މާލިއްޔަތު ކޮމެޓީން އަމަލުކުރަމުންދާގޮތާމެދު މަތިވެރި ދާއިރާގެ މެމްބަރު ފާޑު ވިދާޅުވެއްޖެ

ރައްޔިތުންނަށް ސީދާ ހިިދުމަތް ލިބޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ގޮތްކިޔާ މައްސަލައިގައި މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ފާޑު ވިދާޅުވެއްޖެ އެވެ.
އާސަންދަ ހިންގުމާބެހޭ ގޮތުން ތަފާތު ހުށަހެޅުންތަކެއް މާލިއްޔަތު ކޮމެޓީން ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނިކޮށް، ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ހުސައިން މުހައްމަދު ވިދާޅުވީ އާސަންދަ ޕްރޮގްރާމޭ ކިޔައިގެންދަކަނީ ހޮޅި ވާހަކަތައް ކަމަށާއި ކޮންމެ މީހަކަށް އެއް ލައްކަ ރުފިޔާގެ ބޭސްފަރުވާކުރެވޭނެ އިންތިޒާމެއް ކުރީގެ ސަރުކާރުން ހަމަޖައްސާފައިވަނިކޮށް ފައިސާ ހުސްނުވަނީސް ފައިސާ ނެތްކަމަށް ބުނެ ވާހަކަ ދެއްކުމަކީ ރަނގަޅުގޮތެއް ނޫންކަމަށް ހުސައިން ވިދާޅުވި އެވެ.
"މިދިޔަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާގޮތަށް ކަންކަން ހިނގާފައިނުވާއިރު އެކަންކަމާގުޅޭގޮތުން ރިޕޯޓް ހަދައިގެން ނުގެނޭ. ނަމަވެސް ރައްޔިތުންނާ ސީދާ ގުޅޭ ކަންކަމުގައި ރިޕޯޓް ހަދައިގެން މިގެންނަނީ. މިހާރު ވެއްޖެއިސްކަންދޭނެ ކަންތައްތައް ކަނޑައަޅަން،" ޑީއާރްޕީ ތަމްސީލް ކުރައްވާ ހުސައިން ވިދާޅުވި އެވެ.
ރައްޔިތުންނާ ސީދާކޮށް ފައިދާ ކުރާކަންކަމާއި ސަރުކާރުން ރައްޔިތުންނަށް ކޮންމެހެން ކޮށްދޭން ޖެހޭކަންކަމަށް އިސްކަންނުދީ ބޮޑެތި ގޮނޑިތަކުގައި ތިބެގެން އިންޓަވިއުތައް ދިނުމަކީ އެންމެ ޒިންމާދާރުގޮތްތޯ ހުސައިން ވަނީ ސުވާލު ކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ މެމްބަރުން އިސްކަންދޭ ކަންކަމާއި ސަރުކާރުން އިސްކަންދޭ ކަންކަމާ ވެސް ވިސްނަށްވެއްޖެކަމަށާއި އެހެން ނޫން ނަމަ ރަނގަޅަށް ދަތުރުނުކުރެވޭނެކަމަށެވެ.
އާސަންދަ ހުއްޓާލަން މި ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނެ އިއްޔެ ޖަލްސާގައި އެމްޑީޕީއަށް ތާއިދުކުރައްވާ މެމްބަރުން ވަނީ ވާހަކަ ދައްކަވާ ސަރުކާރަށާއި މާލިއްޔަތު ކޮމެޓީގެ މުގައްރަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
މާލިއްޔަތު ކޮމެޓީން ނިންމާފައިވާގޮތުން "އާސަންދަ"އިގެ ދަށުން އަމިއްލަ ހޮސްޕިޓަލްތަކުން ހިލޭ ބޭސްފަރުވާއެއްނުކުރެވޭނެ އެވެ. އެ ތަންތަނުގައި އެޑްމިޓްކޮށްގެން ހޯދާ ހިދުމަތްތަަކަށް ވެސް ފައިސާ ދިނުމުގައި ކޮންޓްރޯލެއް ގެންގުޅުމަށް ވަނީ ހުށަހަޅާފަ އެވެ.
މާލިއްޔަތު ކޮމެޓީގެ ނިންމުން ދިފާއުކުރައްވާ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެމްބަރުން އިއްޔެގެ ޖަލްސާގައި ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ