ބަޖެޓްގައި ވަރަށް ބޮޑެތި ތަފާތުކުރުންތައް އެބަހުރި: ގާސިމް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އެކުލަވާލުމުގައި ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި ތަފާތު ކުރުންތައް ގެންގުޅެފައި އެބަހުރި ކަމަށާއި އެއީ ރައްޔިތުންނަށް "އަނިޔާވެރިވުން" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ބަޖެޓް ކޮމިޓީގައި ގާސިމް ވިދާޅުވީ ޕީޕީއެމުން ކަންކަން ކުރަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށާއި ނަމަވެސް ބަޖެޓްގެ ކަންތަކުގައި އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. "އަނިޔާވެރިއެއް ނުވެވޭނެ އަބަދަކު. ...މާލިއްޔާ ކައި ހުސްކޮށްލާއިރު އަޅުގަނޑުމެންނަށް ދޫކޮށްލައިގެނެއް ނުތިބެވޭނެ،" ވޭތުވެދިޔަ ހަތަރު އަހަރު ބަޖެޓް ކޮމިޓީގެ މުގައްރިރުކަން ކުރެއްވި ގާސިމް ވިދާޅުވި އެވެ. ގާސިމް ބަޖެޓް ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަނީ. -- ހަވީރު ފޮޓޯ: ނިޝާން އަލީ ފިނޭންސް މިނިސްޓަރު ކަމާއި އެމްއެމްއޭގެ ގަވަރުނަރުކަން ވެސް ކުރެއްވި ގާސިމް ވިދާޅުވީ ބަޖެޓްގައި ތަރައްގީގެ ޕްރޮގްރާމްތައް ބަހާފައިވަނީ އިންސާފުވެރި ގޮތެއްގައި ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމް މެމްބަރުން ތަމްސީލުކުރާ ދާއިރާތަކަށް ބަޖެޓް ދީފައި ވަނީ ބޮޑުކޮށެވެ. ގާސިމްގެ އިތުރުން މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ ބަޖެޓްގައި އައްޑޫގެ ތަރައްގީ އަށް ހިމަނާފައިވާ ގިނަ ކަންކަމަކީ މި އަހަރުގެ ބަޖެޓްގައި ހުރި ޕްރޮޖެކްޓްތައް ކަމަށެވެ. އަދި ބައެއް ރަށްރަށަށް މި އަހަރު އެއްވެސް ޕްރޮޖެކްޓެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ޝަރީފް ބަޖެޓް ފޮތް ނޫސްވެރިންނަށް ދައްކާލައްވަނީ. -- ފޮޓޯ: ނިޝާން އަލީ އޭނާ އަށް ރައްދު ދެއްވުމަށް ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ ވާހަކަ ދައްކަވަން ފެއްޓެވުމުން، ޝަރީފް ވެސް އަޑުގަދަކޮށް ވާހަކަ ދައްކަވައި ދީދީ އަށް ހުރަސް އެޅި އެވެ. އިބްރާހިމް ދީދީ ވިދާޅުވި ގޮތުގައި މި އަހަރުގެ ބަޖެޓްގައި އައްޑޫގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިމަނާފައިވެ އެވެ. އަދި މި އަހަރު ތަރައްގީގެ މަޝްރޫއެއް ހިންގާފައިވާ ރަށަކަށް އަންނަ އަހަރު ޕްރޮޖެކްޓެއް ނުދިނުމަކީ ތަފާތު ކުރުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ޕީޕީއެމްގެ މެމްބަރުން ވިދާޅުވި ގޮތުގައި މި އަހަރަށް ހުށަހަޅާފައިވާ 24.3 ބިލިއަންގެ ބަޖެޓަކީ ވަރަށް އިންސާފުވެރި ބަޖެޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ