އެއްބަސްވުމަކީ އެ އެޖެންސީ ރަޖިސްޓްރީވެ ހިނގުންކަން ހައި ކޯޓުގެ ހުކުމުގައި ނިންމާފައިވެ އެވެ. އެކަމަކު ކޯޓުގެ އެއްވެސް އަޑުއެހުމެއްގައި އެ އެޖެންސީ ރަޖިސްޓްރީކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ. ހައި ކޯޓުގެ އަޑުއެހުންތަކުގައި ވެސް ޒާހިރާއި ޒާހިރުގެ ވަކީލުން ނެންގެވި އެއް ޕޮއިންޓަކީ ކޮންމެ އިންވެސްޓްމަންޓެއްގައި ވެސް އޭގައި ބައިވެރިވާ ބައެއްގެ ފައިސާ ހިމަނަން ޖެހޭނެ ކަމަށެވެ. އެގޮތުން ހަވީރު ނިއުސް އެޖެންސީގެ ހިއްސާދާރުންގެ ތެރެއިން އަނެއް ތިން ބޭފުޅުންގެ އެއްވެސް ކެޕިޓަލެއް "ހަވީރު" އަދި އެ ނޫހުގެ ޗާޕް ބަޔަށް ލާފައި ނުވާނެ ކަމަށާއި އެހެންވެ އެ މިލްކިއްޔާތުގައި އެމީހުންގެ ހައްގެއް ނޯންނާނެ ކަމަށް ޒާހިރުގެ ފަރާތުން ވަކާލާތުކުރެއްވި އެވެ. ހަވީރުގެ ތަރައްގީ އަށް ހުރިހާ ފައިސާއެއް ހޭދަކުރެއްވީ އަމިއްލަ އަށް ނެންގެވި ލޯނުތަކުންކަން ސާބިތުކުރައްވަން ޒާހިރު ވަނީ ހެކި ހުށަހަޅުއްވާފައިވެ އެވެ. އެއިން އެއްވެސް ލޯނެއްގައި ފާރޫގާއި ރަޝީދު ބައިވެރިވެވަޑައިގެންފައިނުވާނެ ކަމަށާއި އެހެންވެ އެ ދެ ބޭފުޅުންގެ ހައްގެއް "ހަވީރު"ގައި ނޯންނާނެ ކަމަށް ވަކާލާތުކުރެއްވި އެވެ. ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ހަވީރު ނިއުސް އެޖެންސީގެ އެއްބަސްވުން ސައްހަ ކަމަށާއި އެ އެއްބަސްވުން އަދިވެސް ދެމި އޮތް ކަމަށެވެ. އެހެންވެ ފާރޫގާއި ރަޝީދުގެ ހިއްސާއިން އެ ދެ ބޭފުޅުންނަށް ލިބެން ޖެހޭ މިންވަރު ކަނޑައަޅަން ސިވިލް ކޯޓުގައި ދައުވާކުރުމުގެ ހައްގު އެ ދެ ބޭފުޅުންނަށް އެބަ އޮތް ކަމަށް ހުކުމުގައި ކަނޑައަޅާފައިވެ އެވެ. "ހަވީރު"ގެ މިލްކުވެރިކަމާ މެދު ފާރޫގާއި ރަޝީދު މިދިއަ އަހަރުތަކުގައި ދައުވާ ނުކޮށް، އަދި އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވުމަކީ އެ ދެ ބޭފުޅުންގެ ހިއްސާއާ މެދު ދައުވާކުރަން މަނާވާނެ ކަމެއް ނޫން ކަމަށް ވެސް ހުކުމައި ބުނެފައިވެ އެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ނުކޮށްފި ނަމަ ދައުވާ ކުރުން މަނާކުރާ އެއްވެސް ގާނޫނެއް ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ