ކްރިމިނަލް ކޯޓުން އިންތި ސަސްޕެންޑްކުރީ ގާނޫނާ ހިލާފަށް: ހައި ކޯޓް

ގާޒީގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ކްރިމިނަލް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް އިމްތިޔާޒް ފަހުމީ (އިންތި) ހަ މަސް ދުވަހަށް ކުރި ސަސްޕެންޝަންގެ މުއްދަތު ހަމަވި ފަހުން، އެއީ ގާނޫނީ ހަމަތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ގާނޫނީ ވަކީލެއްގެ ގޮތުން އިންތި އަށް ކްރިމިނަލް ކޯޓަށް ހާޒިރުނުވެވޭނެ ކަމަށް އެ ކޯޓުން ނިންމީ ފެބްރުއަރީ 2010 ގަ އެވެ. އެ މައްސަލަ އޭނާ އިސްތިއުފާނުކުރެއްވީ އެ އަހަރުގެ މެއި މަހު އެވެ. އިންތިގެ އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ނިންމި ގޮތުގެ ރިޕޯޓުގައި ވަނީ ޝަރީއަތުގެ މަޖިލީހުގައި ގާޒީގެ އަމުރަށް ނުކިޔަމަންތެރިވެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ހުރަސް އަޅައިފި ނަމަ ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން ކޯޓަށް ލިބިދޭ ކަމަށެވެ. ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނުވާއިރު، އެ ގަވާއިދުގެ ދަށުން އިންތި އަށް އޭނާގެ ދިފާއުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ދެވިފައި ނެތުމުން ސަސްޕެންޑްކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން ނޫން ކަމަށް ހައި ކޯޓުގެ ފަނޑިޔާރުން ގަބޫލްކުރައްވާ ކަމަށް ރިޕޯޓްގައިވެ އެވެ. އިންތި ސަސްޕެންޑްކުރިކަން ވަގުތުން އަންގާފައިނުވުމާއި، އެކަން އޭނާ އަށް އެންގުމުގެ ކުރިން އެ މައުލޫމާތު މީޑިއާ އަށް ހާމަކޮށްފައިވުމުން، ކްރިމިނަލް ކޯޓުން އެކަމުގައި އަމަލުކޮށްފައިވަނީ ޑިމޮކްރެޓިކް މުޖުތަމައެއްގައި އަމަލުކުރާނެ އުސޫލަށް ނޫން ކަމަށް ވެސް މައްސަލައިގެ ރިޕޯޓްގައިވެ އެވެ. އިންތި ސަސްޕެންޑްކުރީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ބެއްލެވި މައްސަލައެއްގައި އިންތި، ގާޒީގެ އަމުރަށް ކިޔަންނުވުމުން ކަމަށް ބުނެ އެވެ. އޭނާ ކްރިމިނަލް ކޯޓަށް ވަޑައިގަތީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުންނެވެ. ނަމަވެސް އިންތި ވިދާޅުވީ އެ ދުވަހު އޭނާ ޝަރީއަތުގެ މަޖިލީހުން ބޭރުކުރީ އެއްވެސް ސަބަބެއް ނާންގަވައި ކަމަށާއި އެއަށް ފަހު، ސަސްޕެންޑްކުރިކަން އެނގިވަޑައިގަތީ ވެސް މީޑިއާ އިން ކަމަށެވެ. އިންތި ވިދާޅުވީ ހަ މަސްދުވަހުގެ ސަސްޕެންޝަންގެ މުއްދަތު ހަމަވުމަށް ގާތްވެފައި ވަނިކޮށް، އެ ސަސްޕެންޝަން ކޯޓުން ލުއިކޮށް ދިން ކަމަށެވެ. އަދި މައްސަލަ އިސްތިއުނާފުކުރެއްވީ އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށް ވެސް، ރާއްޖޭގެ ޝަރުއީ ނިޒާމަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ އިންތި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ