އަލީ ރިޒާ ދޫކޮށްލި ކަމުގެ ލިޔުން ލިބެންދެން ޖަލްސާ މެދުކަނޑާލައިފި

ސީދާ ހަރަކާތުގެ ނަމުގައި އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާގައި ރޭ ފުލުހުން ހައްޔަރު ކުރި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ދޫކޮށްލި ކަމުގެ ލިޔުން ލިބެން ދެން މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.
މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ޖަލްސާ މެދުކަނޑާލެއްވީ މަޖިލިސް ފެށުމާއެކު މަޖިލީހުގެ ރައީސަށް އެންގުމެއް ނެތި ފުލުހުން އަލީ ރިޒާ ވަގަށް ނަގާފައިވާ ކަމަށް ވިދާޅުވެ ބައެއް މެމްބަރުން ނިޒާމީ ނުކުތާ ނަންގަވަން ފެއްޓެވުމުންނެވެ.
އަލީ ރިޒާ ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ވެސް އަބުދުﷲ ޝާހިދު ވިދާޅުވިއެވެ.
ނަމަވެސް ރަސްމީކޮށް އަލީ ރިޒާ ދޫކޮށްލިކަން އެގެން ނެތް ކަމަށް ބުނެ ނިޒާމީ ނުކުތާ ނަންގަވަން ފެއްތެވުމުން ޝަހިދުވަނީ އަލީ ރިޒާ ދޫކޮށްލިކަމުގެ ލިޔުން ލިބެންދެން މަޖިލީހުގެ ޖަލްސާ މެދުކަނޑާލެއްވިކަން އިއުލާން ކުރައްވާފައެވެ.
އެމްޑީޕީގެ ބައެއް މެމްބަރުންވަނީ ކޮންމެ ރެޔަކު ވެސް ފުލުހުން މަޖިލީހުގެ ރައަީސްގެ ހުއްދަ ނުހޯއްދަވާ މަޖިލީހުގެ މެމްބަރުން ފުލުހުންގެ ބަންދަށް ގެންދަވާ ކަމަށް ޝަކުވާ ކުރައްވާފައެވެ. އަލީ ރިޒާއަކީ ފަހަކަށް އައިސް އެމްޑީޕީން ކުރަމުން ގެންދާ ކޮންމެ މުޒާހަރާއެއްގައި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މެމްބަރެކެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ ފުލުހުން އޭނާ ދޫކޮށްލައެވެ.
އަލީ ރިޒާ ހައްޔަރު ކޮށްފައިވަނީ މަޖިލީހުގެ ރައީސަށް އެންގުމަށްފަހު ނޫން ކަމަށް ޝަހިދު މިއަދު ވިދާޅުވިއެވެ.
އަދި މަޖިލީހުގެ ރައީސަށް އެންގުމެއް ނެތި މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރަމުންދާ މައްސަލަ ބަލައިދިނުމަށް އިމްތިޔާޒު ކޮމިޓީގެ މުގައްރިރަށް ދަންނަވާފައިވާނެ ކަމަށް ވެސް ޝަހިދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ