އެމް ޓީވީ ލަވް ސްކޫލް ސީޒަން 2 ގެ ނަސީބުވެރިން އިޢުލާންކޮށްފި

މިދިޔަ ހޮނިހިރު ދުވަހު އިޢުލާން ކޮށްފައިވާ އެމް ޓީވީ ލަވް ސްކޫލް ސީޒަން ދޭއް ގެ ނަސީބުވެރިންނަކީ ދިއްލީއަށް ނިސްބަތްވާ ދެ ލޯބިވެރިންކަމަށްވާ ޕަޝާ ޑޯލް އަދި ކެމްރާޖް ބަރްދް ވަޖްއެވެ.
 
ލަވް ގުރޫޒްގެ ގޮތުގައި ފާހަގަކޮށްލެވޭ ދެ އެކްޓަރުންކަމަށްވާ ކަރަން ކުންޑްރާ އަދި އަނުޝާ ދަންދެކަރް ހުށަހަޅާދީފައިވާ މި ޝޯގައި މައިގަނޑުގޮތެއްގައި ފެނިގެން ގޮސްފައިވަނީ 10 ލޯބިވެރިން އެކަކު އަނެކަކު މެދުގައިވާ ޖެހިފައިވާ މައްސަލަތައް ހައްލުކޮށް އެމީހުންގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވޭ ތަފާތު އެކި ކަހަލަ ކަންކަމެވެ.
 
ޝޯވގެ ނަސީބުވެރިއެއް ކަމުގައިވާ ޕަޝާ ބުނެފައިވާ ގޮތުގައި ޝޯވ ފެށުމުގެ ކުރިން އޭނާއާއި ކެމްރާޖްއާއި ދެމެދު ތަފާތު މައްސަލަތައް އުފެދިފައިވި ކަމުގައިވިޔަސް ޝޯގައި ބައިވެރިވި ހިސާބުން އެމީހުންގެ ގުޅުންވަނީ ބަދަހިވެގެން ގޮސްފައެވެ.
ޕަޝާ އިތުރަށް ބުނެފައިވަނީ ލަވް ސްކޫލްގައި އެމީހުން ހޭދަކުރި ދުވަސްކޮޅުން އޭނާއަށް އެނގިގެން ދިޔައީ ކެމްރާޖް އަކީ އޭނާއަށް އެންމެ އެކަށޭނެ ބައިވެރިޔާކަމަށާއި އެފަދަ ދެވަނަ ބައިވެރިޔަކު ދެން އޭނާއަށް ނުލިބޭނެ ކަމަށެވެ.
 
މި ކާމިޔާބީއާ ބެހޭގޮތުން ވާހަކަދައްކަމުން ކެމްރާޖް ބުނެފައިވަނީ މިހާރު އޭނާ ހުރީ ވަރަށް އުފަލުންކަމަށާއި ޕަޝާއަކީ އޭނާގެ ހިތްހަމަޖެހުންކަމަށެވެ. މި ދެ ލޯބިވެރިންނަކީ ތަފާތު ދެ ޤައުމަކަށް ނިސްބަތްވާ ދެ މީހުން ކަމަށްވުމުން، ގިނަ މީހުންގެ ނަޒަރުގައި އެ މީހުންނަށް  ޝޯވ ކާމިޔާބު ނުކުރެވޭނެހެން ހީވި ކަމުގައިވިޔަސް އެދެ ބައިވެރިން މިއަދު އެވަނީ އުފަލާއި ހިތްހަމަޖެހުމާއި އެކު އެ ޝޯވ ކާމިޔާބުކޮށްފައި ކަމަށް ވެސް ކެމްރާޖް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ