އެމްޑީޕީގެ އެއްވުންތަކުގައި ބައިވެރިނުވުމަށް ގާސިމް ގޮވާލައްވައިފި

އެމްޑީޕީން މިހާރު ސިލްސިލާ ގޮތެއްގައި މާލޭގައި ބާއްވަމުން އަންނަ އެއްވުންތަކުގައި ބައިވެރިނުވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
ގާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ބޮޑުންގެ ބަޔަކު ބޭނުންވާ ގޮތަށް ރާއްޖޭގައި ފަސާދައާ އަނިޔާވެރިކަން އާއްމުވެއްޖެނަމަ، އެކަމުގެ ގެއްލުން ލިބޭނީ ދިވެހި ޢާއިލާތަކަށާއި ގައުމަށް ކަމަށެވެ.
ރަށްރަށުން މީހުން މާލެ އައުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އިއްޔެ ގޮވާލާފައިވީ ނަމަވެސް އެކަމަށް އެއްވެސް ރައްޔިތަކު ތާއީދުނުކުރުމަށް ވެސް ގާސިމް ވަނީ ގޮވާލައްވާފައެވެ. އިއްޔެ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދެއްކެވި މެންބަރުން ވަނީ 10 ނޮވެމްބަރުގެ ކުރިން އިންތިހާބެއް ރާއްޖޭގައި ނުބާއްވައިފިނަމަ ރާއްޖޭގެ ރަށް ރަށުން މީހުން މާލެ އައިސް މާލެ ފުރާލުމަށް ގޮވާލާފައެވެ.
ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ އޮޅުވާލުންތަކުން ރައްޔިތުންނަށް ކަށަވަރުވެފައިވަނީ، ޒަމާނުއްސުރެ ރާއްޖޭގައި ނަގާ ކޮންމެ ވޯޓެއްގައި ވޯޓު އޮޅުވާލި ކަމަށް ކުރާ ތުހުމަތުތަކަކީ އަޅާނުލައި ދޫކޮށްލެވޭ ވަރަށް ވުރެ ސީރިއަސް މައްސަލަތަކެއް ކަމަށެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި އިންތިހާބާބެހޭ ގާނޫނުތަކާ ހިލާފު އެތައްކަމެއް ހިންގައި، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އޮޅުވާލައި، ވަގަށް ވޯޓު ކަރުދާސް ޗާޕްކުރުން ފަދަ އެތައް ޖަރީމާއެއް ހިންގާފައިވާ ކަމުގެ ސާބިތު ހެއްކާއެކު ސުޕްރީމްކޯޓަށް ޖޭޕީން ހުށަހެޅީ ރައްޔިތުންނަށް ލިބިފައިވާ ވޯޓު ދިނުމުގެ އަސާސީ ހައްގު ރައްކާތެރި ކޮށްދޭން ކަމަށާއި ރައްޔިތުންދޭ ވޯޓަކީ އިތުބާރުހުރި ގޮތުގައި ދެވޭ އަދި އަމާނާތްތެރި ގޮތުގައި ގުނޭ ވޯޓަކަށް ހަދަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ސުޕްރީމްކޯޓުން ނިންމާ އުސޫލުތަކެއްގެ މަތީން ރިޔާސީ އިންތިހާބުގެ ކަންކަން ކުރިއަށް ދާނެ ކަމަށާއި މި ހާލަތުގައި ރައްޔިތުންގެ މައްޗަށް އޮތީ، ގާނޫނަށް ބޯލެނބުމާ، ސުޕްރީމް ކޯޓުގެ ނިންމުމަށް ޢަމަލު ކުރުމާ، ރާއްޖޭގެ މަސްލަހަތާއި ހަމަޖެހުމަށް އިސްކަން ދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ