ގުރައިދޫގެ ތަރައްޤީއަށްޓަކައި، އެރަށުގެ ރައްޔިތުން ކުރާ މަސައްކަތްތަކަކީ އެހެން ރަށްރަށަށް ނަމޫނާއެއް: ރައީސް

ކޮޅުމަޑުލު ގުރައިދޫގެ ތަރައްޤީއަށްޓަކައި، އެރަށުގެ ރައްޔިތުން ކުރައްވާފައިވާ މަސައްކަތްތަކަކީ، ރާއްޖޭގެ އެހެން ކިތަންމެ ރަށަކަށް ނަމޫނާއަކަށްވާންޖެހޭނެ މަސައްކަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ތ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި، ގުރައިދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގުރައިދުއަކީ ރާއްޖޭގައި މަސްވެރިކަމަށް ފާހަގަކުރެއްވޭ ރަށްރަށުގެ ތެރެއިން އެއްރަށްކަމާއި، އޮޑިދޯނިފަހަރު ގިނަ އަދި ހީވާގި މަސްވެރިން ދިރިއުޅޭ، ހަމައެހެންމެ މުރާލި، ހީވާގި އަންހެނުން އުޅޭ ރަށެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޢުމްރާނީ ތަރައްޤީގެ ރޮނގުން ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް މިއަދާ ހަމައަށްވެސް މި ސަރުކާރުން ގުރައިދޫގައި ނުފެށި އޮތްކަން ބަޔާންކުރައްވަމުން، ގުރައިދުއަކީ ތަރައްޤީގެ ފުރިހަމަ ހަބަކަށް އަދި ނާރެހަކަށް ހެއްދެވުމުގެ މަސައްކަތް، ބާރަށް ފެށުމުގެ އިތުރު ހިތްވަރާއި ޖޯޝާއި އުންމީދު މިއަދު ލިބިވަޑައިގެންފިކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ގުރައިދޫގެ އާ ބަނދަރު ހެދުމުގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ފަށްޓަވާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ގުރައިދޫ ރައްޔިތުންނާ ރައީސް މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަށް މިއަދު އެންމެބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމެއް ލިބިވަޑައިގަތީ، ގުރައިދޫ ސްކޫލަށް ވަޑައިގަތުމުން ކަމަށް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، އޯ ލެވެލް އިމްތިހާންގައި 5 މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް 23 އިންސައްތައަށް، އެސްކޫލުން އިތުރުކޮށްފައިވާ ކަމުގައި ވިދާޅުވެ، މި ކާމިޔާބީއަށްޓަކައި އެ ސްކޫލްގެ ޕްރިންސިޕަލަށާއި، ޓީޗަރުންނަށާއި ދަރިވަރުންނަށާއި، ބެލެނިވެރިންނަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި ސްކޫލަށް ބޭނުންވާ ބައެއް ކަންތައްތަކުގެ މައްޗަށް ބައްލަވާލައްވަމުން، އެ ސްކޫލްގެ ހޯލް ޢިމާރާތް ކުރެއްވުމުގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމަށާއި، ސައިންސް ލެބަށާއި، ކޮމްޕިއުޓަރ ރޫމަށް ބޭނުންވާ ބައެއް ސާމާނު ހޯއްދަވައިދެއްވައި، ލައިބްރަރީގެ ފެންވަރު ރަނގަޅުކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ގުރައިދުއަށް މިކުރެއްވި ދަތުރުފުޅުގައި، ގުރައިދޫ ކައުންސިލާ ބައްދަލުކުރެއްވިއެވެ. އަދި ގުރައިދޫ ސްކޫލަށް ޒިޔާރަތް ކުރައްވައި، ސްކޫލްގެ ވެރިންނާ ބައްދަލުކުރެއްވިއެވެ. މީގެއިތުރުން، ހެލްތް ކޯޕަރޭޝަންގެ ބޭފުޅުންނާވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ