ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ބާރުގެ ދަށުން ބާއްވާ ޕްރައިމަރީއެއްގައި ވާދަނުކުރައްވާނެ ކަމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ވީނިއުސްއިން ދެންނެވި ސުވާލަކަށް އުމަރު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުން ނާކާމިޔާބުވާ މީހުންނަށް އިންތިޚާބަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވީނަމަވެސް އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ.
އުމަރު ވިދާޅުވީ އިންސާފުވެރި ޕްރައިމަރީއެއްގައި އޭނައަށް ކާމިޔާބު ލިބިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
"އަޅުގަނޑު އެއްވެސް ކަންބޮޑެއް ނުވޭ އެކަމަކާ. އަޅުގަނޑަށް ޔަގީން އިންސާފުވެރި ޕްރައިމަރީއެއްގައި އަޅުގަނޑަށް ނާކާމިޔާބު ނުވާނެކަން. އެކަމަކު އެ ޕްރައިމަރީއަކީ އިންސާފުވެރި އެއްޗަކަށް ވާންޖެހޭނެ" އުމަރު ވިދާޅުވިއެވެ.
އިންސާފުވެރި ޕްރައިމަރީއެއްގައި ނާކާމިޔާބު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ނަމަވެސް އުމަރު ވިދާޅުވީ ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ކޮންޓްރޯލްގެ ދަށުން ބާއްވާ ޕްރައިމަރީއެއްގައި ވާދަނުކުރައްވާނެ ކަމަށެވެ.
ސަބަބެއް ކަމަށް ވިދާޅުވީ 2013ގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ބޭއްވި ޕްރައިމަރީއެވެ. އުމަރު ވިދާޅުވީ އޭރު އޭނައަށް ނާކާމިޔާބުވާން ދިމާވި ސަބަބަކީ ވެސް ރައީސް ޔާމީންގެ ކޮންޓްރޯލް އޮންނަ ގޮތަށް އެ ޕްރައިމަރީ ބޭއްވުން ކަމަށެވެ.
"އެއްފަހަރު ކަރުތެރޭގައި ހިތިރަހަ ލައިފި. އޭރު ކޮންޓްރޯލް އޮތީ ރައީސް ޔާމީން އަތްޕުޅުގައި. އެގޮތަށް ބާއްވާ ޕްރައިމަރީއެއްގައި ދެނެއް ވާދައެއް ނުކުރާނަން" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އިންސާފުވެރި ޕްރައިމަރީއެއްގައި ރައީސް ޔާމީނާއެކު ވާދަކުރައްވަން މިވަގުތުވެސް ހުންނެވީ ތައްޔާރަށް ކަމަށެވެ.
އެކަމަކު ރައީސް ޔާމީންގެ ބާރުގެ ދަށުން ބާއްވާ ޕްރައިމަރީއެއް އިންސާފުވެރިވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އުމަރު ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީ ބާއްވަން ޖެހޭނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން ކުރާ އުސޫލުން ކަމަށެވެ.
އެހެން ގައުމުތަކުގައި ޕާޓީތަކުގެ ބޮޑެތި ޕްރައިމަރީތައް ޕާޓީގެ ލީޑަރޝިޕުން ކޮންޓްރޯލް ކުރާ ގޮތަށް ނުބާއްވާ ކަމަށާއި އެކަން ކުރުވަނީ މިނިވަން ބަޔަކު ލައްވާ ކަމަށް އުމަރު ވިދާޅުވިއެވެ.
"އެއްވެސް ގައުމެއްގައި ޕާޓީން އަމިއްލައަށް ޕްރައިމަރީގެ ކަންކަން ނުބަލަހައްޓާ. ޕްރައިމަރީ އިންތިޒާމުކޮށް ކަންކަން ބަލަހައްޓަނީ އަމިއްލަ ޖަމްއިއްޔާތަކުން. ގައުމީ އިންތިޚާބުތައް ވެސް މިބާއްވަނީ އިލެކްޝަންސް ކޮމިޝަނުން. އެވަގުތަކު އޮންނަ ސަރުކާރަކުން ނޫން. އެހެންވީމަ ޕާޓީގެ ޕްރައިމަރީ ވެސް ބާއްވަންޖެހޭނީ މިނިވަން ބަޔަކު ލައްވާ" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އިންސާފުވެރި ޕްރައިމަރީއަކަށް ޕީޕީއެމުން ޖާގަދޭންޖެހޭ ކަމަށެވެ. އަދި ޑިމޮކްރެސީގެ ވާހަކަ ހަރުއަޑުން ދައްކަވާ ބޭފުޅުން މިކަމާ ދެކޮޅުނުހައްދަވާނެ ކަމަށާއި އެހެންކަމުން ޕީޕީއެމްގެ ޕްރައިމަރީ ބާއްވާނީ މިގޮތަށް ކަމަށް އުންމީދުކުރައްވާ ކަމަށް އުމަރު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ މީހުންނަށް އިންތިޚާބަށް ނުނިކުމެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ޕީޕީއެމްގެ ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންނެވެ.
ސައުދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އިންތިޚާބެއްގައި ވާދަކުރުމަށް ސިޔާސީ ޕާޓީގެ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި ވާދަކުރުމަށްފަހު ނާކާމިޔާބުވާ މީހުންނަށް އެއްވެސް ހައިިސިއްޔަތަކުން އެ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށެވެ.
އަދި ޕްރައިމަރީން ނާކާމިޔާބުވެފައިވާ މީހަކު އެެހެން ހައިސިއްޔަތަކުން އިންތިޚާބުގައި ވާދަކުރަން ހުށަހެޅިޔަސް އެމީހެއްގެ ކެންޑިޑެސީ ބާތިލްކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ވަނީ ލާޒިމްކޮށްފައެވެ.
ޕީޕީއެމްގެ ތެރޭގައި ޚިޔާލުތަފާތުންވުން ބޮޑުވެ ޕާޓީ ބައިބައިވުމުގެ އަސްލަކީވެސް 2018ގެ ޕްރައިމަރީގެ މައްސަލަ ކަމަށްވީއިރު، ރައީސް ޔާމީންގެ ފެކްޝަނުން ބުނަމުންދަނީ ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް 2018ގެ ޓިކެޓު ދޭންޖެހޭ ކަމަށެވެ. ނަމަވެސް ރައީސް މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން އެކަމާ ދެކޮޅު ހައްދަވައެވެ.
ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވާ މީހުންނަށް އެއްވެސް ގޮތަކަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށް އިސްލާހު ހުށައަޅާފައިމިވަނީ ޕީޕީއެމްގެ ރައީސް މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާނީ އަމިއްލަގޮތުން ކަމަށް ވެސް ވާހަކަދެކެވެމުންދާ ދަނޑިވަޅެއްގައެވެ.
ޔާމީންގެ ނުފޫޒު އޮންނަ ޕްރައިމަރީއެއްގައި ވާދަނުކުރާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ