ގަޑި ހެދި އަހުމަދު އެންމެ ފަހުން ޓެކްސަސްގެ ސްކޫލުން ވަކިވެއްޖެ

ވޮޝިންޓަން (ސެޕްޓެމްބަރު 22) - ގަޑިއެއް ހަދައިގެން ސްކޫލަށް ގެންދިއުމުން އެއީ ބޮމެއް ކަމަށް ހީކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މުސްލިމް ދަރިވަރު އަހުމަދު މުހައްމަދު އޭނާ ކިޔަވަމުން ދިޔަ ޓެކްސަސްގެ މެކްއާތާ ހައި ސްކޫލުން ވަކިވެއްޖެ އެވެ. އަހުމަދުގެ ބައްޕަ މުހައްމަދު އަލް ހަސަން މުހައްމަދު ބުނީ އޭނާގެ ހުރިހާ ދަރިން ވެސް މިހާރު ޓެކްސަސްގެ ސްކޫލުން ވަކިކޮށްފައިވާ ކަމަށެވެ. މުހައްމަދު ބުނީ އޭނާގެ ދަރިފުޅު އާ އިޖާދެއްކޮށް ގަޑިއެއް ހަދައިގެން ސްކޫލަށް ގެންދިއުމުން ފުލުުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީތީ ދަރިވަރަށް ވަަރަށް އެހެން ކަހަލަ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އުމުރުން 14 އަހަރުގެ ދަރިވަރު ހައްޔަރު ކުރުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އަދި އަހުމަދަށް ތައުރީފް އޮހި އޭނާ އަށް ވަނީ ވަރަށް ގިނަ ދައުވަތުތައް ލިބިފަ އެވެ. އަހުމަދު ހައްޔަރު ކުރި ނަމަވެސް އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ނުއުފުލާ ވަނީ ދޫކޮށްލައިފަ އެވެ. ގަޑި ހެދި އަހުމަދު (ވ) އޭނާގެ ބައްޕަ މުހައްމަދު ނޫސްވެރިންނާ ވާހަކަ ދައްކަނީ. --ފޮޓޯ:އޭއެފްޕީ "މެކްއާތާ ހައި ސްކޫލަށް ދާކަށް އަހުމަދު މިހާރު ބޭނުމެއް ނުވޭ،" ދަލަސް މޯނިން ނިއުސް އަށް ދިން އިންޓަވިއުއެއްގައި އަހުމަދުގެ ބައްޕަ ބުންޏެވެ. "މި ކުދިންނަށް އެ ސްކޫލަކީ މިހާރު ހިތްހަމަޖެހޭ ތަނެއް ނޫން." އަހުމަދަށް ވަނީ އެހެން ސްކޫލްތަކުން ވަރަށް ގިނަ ހުށަހެޅުންތައް ލިބިފަ އެވެ. އެކަމަކު އަހުމަދު ބައްޕަ ބުނީ އޭނާ ދެން އެހެން ސްކޫލަކަށް ދާނީ ކުޑަ ޗުއްޓީއަކަށް ފަހު ކަމަށެވެ. އަހުމަަދުގެ އާއިލާ މާދަމާ ނިއު ޔޯކަށް ދާނެ އެވެ. އެއީ އދ.ގެ ބައެއް އިއްޒަތްތެރިން އަހުމަދާ ބައްދަލު ކުރަން ބޭނުންވާތީ އެވެ. މުހައްމަދު ބުނީ އޭގެ ފަހުގައި އޭނާ ބޭނުން ވަނީ އަހުމަދު އުމުރާއަކަށް ގެންދަން ކަމަށެވެ. މި ދަތުރަށް ފަހު ދެން އޮތީ ރައީސް ބަރަކް އޮބާމާއާ ބައްދަލު ކުރުމަށް އަހުމަދު ވައިޓް ހައުސް އަށް ޒިޔާރަތް ކުރުމެވެ. އޮބާމާ ވަނީ އަހުމަދަށް ދައުވަތު ދެއްވައިފަ އެވެ. ގަޑި ހެދި އަހުމަދު: އޭނާ އަށް ވަނީ ހީނުކުރާހާ ގިނަ ދައުވަތު މިހާރު ލިބިފައި އަހުމަދު ވެސް މިދިޔަ ހަފުތާގައި ވަނީ އޭނާ ސްކޫލް ބަދަލު ކުރަން ބޭނުންވާ ކަމަަށް ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފަ އެވެ. އަހުމަދު ބުނީ އޭނާ ވަރަށް މަސައްކަތުން ހެދި ގަޑިއެެއް ޓީޗަރަށް ދެއްކުމުން އެއީ ނުރައްކާ އެއްޗެއް ކަމަށް ޓީޗަރަށް ހީވުމުން ވަރަށް ދެރަވި ކަމަށެވެ. "އަހަރެން ގަޑި ހެދީ ޓީޗަރު ހައިރާންކޮށްލަން. އެކަމަކު އެ ގަޑި ދެއްކުމުން ޓީޗަރު ހީކުރީ އެއީ އޭނާ އަށް ނުރައްކަލެއް ކަމަށް. ޓީޗަރަށް ނުބައި ގޮތަކަށް ވިސްނުނީތީ ވަރަށް ދެރަވި،" އަހުމަދު ބުންޏެވެ. އަހުމަދު ހެދި ގަޑި: އޭނާ އަކީ އާދަޔާޚިލާފަށް ތޫނުފިލި ކުއްޖެއް. ވައިޓްހައުސްގެ އިތުރުން ވެސް އަހުމަދަށް ވަނީ ވަރަށް ގިނަ ދައުވަތުތައް ލިބިފަ އެވެ. ފޭސްބުކަށް ޒިޔާރަތް ކުރުމަށް މާކް ޒުކަބާގް ދައުވަތު ދެއްވާފައިވާއިރު ނާސާ އަށް ޒިޔާރަތް ކުރުމަށް އެސްޓްރޮނޮޓް ކްރިސް ހެޑްފީލް ވަނީ ދައުވަތު ދެއްވައިފަ އެވެ. ޓްވިޓާ އާއި ގޫގްލް އަށް ޒިޔާރަތް ކުރުމަށް ވެސް އަހުމަދަށް މިހާރު ވަނީ ދައުވަތު ލިބިފަ އެވެ. މީގެ އިތުރުން އަހުމަދަށް ވަނީ ވަރަށް ޚާއްސަ އެހެން ދައުވަތެއް ވެސް ލިބިފަ އެވެ. އޭނާ އެންމެ ކިޔަވަން ބޭނުންވާ ޔުނިވާސިޓީ މެސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން ވެސް އަހުމަދަށް ވަނީ ދައުވަތު ލިބިފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ