ޕީޕީއެމުން އުމަރު ވަކިކުރުމުން ހިތްހަމަ ނުޖެހުން ފާޅުކޮށްފި

ޕީޕީއެމްގެ ރިޔާސީ ޕަރައިމަރީގައި ޔާމީނާއި ވާދަކޮށް ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރު އެޕާޓީން މިއަދު ވަކިކުރުމާއި ގުޅިގެން އުމަރުގެ ސަޕޯޓަރުން މިއަދު ނުރުހުން ފާޅުކޮށްފިއެވެ.
މިއަދު އިރުއޮއްސުނުއިރު ހެންވޭރު އާޓިފިޝަލް ބީޗް ކައިރީ ހުންނަ ޕީޕީއެމްގެ އޮފީސް ދޮށަށް އެއްވި އުމަރުގެ ސަޕޯޓަރުންވަނީ ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށާއި އެޕާޓީގެ ކައުންސިލަށް ފާޑު ކިޔާފައެވެ. އަދި އުމަރު އެޕާޓީން ވަކިނުކުރެވޭނެ ކަމަށް ވެސް އެއްވި އުމަރުގެ ސަޕޯޓަރުންވަނީ އަޑު އުފުލާފައެވެ. އެއްވި މީހުންގެ ތެރެއިން ބައެއް މީހުންވަނީ އޮފީސްތެރެއަށް ވެސް ވަދެފައެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އުމަރުގެ ކެމްޕޭން މެނޭޖަރު މާޒް ސަލީމު ވިދާޅުވީ ހަމަނުޖެހުންތައް އުފެދިފައިވަނީ ޕީއޭއާއި ޕީޕީއެމާއި ދެމެދު ކަމަށެވެ. އަދި އުމަރު ޕާޓީން ކަނޑާލުމުން ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ގެންދަނީ ހަގީގީ ޕީޕީއެމް މީހުން ކަމަށެވެ.
އުމަރު ޕީޕީއެމުން ވަކިކުރިކަން އޭނާއަށްވަނީ މިއަދު ރަސްމީކޮށް އަންގާފައެވެ. އެމައްސަލަ މާދަމާ ކޯޓަށް ވައްދާނެ ކަމަށް އުމަރުގެ ޓީމުންވަނީ ބުނެފައެވެ. އުމަރު ޕީޕީއެމުން ވަކިކޮށްފައިވަނީ އޭނާ ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފުވެފައިވާ ކަމަށް ބުނެ މައާފަށް އެދުމަށް ތިން ފަހަރެއްގެ މަތިން ފުރުސަތު ދިނުމަށްފަހުއެވެ. ނަމަވެސް އުމަރުވަނީ އެކަމަށް އިންކާރުކޮށްފައެވެ. އަދި އޭނާ މައާފަށް އެދެން ނުޖެހޭނެ ކަމަށް ވެސް އުމަރު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ