ހާމިދު ހާޒިރުނުވުމުން އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ހަ މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކޮށް، އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތަށް ވެސް އޭނާ ހާޒިރުނުވެގެން އެ މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ. ހާމިދު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް ދައުލަތުން އުފުލާ ކުޑަކަމުދާތަކެތި ނުދިނުމުގެ ދައުވާގެ ޝަރީއަތަށް ހާޒިރުނުވި މައްސަލައިގަ އެވެ. އެ މައްސަލަ އިސްތިއުނާފްކުރަން އޭނާގެ ފަރާތުން ހުށަހެޅުމުން ހައި ކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެ، މިއަދު މެންދުރު 2:30 އަށް ތާވަލްކޮށްފަ އެވެ. އެ ގަޑިއަށް އެ މައްސަލައިގައި ދައުވާލިބޭ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ވެސް ކޯޓަށް ހާޒިރުވެ ތިއްބެވެ. ނަމަވެސް ގަޑި ޖެހިގެން ދިޔައިރު ވެސް ހާމިދު ވެސް އަދި އޭނާގެ ވަކީލް ވެސް ކޯޓަށް ހާޒިރެއް ނުވެ އެވެ. އެހެންކަމުން އެ މައްސަލައިގެ ދައުވާ ފޯމް ބާތިލްކުރީ ކަމަށް ހައި ކޯޓުން ބުންޏެވެ. ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން މަގުބޫލު އުޒުރެއް ނެތި، ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރުނުވެއްޖެ ނަމަ އެ މައްސަލައެއްގެ ދައުވާ ފޯމް ބާތިލްކުރުމުގެ ބާރު ހައި ކޯޓަށް ލިބިގެންވެ އެވެ. އަދި އެގޮތަށް ބާތިލްކުރާ މައްސަލައެއް ދެވަނަ ފަހަރަށް ހުށަހަޅަން ބޭނުން ނަމަ، އެ މައްސަލައެއް ބާތިލްކުރިކަން އެ ފަރާތަކަށް އަންގާ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ ދެވަނަ ފަހަރަށް އެ މައްސަލައެއް ބަލައިނުގަންނާނެ ކަމަށް ވެސް ހައި ކޯޓުގެ ގަވާއިދު ބުނެ އެވެ. އެނގިފައިވާ ގޮތުގައި ކޯޓަށް ހާޒިރުވުމުގެ އަމުރު ހާމިދުގެ ގެއަށް ފޮނުވުމުން އެ އަމުރާ އެ ގެއިން ހަވާލުވެފައެއް ނުވެ އެވެ. ހާމިދު ޖަލަށްލުމަށް ހުކުމްކުރި ނަމަވެސް މަޖިލީހުގެ އިދާރާގައި ހުންނެވުމުން އޭނާ ޖަލަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ. މަޖިލީހުގެ އިމްތިޔާޒްގެ ގާނޫނު ބުނާގޮތުން މެމްބަރަކު މަޖިލީހުގެ އިދާރާގައި ހުއްޓާ ހައްޔަރުކޮށް، ބަންދުކޮށްގެން ނުވާނެ އެވެ. ހާމިދަކީ ފަހުގެ ތާރީޚެއްގައި ޖަލު ހުކުމެއް އައި ފުރަތަމަ މެމްބަރެވެ. އެ ހުކުމް އައި ނަމަވެސް ހާމިދުގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލޭނެ އެވެ. ގާނޫނު އަސާސީ ބުނާގޮތުން މެމްބަރެއްގެ ގޮނޑި ގެއްލޭނީ ޖިނާއި ކުށެއް ސާބިތުވެ، އެއް އަހަރަށްވުރެ ދިގު ހުކުމެއް އައުމުންނެވެ. ހާމިދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރަނީ މިދިޔަ އަހަރުގެ ތެރޭގައި ހދ. ހޮނޑައިދޫގައި ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތު ކުރެވުމުން ކުޑަކަމުދާތަކެތި ދޭން އެންގުމުން ނުދިން މައްސަލައިގަ އެވެ. އެ މައްސަލައިގައި އިތުރު ދެ ދައުވާއެއް ވެސް ދައުލަތުން ކުރެއެވެ. އެއީ ބަނގުރާ ގެންގުޅުމާއި ކެނަބިހުން މުއާމަލާތު ކުރުމުގެ ދައުވާ އެވެ. އެ މައްސަލައިގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ކުރީގެ ސަރުކާރުގެ ބައެއް އިސްވެރިންގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ