ގައްދޫގައި ކަރަންޓު ކެނޑިފައި

ގދ. ގައްދޫގައި ބޭނުންކުރަމުން އަންނަ ޖަނަރޭޓަރު މައްސަލަ ޖެހި މިއަދު ހެނދުނުން ފެށިގެން އެރަށުން ކަރަންޓު ކެނޑިފައިވާ ކަމަށް ގައްދޫ ކައުންސިލުން ބުނެފި އެވެ.
ގައްދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ސުޖާއު 'ސަން'އަށް ވިދާޅުވީ މިއަދު ހެނދުނު 7:30 އިން ފެށިގެން އެރަށުން ކަރަންޓު ކެނޑިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދިމާވާ ދަތިތަކާ ހުރެ ރައްޔިތުން ނުރުހުން ފާޅުކުރަމުން އަންނަ ކަމަށެވެ.
"މިޖަމާނަކީ ކަރަންޓް ނެތް ނަމަ ފާހާނާ ވެސް ނުކުރެވޭ ޒަމާން، އަދި އޮފީސްތަކުގެ މަސައްކަތްތައް ވެސް މިއޮތީ ހުއްޓިފައި، މިކަމާ ގުޅިގެން ރައްޔިތުންނަށް ވަރަށް ދަތިވޭ،" 2965 މީހުންގެ އާބާދީއެއް އޮންނަ ގައްދޫ ކައުންސިލްގެ ނައިބް ރައީސް ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ، އެރަށުގައި ކަރަންޓު ދިނުމަށް ބޭނުންކުރަނީ 320 ކިލޯވޮޓްގެ އެއް އިންޖީނު ކަމަށާއި އެ އިންޖީނުގެ ހާލަތު ވަރަށް ދަށް ކަމަށެވެ. މިއަހަރުގެ ރޯދައިގެ ކުރިން އެރަށަށް ސަރުކާރުން ދޭނެ ކަމަށް ބުނި އިންޖީނު އަދި ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ގައްދޫ ކަރަންޓުގެ ހާލަތު ވަރަށް ދަށް ކަމަށާއި އެކަން އެގޮތަށް ދިމާވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ސުޖާއު ވިދާޅުވި އެވެ. އެގޮތުން ކޮންމެ ހަފްތާއަކު އެއްދުވަހު އެރަށުން ކަރަންޓު ކަނޑާލަންޖެހޭ އިރު އަނެއް ބައި ދުވަސް ދުވަހު އިންޖީނު އަމިއްލަ އަށް ނިވިގެން ކަރަންޓު ކެނޑިގެން ދާކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ، މި މަހުގެ ތެރޭގައި ރާއްޖެއަށް އަލަށް ގެންނަ 70 އިންޖީނުގެ ތެރޭގައި ގައްދުއަށް ގެންނަ އިންޖީނު ވެސް ހިމެނޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ