ކައިވެނި ނުކޮށް ލިބޭ ކުދިންގެ ވަނަވަރުން ކުދިންނަށް ގެއްލުން ނުވާ ގޮތް ހަދަން ނިންމައިފި

ކައިވެނީގެ ބޭރުން އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި ހިމަނާ މައުލޫމާތު، އެކުދިންނަށް ގެއްލުން ނުވާނޭ ގޮތަށް ހިމަނަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ.
އެ މަނިކުފާނު މި ގޮތަށް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު އެވެ. ރައީސް އޮފީހުން ބުނީ މިގޮތަށް ރައީސް ނިންމެވީ، ކައިވެނިން ބޭރުން އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި ހިމަނާ މައުލޫމާތު، މިހާރު ހިމަނާފައި ހުންނަ ގޮތުން، އެފަދަ ކުދިންގެ ތައުލީމީ އަދި އިޖްތިމާއީ ކުރިއެރުމަށް ހުރަސްއެޅެމުންދާ ކަމަށް ފާހަގަކުރެވިގެން ކަމަށެވެ.
އަދި އޭގެ ސަބަބުން އެފަދަ ކުދިންނަށް ނަފްސާނީ ގޮތުން މައްސަލަތައް ކުރިމަތިވެ މުޅި ދިރިއުޅުމަށް އެކަމުގެ ހިޔަނި އެޅެމުންދާކަންވެސް ފާހަގަކުރެވިގެނެވެ.
އިސްލާމީ ވަރަށް ގިނަ ގައުމުތަކުގެ މިފަދަ ކުދިންނަށް އެކުދިންގެ ޒަރޫރީ މަޢުލޫމާތުތައް ރަސްމީ ލިޔެކިޔުންތަކުގައި ހިމެނުމުގައި، ހާއްސަ ގޮތްތަކެއް ހަމަޖައްސާފައިވާކަން ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް މަޝްވަރާ އެރުވުމާ ގުޅިގެން، މިގޮތަށް އަމަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ