ކަނޑުހުޅުދޫ ރައްޔިތުން ނިކުމެ އެރަށު ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓުވައިފި

ގއ. ކަނޑުހުޅުދޫ ބަނދަރު ހަދާ ގޮތާއި މެދު ހިތްހަމަ ނުޖެހި އެރަށު ރައްޔިތުން ނިކުމެ އެމަސައްކަތް ހުއްޓުވައިފިއެވެ.
އެރަށު ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި 2014 ވަނަ އަހަރު ހައުސިންގް މިނިސްޓްރީ އިން ވަނީ ރަށުގެ ބަނދަރު ހެދުމުގައި ރައްޔިތުންގެ ޚިޔާލުތައް ހުރި ގޮތް އެމިނިސްޓްރީއާ ހިއްސާ ކުރުމަށް އަންގައިފައެވެ. އަދި ރައްޔިތުންގެ ޚިޔާލުތައް އެމިނިސްޓްރީއަށް ފޮނުވުމުން އެމިނިސްޓްރީގެ ފަރާތުން ޖަވާބެއް ލިބިފައި ނުވާ ކަމުގައެވެ.
ރަށު ރައްޔިތުން ބޭނުން ވަނީ ދިގު މިނުގައި 100 ފޫޓު އަދި ފުޅާ މިނުގައި 50 ފޫޓު ހުރި ބަނދަރެއް ހަދާށެވެ.
އެރަށު ރައްޔިތުން ބުނަމުން ދަނީ މިހާރު ބަނދަރު އެހަދާ ގޮތަށް ހަދައިގެން އޭގެ އެއްވެސް ބޭނުމެއް, އެއްވެސް ފައިދާއެއް ނުކުރާނޭ ކަމަށެވެ. އެގޮތުން ބޭރު ތޮށީގައި ހިލަ ޖަހަމުން ދާއިރު އެތެރެ ތޮށި ހުރީ ހަލާކުވެފައި ކަން ފާހަގަ ކުރެވެއެވެ. އަދި ބޭރު ތޮށީގައި އަޅައިފައި ހުރި ބެޑްގެ ސަބަބުން އެތަން ވަރަށް ބޮޑަށް ތިލަވެފައިވާ ކަން ވެސް ފާހަގަ ކުރެވެއެވެ.
ރަށު ރައްޔިތުން ވަނީ އެމްޓީސީސީގެ ފަރާތުން އެތަނުގައި މަސައްކަތް ކުރާ މީހުންގެ ފަރުވާކުޑަކަން ވެސް ފާހަގަކޮށްފައެވެ. ކަނޑުހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތް ހަދަން އެމްޓީސީސީއާ ހަވާލު ކުރެވުނީ 2014 ވަނަ އަހަރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ