މޫސުން ގޯސްވުމުން ޔެލޯ އެލާޓް ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އާދަޔާ ޚިލާފަށް ވައިގަދަވެފައިވާތީ މޫސުމައި ބެހޭ އިދާރާއިން ޔެލޯ އެލާޓް ނުވަތަ ނުރައްކާތެރި ކަމުގެ ދަރަޖަ ދޭއް އިއުލާންކޮށްފި އެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރައިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި ގުޅިގެން ކުރަމުންދާ ވިއްސާރައެއް ކަމަށާއި، މި ވިއްސާރާގައި ވައި އާދަޔާ ޚިލާފަށް ގަދަވުމުން ދަތުރުފަތުރު ކުރުމަށް އުނގަދޫތަކަކާއި ކުރިމަތިވަމުންދާ ކަމަށެވެ.
އެ އިދާރާއިން ބުނީ މިއަދު ހެނދުނު އައި ކޮޅި ގަނޑެއްގައި އެކަނިވެސް 48 މޭލު ބާރު މިނުގައި ވައިޖެހިފައިވާ ކަމަށާއި، ވަރަށް ގިނަ އޮޑިދޯނި ފަހަރު ކަނޑުމަތީގައި ހަރަކާތްތެރިވަމުންދާތީ ބޮޑެތި ގެއްލުންތަކެއް ލިބުން އެކަށީގެންވާ ކަމަށެވެ.
ޔެލޯ އެލާޓް އަކީ މޫސުން ގޯސްވެ ރައްޔިތުންނަށާއި މުދަލަށް ގެއްލުން ލިބިދާނެތީ އެކަމަށް ސަމާލުކަން ދިނުމުގެ ގޮތުން އަންގާ އެންގުމެކެވެ.
ވިއްސާރައާއި ގުޅިގެން ޑިޒާސްޓާ މެނޭޖްމެންޓުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވުމާއި ގުޅިގެން އެއްވެސް ހާދިސާއެއް ހިނގާފައިވާކަމުގެ ރިޕޯޓް އަދި ލިބިފައި ނުވާ ކަމަށާއި، ވިއްސާރައާއި ވައިގެ ސަބަބުން ދިމާވެދާނެ ހާދިސާއަކަށް ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކޯސްޓް ގާޑުން މިއަދު ވަނީ ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށާއި މުދާ ބަރުކޮށްގެން ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ