ނަޝީދަށް ވީކަމެއްވީ އަޅުގަނޑު ބައިވެރިވެގެން: ގާސިމް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމެއް ކުރެވިފައިވީނަމަ އެކަމެއް ކުރެވިފައިވަނީ އެކަމުގައި ގާސިމް ބައިވެރިވެގެންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހދ.ނޮޅިވަރަންފަރުގައި ރޭ ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ގާސިމް ދެއްކެވި ވާހަކަފުޅުގެ ނުވަދިހަ ޕަސެންޓް ރައީސް ނަޝީދަށާއި އެމްޑީޕީއަށް ފާޑު ވިދާޅުވުމަށް އަމާޒުކުރެއްވިއިރު ގާސިމް ވިދާޅުވީ ރައީސް ނަޝީދަކީ އެއްވެސްކަމެއް ކުރެވޭ ބޭފުޅެއް ނޫންކަމަށާއި ރައްޔިތުން އެމްޑީޕީއަށް ވޯޓް ނުދިނުމަށް ގޮވާލާކަމުގައެވެ.
ގާސިމް ވިދާޅުވީ ރައީސް ނަޝީދަށް ސިޔާސީ ޕާޓީއެއް ހެދުނީވެސް އަދި ގާނޫނު އަސާސީ އިސްލާހުކުރެވުނީވެސް ގާސިމް ބައިވެރިވެގެންކަމުގައެވެ. އަދި އެމްޑީޕީއަށް ވެރިކަން ލިބުނީވެސް ގާސިމް ހިއްސާވެގެންކަމަށް ރޭ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައީސް ނަޝީދަކީ ކާމިޔާބުކަމާއި އެކު އެއްވެސްކަމެއް ކުރުމުގެ ތަޖުރިބާހުރި ބޭފުޅެއްނޫންކަމުގައެވެ. އަދި ރައީސް ނަޝީދުގެ ވަރިކަމުގައި 10 ރ އަށް ޑޮލަރުގެ އަގު ތިރިކުރާނެކަމަށް ވިދާޅުވި ނަމަވެސް ޑޮލަރުގެ އަގު ބޮޑުވެގެން ދިޔަކަމާއި ޤައުމުގެ އިގްތިސާދު އިނދަޖައްސާލާފައިވާކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން 18 ރ އަށް ޑޮލަރުގެ އަގު އަރައިގެންދާނެކަން ކަށަވަރުކަމުގައެވެ.
އަދި މިއަހަރު ވެރިކަމަށް އަންނަ ބޭފުޅަކަށް ވެރިކަން ކުރަން ޖެހިވަޑައިގަންނަވާނީ ވަރަށް ދަތިހާލުގައި ބަޖެޓްގައި ފައިސާނެތިކަމަށް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ