މެމްބަރު ފައްޔާޒު ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުން މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ކްރިމިނަލް ކޯޓުން މިރޭ ދޫކޮށްލައިފި އެވެ. މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި ފައްޔާޒު، 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ، 60 ދުވަސް ވަންދެން މުޒާހަރާ ނުދިއުމަށް ކުރި ޝަރުތު ގަބޫލު ނުކުރެއްވުމުންނެވެ. އޭނާ ކޯޓުގައި ވިދާޅުވެފައި ވަނީ ގާނޫނީއަސާސީން ލިބިދީފައިވާ ހައްގެއް މަނާ ނުކުރެވޭނެ ކަމަށާއި އެ ޝަރުތު ގަބޫލު ނުކުރައްވާނެ ކަމަށެވެ. އޭނާގެ އިތުރުން އެ ރޭ ހައްޔަރު ކުރީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ރައްޔިތުން މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބެވެ. ނަމަވެސް 60 ދުވަސް ވަންދެން މުޒާހަރާ ނުދިއުމަށް ޝަރުތުކޮށް އެމީހުން ވަނީ ދޫކޮށްލައިފަ އެވެ. އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ ވިދާޅުވި ގޮތުގައި، ފައްޔާޒު ދޫކޮށްލަން ކޯޓުން ކުރި ހުކުމަށް ފަހު ވެސް އޭނާ ގެންދިޔައީ ފުލުހުންގެ ވެހިކަލްގައި ދޫނިދު އަށެވެ. ފައްޔާޒް ގެންދިޔައީ އޭނާގެ ބައެއް ސަމާނު ބަލާ ކަމަށާއި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ. "ކޯޓުން އަމުރުކޮށްފައި އެ ވަނީ ދޫކޮށްލަން. އެހާ ހިސާބުން އޭނާ ހިފަހައްޓައިގެން އަނެއްކާ ދޫނިދޫ އަކަށް ނުގެންދެވެނޭ އެއްޗެހި ބަލާ ކަމުގައި ވިޔަސް. އެއީ އަމަލު ކުރެވިގެން ވާނެ ގޮތެއް ނޫން، " އިމްތިޔާޒް ވިދާޅުވި އެވެ. އެމްޑީޕީގެ މުޒާހަރާގެ ތެރެއިން މީގެ ކުރިން ހައްޔަރުކުރި ގިނަ މީހުން 60 ދުވަސް ވަންދެން މުޒާހަރާ އަށް ނުދިއުމަށް ޝަރުތުކޮށް ވަނީ ދޫކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ