ޝަހީމްް އާއެކު ގިނަ އިލްމުވެރިން އިދިކޮޅާ ގުޅޭނެ: އާދަމް ޝަރީފް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް މަސައްކަތް ކުރަން ފެށުމާއެކު ގިނަ އިލްމުވެރިން އިދިކޮޅާ ގުޅޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށްފަހު ޝަހީމް ރާއްޖެ ވަޑައިގެންފައިވާއިރު އޭނާ އަށް އިއްޔެ ވަނީ އިދިކޮޅު ކޯލިޝަނުގެ އެޑްވައިޒަރުކަން ހަވާލުކޮށްފައެވެ.
އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ޝަހީމް މަސައްކަތް ފެއްޓެވުމުން އިތުރު ގިނަ އިލްމުވެރިން ޕީޕީއެމް ޕީއެންސީއާ ގުޅޭނެ ކަމަށެވެ. އަދި ރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް އިދިކޮޅުން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ހަރުކަށި ފިކުރާއި ލާދީނީ ފިކުރާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްވެސް ވަރުގަދަ ކުރާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
Dr Shaheem masakkaiy fettevumun ithuru gina ilmuverin PPMPNC aai gulhivadaigannavaane. Adhi, raajjeygai Islaamee wahudhath rakkaatheri kurumah PPMPNC kuramundhaa masakkaiythah ithurah harudhanaakoh, extremism aai atheism aa dhekolhah kuramundhaa masakkaiy varugadha kuraanan, IA. pic.twitter.com/JCstg1IaVr
— Adam Shareef Umar (@Adamshareefz) September 25, 2020
ޝަހީމް އަކީ ޕީޕީއެމްގެ ކައުންސިލު މެމްބަރެއް ކަމަށްވާއިރު އޭނާ އަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓުކަން ވެސް ކުރެއްވި ފަރާތެވެ. އިންތިހާބުން ލިބުނު ނާކާމިޔާބީއާއެކު ޝަހީމް ވަނީ ރާއްޖެ އިން ބޭރުގެ ވަޒީފާ އަކަށް ވަޑައިގަންނަވާފައެވެ.
އެގޮތުން ޝަހީމް ވަޑައިގެންނެވީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމަށެވެ. އޯއައިސީގެ މައި އިދާރާ ހުންނަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައެވެ.
ޝަހީމް ވަނީ މީގެކުރީގެ ސަރުކާރުތަކުގައި ރާއްޖޭގެ އިސްލާމިކް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.
އިދިކޮޅު ކޯލިޝަނުގެ އެޑްވައިޒަރުކަން ޝަހީމަށް ދީފައިވާއިރު، އެ ކޯލިޝަނުގެ އެޑްވައިޒަރުކަން މީގެކުރިން ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު އާއި ކުރީގެ ނައިބު ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދަށް ވެސް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ