ގިނަ އަދަދެއްގެ ފައިސާ އާ އެކު ވަގަށް ނެގި ތިޖޫރި ވަޅުލާފައި އޮއްވާ ހޯދައިފި

ފަޒީނާ އަހުމަދު
ގިނަ އަދަދެއްގެ ފައިސާ އާ އެކު އިއްޔެ ވަގަށް ނެގި އދ. ދަނގެތީ ސިއްހީ މަރުކަޒުގެ ތިޖޫރި އެ ރަށު އަތިރިމަތީގައި ވަޅުލާފައި އޮއްވާ ފުލުހުން ހޯދައިފި އެވެ.
ސިއްހީ މަރުކަޒުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ތިޖޫރި ވަގަށް ނެގިއިރު 78،000ރ. އާއި 2،000ރ. ގެ ޗެކެއްގެ އިތުރުން 16 ޑޮލަރު އޮތް ކަމަށެވެ. ތިޖޫރި ވަޅުލާފައި އޮއްވާ ފުލުހުން ނެގިއިރު އެ ހުރިހާ ފައިސާއެއް ހަމައަށް ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭގައި ހުރި ފައިސާތަކާ އެކު ފުލުހުން ވަނީ ތިޖޫރި ހަވާލުކޮށްފައި. އެ ތިޖޫރި ވަރަށް މަސައްކަތަށް ފަހު، ވަގަށް ނަގާފައި ވަނީ އިއްޔެ ރޭ ދަންވަރު ކަމަށް ލަފާކުރެވެނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިއްހީ މަރުކަޒުގެ ދޮރުތަކެއް ހުޅުވަން މަސައްކަތް ކޮށްފައި ހުރުމުން ތިޖޫރި ވަގަށް ނެގުމުގެ ކުރިން ވެސް ބަޔަކު އެތަނުން ކަމެއް ކުރަން އުޅޭ ކަމަށް ވަނީ ޝައްކުވެފަ އެވެ.
ތިޖޫރި ވަގަށް ނެގި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށް އެބަދާ ކަމަށް ފުލުހުން ބުނެ އެވެ. ސިއްހީ މަރުކަޒުން ބުނީ، ތިޖޫރި ވަގަށް ގެންދިޔަ މީހުންގެ އަތުގެ ނިޝާން ކުޑަ ދޮރުގައި ފެންނަން ހުރި ކަމަށެވެ.
ދާދި ފަހުން ފައިސާތަކާ އެކު ކިހާދުއްޕަރު ރިސޯޓުގެ ތިޖޫރި ވެސް ބަޔަކު ވަނީ ފޭރިގަނެގެން ގެންގޮސްފަ އެވެ. އެ ތިޖޫރި ގެންގޮސްފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު އެ ރަށަށް އަރައި ސިކުއުރިޓީންނަށް ބިރު ދެއްކުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ