ޕޯޗްގީޒުން ރާއްޖެ އަޅުވެތިކޮށްގެން ތިބި ތިބުމަށް ނިމުން ގެނައުމުގެ ވަރުގަދަ ޢަޒުމާއި އެކު ތިލަދުންމަތިން އުތީމު ތިން ބެއިން މަސައްކަތް ފެށިއެވެ. މުހައްމަދު ތަކުރުފާނުގެ މާލިމީ ކަމުގެ ދަށުން މިމަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ ވާހަކަ ދެއްކެވީ ބޮޑު ތަކުރުފާނުގެ ދެ ބެއިން ކަމުގައިވާ ޢަލި ތަކުރުފާނާއި ޙަސަން ތަކުރުފާނެވެ. އަދި އެބޭފުޅުންގެ މި މާތް މަސައްކަތުގައި ދެހާޖީންގެ އިތުރުން ނޮޅިވަރަމްފަރު އެދުރު ކަލޭފާނާއި ދުވާފަރު ދަންޑަހެލުވެސް ބައިވެރިވިއެވެ.
ޕޯޗުގީޒުންގެ އަނިޔާވެރިކަން އިންތިހާއަށް ދިއުމާއި ޢައިރު ދީނަށް ރާއްޖެ އަނބުރާލުމަށް ޕޯޗުގީޒުން މަސައްކަތް ފެށުމާއި އެކު އުތީމު ތިންބެއިންނަށް މިކަން ބަލަން މަޑުން ނުތިބެވުނެވެ. ރާއްޖެ މިނިވަން ކުރަން ކުރި ދަތުރުގައި ތިލަދުންމަތިން ނުކުތް "ލަޝްކަރަށް" އެތައް އުނދަގުލާއި ތުރާތަށް ދިޔައީ ކުރިމަތިވަމުންނެވެ. އެގޮތުން އުތީމު ޢަލީ ތަކުރުފާނު ޝަހީދުކޮށްލުން ވެގެން ދިޔައީ ބޮޑު ތަކުރުފާނާއި އެތަކުރުފާނާއި އެކު ރާއްޖެ މިނިވަން ކުރަން މަސައްކަތް ކުރަމުންދިޔަ އެކުވެރިންނަށް ލިބުނު ހިތާމަ އަކަށެވެ.
ޢަލީ ތަކުރުފާނުގެ ހަޔާތް:
ޢަލީ ތަކުރުފާނަކީ މުހައްމަދު ތަކުރުފާނުގެ ބޭބޭ ފުޅެވެ. ޙުސައިން ޚަޠީބު ތަކުރުފާނު ކައިވެނި ބައްލަވައިގެންނެވީ ހއ. މާރަންދޫ މުދިންކަލޭގެ ދަރިއަކާއެވެ. ޢަލީ ތަކުރުފާނު އުފަންވީ އުތީމުގައި ކަމަށް ތާރީހުގެ ފަތްފުށްތަކުން އެނގެއެވެ. އެހެންނަމަވެސް ވަރަށް ޒުވާން އުމުރުގައި ޢަލީ ތަކުރުފާނަށް މަންމާފުޅުގެ ރަށްކަމުގައިވާ މާރަންދޫގެ ކަތީބުކަން ލިބިފައިވެއެވެ. އުތީމު އަންހެނަކާއި ކައިވެނި ބައްލަވައިގެން މާރަންދޫ ކަތީބުކަމުގެ މަގާމު ފުރުއްވަން އަންހެނުންނާއި އެކު މާރަންދޫއަށް ބަދަލުވިއެވެ.
ރާއްޖެ މިނިވަން ކުރުމުގެ ޢަޒުމުގައި މަސައްކަތް ފެށުން:
ޢަލީ ރަސްގެފާނު ޝަހީދު ކުރުމަށްފަހު 15 އަހަރާއި 6 މަސް ވަންދެން ރާއްޖޭގައި ހިނގަމުންދިޔަ އަނިޔާވެރި ވެރިކަމާއި ދެކޮޅަށް ފެށިދިޔައީ ފެށި މަސައްކަތަށް ޢަލީ ތަކުރުފާނު ވެންނެވީ ޢަލީ ތަކުރުފާނުގެ ކޮއްކޮ މުޙައްމަދު ތަކުރުފާނުގެ ފަރާތުންނެވެ. އިންޑިއާގެ ބޭދާޅީއަށް ވަޑައިގެން ކިޔަވާ ވިދާޅުވުމަށްފަހު މުޙައްމަދު ތަކުރުފާނު ރާއްޖެ ވަޑައިގެން ތިންބެއިން މިމަޝްވަރާ ކުރެއްވިއެވެ. ކުރެވުނު މަޝްވަރާއަށް ފަހު މިޖިހާދުގެ ލީޑަރަކަށް މުޙައްމަދު ތަކުރުފާނު ހަމަޖައްސަވާ މަސައްކަތް ފެށިއެވެ.
އުތީމު ތިން ބެއިން ފެށި ޖިހާދުގެ ލީޑަރަކަށް ހަމަޖެއްސެވި ގޮތުގެ ވާހަކަ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވާ "ބޮޑުތަކުރުފާނުގެ ވާހަކަ" މިފޮތުގެ 159 ސަފްހާގައި ލިޔުއްވާފައިވެއެވެ. "ބޮޑުތަކުރުފާނުގެ ޢާއިލާގައި ޢަލީ ތަކުރުފާނަކީ ދޮށީ ބޭބޭފުޅުކަމަށްވިޔަސް، ރާއްޖެ މިނިވަން ކުރެއްވުމުގެ މަތިވެރި ޖިހާދުގައި ލީޑަރަކަށް ބޮޑުތަކުރުފާނު ހަމަޖައްސަވައި އެތަކުރުފާނުގެ އަތްޕުޅު މައްޗަށް ޢަލީތަކުރުފާނުވެސް ބައިޢަތު ހިޕެވިއެވެ." މިފަދައިންނެވެ.
ޖިހާދުގެ ދަތުރު ފެށުމުގެ ކުރިން މުޙައްމަދު ތަކުރުފާނުގެ އާއިލާ މަލިކަށް ބަދަލު ކުރެއްވި ނަމަވެސް ޢަލީ ތަކުރުފާނު ނިންމެވީ އެތަކުރުގެ ޢާއިލާ ރަށުގައި ބަހައްޓާށެވެ. މަލިކަށް ކުރި ދަތުރުގައި ޢަލީ ތަކުރުފާނު ބައިވެރިވިކަމަށް ތާރީޙުގެ ފަތްތަކުން އެނގެއެވެ. "ދެހާޖީންނާ އެބޭފުޅުން ބައްދަލުވީ މަލިކުން" ކަމަށް ލިޔުންތަކުން އެނގެއެވެ.
"ކަޅުއޮއްފުންމީގެ" ދަތުރު ފެށުން:
ވަރަށް ސިއްރުން ޖިހާދުގެ މަޝްވަރާތައް ކުރައްވަމުން މިޖިހާދަށް ބޭނުންވާ ކަންކަން ކުރައްވަމުން ރަސްމީ މަސައްކަތް ފެއްޓިވިއެވެ. "ކަޅުއޮއްފުންމި"ގައި ޖިހާދުގެ މަސައްކަތް ފެށުމުގެ ކުރިން އުތީމު ކަނދުވަލު މިސްކިތުގައި ފަތިސްނަމާދު ތިން ބެއިން ކުރެއްވިއެވެ. "ކާމިޔާބު ލިބުމުން ނޫނީ ޖިހާދުގެ މަސައްކަތް ހުއްޓަވާ ނުލުމަށް" އެއްބަސްވެ ގެރިއްލާގެ އުސޫލުން ހަނގުރާމަ ކުރައްވަން ފެއްޓެވިއެވެ. ކޮންމެރެއަކު އިރުއޮއްސުމުން ރަށްރަށަށް އަރައި އެރަށްރަށުގައިތިބި ޕޯޗުގީޒު ސިފައިން މެރުމަށްފަހު އިރުއެރުމުގެ ކުރިން ކަޅުއޮއްފުންމިއަށްއަށް ބޭނުންވާ ސާމާނު އަރުވައިގެން ރާއްޖެ ނުފެންނަ ހިސާބަށް ގޮސް އޮބާލަނީއެވެ.
މިއުސޫލުން ޕޯޗުގީޒުންނަށް ގެއްލުން ދެމުން ދިޔައިރު "ކަޅުއޮއްފުންމި" ދުއްތުރާ ޕޯޗުގީޒުންނަށް ދިޔައީ އިންތިހާއަށް ލިބެމުންނެވެ. އޭރު ބޮޑުތިލަދުންމަތީގެ އަތޮޅު ވާރަކަށް ހުރީ ވިޔަޒޯރުއެވެ. އޭނާއަކީ މުޙައްމަދު ތަކުރުފާނުގެ ކުރިން އިތުބާރު ކުރި މީހެއް ކަމުގައިވިޔަސް ޕޯޗުގީޒުންނަށް ލިބެމުން ދިޔަ ދުއްތުރާގެ ސަބަބުން އުތީމު ތިން ބެއިން އަތު ޖެހޭތޯ ދިޔައީ ވަރަށް މަސައްކަތް ކުރަމުންނެވެ.
ޢަލީ ތަކުރުފާނު ޝަހީދުކޮށްލުން:
ޕޯޗުގީޒުންނާއި ދެކޮޅަށް ހަމަލާތައް ދެއްވާ ފަތިސްވުމުން ރާއްޖެ އޮބާ "ކަޅުއޮއްފުންމި" ދަތުރު ކުރައްވާއިރު ބައެއް ފަހަރު ޢަލީ ތަކުރުފާނު ޢާއިލާގެ ހާއްލު ބެއްލެވުމަށް ހއ. ތަކަންދޫއަށް ފައިބާކަމަށްވެއެވެ. އަނބިކަނބަލުންގެ ހާއްލު ބެއްލެވުމާއި ޢާއިލާގެ އެހެންބޭފުޅުންނާއި އެކު ވަގުތު ހޭދަކުރުމަށް އެއްރޭ މަޑު ކުރެއްވިއެވެ.
ތާރީހު ލިޔުންތެރިޔާ ނަސީމާ މުޙައްމަދު މިވާހަކަ ލިޔުއްވާފައިވަނީ މިހެންނެވެ.
މިހިތާމަވެރި ހާދިސާއަކީ ޕޯޗުގީޒުންނާއި ދެކޮޅަށް އުތީމު ތިންބެއިން ފެށި ޖިހާދަށް ލިބުނު ބޮޑު ގެއްލުމެކެވެ. ތިން ބެއިންގެ ތެރެއިން އެއް ބެޔެއް ޝަހީދުވުމުން ގިނަ ބަޔަކަށް ހިތްދަތިކަން ލިބިގެންދިޔައިރު ޕޯޗުގީޒުންނަށް އެކަން ވެގެން ދިޔައީ ލިބުނު ބޮޑު ކާމިޔާބަކަށެވެ. އެހެންވެ ޢަލީ ތަކުރުފާނުގެ އިސްތަށިފުޅު ކަނޑާލުމަށްފަހު އަނދިރި އަނދިރިންނަށް ވެދުން ކުރަން ޕޯޗުގީޒުން މާލެއަށް ދަތުރު ފެށިއެވެ. ޢަލީ ތަކުރުފާނުގެ ހަށިގަނޑު ހއ. ތަކަންދޫގައި ފަސްދާނުލާން ޖެހުނީ އިސްތަށިފުޅާއި ނުލައެވެ.
ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވާ ބޮޑުތަކުރުފާނުގެ ވާހަކަ ފޮތުގައިވެސް މިހިތާމަވެރި ހާދިސާގެ ތަފްސީލް ލިޔުއްވާފައިވެއެވެ. ޢަލީ ތަކުރުފާނުގެ ކަޑީން ދިހަބާރަ މީހުން ގަތުލު ކުރެއްވުމަށްފަހު ކާފަރުންގެ ކަޑިން ޢަލީ ތަކުރުފާނު ޝަހީދުވިކަމަށް އެފޮތުގައިވެއެވެ.
"ބޮޑު ތަކުރުފާނުގެ ވާހަކަ" މިފޮތުގެ 194 ސަފްހާގައި ލިޔުއްވާފައިވެއެވެ.
ޢަލީ ތަކުރުފާނު ޝަހީދުކޮށްލުމަށްފަހު:
"ކާމިޔާބު ލިބުމުން ނޫނީ ޖިހާދުގެ މަސައްކަތް ހުއްޓަވާ ނުލުމަށް" ޢަލީ ތަކުރުފާނާއި އެކު އެއްބަސްވި އެއްބަސްވުމައި އެކު ހިތްވަރު އެލުވާނުލާ މުޙައްމަދު ތަކުރުފާނާއި އެކުވެރިން ދެމިތިބިއެވެ. އިތުރު ހިތްވަރާއި އެކު ޕޯޗުގީޒުންނަށް ދައްކަމުން ދިޔަ އަހުވަ އިތުރުކޮށް ހަމަލާތައް ވަރުގަދަ ކުރިއެވެ.
ޢަލީ ތަކުރުފާނު ޝަހީދުވެގެން ދިޔުން ވެގެން ދިޔައީ ތިލަދުންމަތިން ފެށިގެން އައި ޖިހާދަށް ލިބުނު ބޮޑު ގެއްލުމެއްކަން ޕޯޗުގީޒުން ޤަބޫލުކުރިއެވެ. އަދި ޢަލީ ތަކުރުފާނުގެ އިސްތަށިފުޅު ކަރާއި ހިސާބުން ބުރިކޮށްލާ އެތަކުރުގެ އިސްތަށިފުޅު ހިފައިގެން މާލެ ދަތުރު ފެށިއެވެ. އަނދިރި އަނދިރީނަށް ވެދުން ކުރުމަށް މާލެ ފޮނުވި ޢަލީ ތަކުރުފާނުގެ އިސްތަށިފުޅު މާލެއަށް ފޯރައިފިއެވެ. މިޚަބަރު މާލޭގެ ރަށްޔިތުންނަށް ލިބުމާއި އެކު ޢަލީ ތަކުރުފާނުގެ އިސްތަށިފުޅު ޕޯޗުގީޒުންގެ އަތުން އަތުލިއެވެ. އަދި މާލެ ކައިރީ ކ. ފުނަދޫގައި ފަސްދާނުލާ މަހާނަގާ ޖެހިއެވެ. އެމަހާނަ ގަލުގައި ޢަލީ ތަކުރުފާނު އަވަހާރަކޮށްލީ ހިޖުރައިން 980 ވަނަ އަހަރުގައި ކަމަށް ޢަރަބި ބަހުން ލިޔެފައިވެއެވެ.
ޢަލީ ތަކުރުފާނުގެ ހަށިކޮޅު ފަސްދާނު ލެވިފައިވަނީ ހއ. ތަކަންދޫގައެވެ. އިސްތަށިފުޅު ފަސްދާނު ލެވިފައިވަނީ ކ.ފުނަދޫ ގައެވެ.
ޢަލީ ތަކުރުފާނު ޝަހީދުވުމާއި ފޯޗުގީޒުންގެ ނިމުން:
ޢަލީ ތަކުރުފާނު ޝަހީދުވުމަށްފަހު ޕޯޗުގީޒުންނާއި ދެކޮޅަށް ކުރިއަށް ދިޔަ ހަމަލާތައް ވަރުގަދަކުރި ނަމަވެސް ޕޯޒުކީޒުން ދިޔައީ އިތުރަށް ފާރަވެރިވަމުންނެވެ. އެހެންކަމުން އެކަނި ޕޯޗުގީޒުން ބަލިކުރައްވާ މާލެ ނުހިފޭނެކަން މުޙައްމަދު ތަކުރުފާނު ޤަބޫލުކުރެއްވިއެވެ. އެހެންކަމުން ކަންނަންނޫރަށް ވަޑައިގަތެވެ. އަދި ކަންކަންނޫރު އަލީ ރާޖާއާއި ބައްދަލުކޮށް ހަނގުރާމަ މަތީ ގުރާބާއި ލަޝްކަރެއް ދެއްވުމުން މާލެއައިސް ޕޯޗުގީޒުންނަށް ހަމާލާދީ ބަލިކުރުމަށް ދަތުރު ފެށިއެވެ. އަދި މާލެ އަރާ ޕޯޗުގީޒުން ބަލިކޮށް ރާއްޖެ މިނިވަން ކުރިއެވެ.
ތިލަދުންމަތިން ފެށި ޖިހާދު ނިމިގެން ދިޔައީ ޢަލި ތަކުރުފާނު ޝަހީދުވުމަށްފަހުގައެވެ. 980 ވަނަ އަހަރު ޢަލީ ތަކުރުފާނު ޝަހީދުވިއެވެ. ޖެހިގެން އައި އަހަރު ޢަލީ ތަކުރުފާނުވެސް ބައިވެރިވެގެން ފެށި ޖިހާދަށް ކާމިޔާބު ލިބިގެން ދިޔައެވެ. ޢަލީ ތަކުރުފާނަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ ޝަހީދުންގެ ދަރަޖަ ދެއްވާށިއެވެ. އަދި މި ލަޝްކަރުގެ އެންމެހާ ބޭފުޅުންނަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. ދިވެހިރާއްޖެ މިނިވަން ކުރުމަށް އެބޭފުޅުން ކުރި މަސައްކަތް ޤިޔާމަތާއި ޖެހެންދެން ދަމަހައްޓަވާށިއެވެ.
ޢަލީ ތަކުރުފާނު: ތިން ބެއިންގެ ތެރެއިން ޝަހީދު ކޮށްލެވުނު ތަކުރުފާނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ