ތަޅާނެ ދޭވާންޏެއް ނެތިގެން ގާއިމު ނުކޮށް ހުރި ހައްދުތައް ގާއިމު ކުރަން ފަށައިފި

ޖިނާއީ ކޯޓުގައި ދޭވާނި ކަމުގެ މަގާމުފުރަމުން އައި މީހާ މަރުވީ މީގެ އަހަރުތަކެއް ކުރިންނެވެ. އެހިސާބުން ފެށިގެން ޝަރުއީ އެކިއެކި މައްސަލަތަކާއި ގުޅިގެން ހައްދުޖެހުމާއި ތަޢުޒީރުކުރުން އޮތީ މެދު ކެނޑިފަ އެވެ.ނަމަވެސް ޖިނާއީ ކޯޓުން އަނެއްކާ ވެސް ވަނީ މި އަހަރުގެ ތެރޭގައި ހައްދު ޖެހުމާއި ތައުޒީރު ކުރަން ފަށައިފަ އެވެ.ޖިނާއީ ކޯޓުން ބުނީ ހައްދު ޖެހުމާއި ތައުޒީރު ކުރުމަށް ހާއްސަ ސަމާލު ކަމެއްދީގެން އެބައި ތަންފީޒު ކުރަން ފެށީ 2009 ވަނަ އަހަރު ކޯޓުގެ ހާލަތު ދެނެގަތުމަށް ކުރެވުނު މަސައްކަތުން 1997 ވަނަ އަހަރުން ފެށިގެން ހައްދުޖެހުމަށާއި ތަޢުޒީރުކުރުމަށް ކޯޓުން ޙުކުމް ކޮށްފައިތިބި ގިނަ ޢަދަދެއްގެ ބައެއްގެ މައްޗަށް ޙައްދު ގާއިމުކޮށް ތަޢުޒީރު ކުރުމުގެ ޙުކުމް ތަންފީޒުނުކުރެވި ހުރުމުން ކަމަށެވެ.ހައްދު ޖަހާނެ ދޭވާންޏެއް ޖިނާއީ ކޯޓަށް ލެއްވީ މި އަހަރުގެ މާޗު މަހު އެވެ. ކޯޓުން ބުނީ ހައްދު ޖެހުމާއި ތައުޒީރު ކުރުމުގެ ތަމްރީނު އެ މީހާ އަށް ދީފައިވާ ކަމަށާއި އާ ދޭވާނި ގެނައިއިރު  300 އަށްވުރެ ގިނަ މީހުންގެ މައްޗަށް ޙައްދު ގާއިމުކުރުމާއި ތަޢުޒީރުކުރުމުގެ ޙުކުމް ތަންފީޒު ނުކުރެވި އޮތް ކަމަށެވެ. ކޯޓުން ބުނީ އާ ދޭވާންޏާ އެކު ވޭތުވެ ދިޔަ ހަ މަސް ދުވަހުގެ ތެރޭގައި 200 އަށްވުރެ ގިނަ މީހުންގެ މައްޗަށް ހައްދު ގާއިމުކޮށް ތައުޒީރުކުރުމުގެ ޙުކުމް ތަންފީޒު ކޮށްފައިވާ ކަމަށެވެ. އަދި ބުނީ ހައްދު ޖެހުމާއި ތައުޒީރު ކުރުމުގައި ކޯޓަށް ކުރިމަތިވެފައިވާ ހުރަހަކީ މައްސަލައާ ގުޅޭ މީހާ ހޯދުން ކަމަށާއި އެ ފަރާތްތައް ކޯޓަށް ހާޒިރުކުރުމުގައި ދިމާވެފައިވާ ހުރަސްތަކުގެ އިތުރުން، ރަށްރަށު ކޯޓުތައް މެދުވެރިކޮށް ހައްދާއި ތައުޒީރުގެ ބައި ކުރިއަށްގެންދިއުމަށް ބެލި އިރު ބައެއް ރަށްރަށުގެ ކޯޓުތަކުގައި މެޖިސްޓުރޭޓުންނެތުމާއި ހައްދުޖަހައިދޭނެ ދޭވާންޏެއް ނެތުމާއި ދުއްރާ ނެތުމުގެ ސަބަބުން ދަތިވެފައިވާ ކަމަށެވެ.މީގެއިތުރުން ކުރިންސުރެ ޖަސްޓިސް ބިލްޑިންގުގެ ގޯތިތެރޭގައި ޙައްދު ގާއިމުކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތަކުގެ ސަބަބުން ހައްދު ގާއިމުކޮށް ތައުޒީރުކުރުމުގެ ޙުކުމް ތަންފީޒުކުރުމަށް، ހުރަސްއެޅި އަދި ބައެއްފަހަރު އެކަން ނުކުރެވިގެން ހުއްޓާލަން ޖެހޭ ހިސާބަށް ގޮސްފައިވެ އެވެ. ކޯޓުން ބުނީ  އެކަމަށް ހައްލެއް ލިބޭތޯ ކުރި މަސައްކަތުން އެކަމަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ. ކޯޓުން ބުނީ ހައްދުގާއިމުކޮށް ތައުޒީރުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ހުރަސްތައް ހުރިނަމަވެސް ކޯޓުން އަމާޒު ހިފާފައި ވަނީ 1997 ވަނަ އަހަރުން ފެށިގެން މިހާތަނަށް ގާއިމު ނުކުރެވި ހުރި ހައްދުތައް ގާއިމުކޮށް ތައުޒީރުކުރަން ޖެހޭ ފަރާތްތައް ތައުޒީރުކޮށް ނިންމަން ކަމަށެވެ.  ހައްދު ޖެހުމާއި ތައުޒީރު ކުރުމުގެ މަސައްކަތް އަލުން ފެށިކަން އެނގިގެން ބައެއްފަރާރްތަކުން އަމިއްލައަށް ކޯޓަށް ޙާޒިރުވެ އަދަބުލިބިގަންނަން ފަށައިފައިވާ ކަމަށް ވެސް ކޯޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ