ނޫރާނީ ސްކޫލް އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލު ކުރަނީ

އަރަބި މީޑިއަމަށް ކިޔަވައި ދެމުން އަންނަ އައްޑޫ ހިތަދޫ ނޫރާނީ ސްކޫލް އިންޓަނޭޝަނަލް ސްކޫލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ފަރާތަކަށް އެކަމަށް އެދި ހުށަހެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިކަމާ ބެހޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ  ނޫރާނީ ސްކޫލް ހިންގަމުންދާ ޢިމާރާތުގައި، މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަރނޭޝަނަލް ސްކޫލެއް ހިންގައި ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ އިއުނާނުގައި ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު 29 އޮކްޓޯބަރ 2017 ވާ އާދިއްތަ ދުވަހުގެ 14:00 އަށް ހުޅުވާލައިފައިވާ ކަމަށެވެ. ބީލަން ފޮތް ވިއްކަން ހަމަޖެހިފައި ވަނީ 01 އޮކްޓޯބަރ 2017 އިން 05 އޮކްޓޯބަރ 2017 ވަނަ ދުވަހުގެ 13:00 ގެނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 10:00 އިން 13:00 އަށް އެ މިނިސްޓްރީގެ ފައިނޭންސް ސެކްޝަން (ވެލާނާގެ 08 ވަނަ ފަންގިފިލާ) އިން ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ޕްރީ ބިޑް މީޓިން 09 އޮކްޓޯބަރ 2017 ވާ ހޯމަ ދުވަހުގެ 14:00 ގައި ވެލާނާގޭ 9 ވަނަ ފަންގިފިލާގައި ހުންނަ މީޓިންގ ރޫމް 1 ގައި އޮންނާނެ ކަމަށެވެ.
ގްރޭޑް 1-7 އަށް ކިޔަވައި ދެމުން އަންނަ ހިތަދޫ ނޫރާނީ ސްކޫލަކީ އައްޑޫގެ އެންމެ ދުވަސްވީ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ