ރައްޔިތުންގެ ފައިސާ އިން ކޮންމެހެން ކުރަން ޖެހޭ ހަރަދެއް ނޫނީ ނުކުރުމަށް ހޯމް އެފެއާޒުން އަންގައިފި

ރައްޔިތުންގެ އެކައުންޓުތަކުގައި ހުރި ފައިސާ އިން ކޮންމެހެން ކުރަން ޖެހޭ ހަރަދެއް ނޫނީ މިހާރު ނުކުރުމަށް ހޯމް މިނިސްޓްރީން ނިންމައި އެކަން އަންގައިފި އެވެ.
ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު މިއަދު ވިދާޅުވީ ރައްޔިތުންގެ އެކައުންޓްތަކުގައި ހުރި ފައިސާ އިން ކޮންމެހެން ކުރަން ޖެހޭ ހަރަދެއް ވެސް ޕްރޮވިންސް އޮފީހުން ހުއްދަ ހޯދައިގެން ނޫނީ ނުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާނެ ކަމަށެވެ.
"ގާނޫނު އަސާސީގައި ބުނާ ކައުންސިލްތައް ވެސް ނެހެދި އެކަން އެ ދަނީ ފަހަތަށް. އެކަން އެހެން އޮތް އިރު ރައްޔިތުންގެ އެކައުންޓްތަކުގައި ހުރި ފައިސާ އިން މިހާރު ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނީ ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑުމެންނަށް ނުފެނުނީ. ކޮންމެހެން ކުރަން ޖެހޭ ހަރަދެއް ނުކުރެވޭނެއޭ ބުންޏަސް އިންޖީނުގެތަކަށް ކަރަންޓު ދިނުމާ ގުޅޭ ގޮތުން ކުރަން ޖެހޭ އަދި ކޮންމެހެން މަޖުބޫރު ކަންތައްތައް ކުރަމުންދާނެ،" ޝިހާބު ވިދާޅުވި އެވެ. "އެހެން ނަމަވެސް މިސާލަކަށް ރަށެއްގައި ބޮޑު ޕްރޮޖެކްޓެއް ހިންގުން، ބޮޑު އިމާރާތެއް އެޅުން ފަދަ ކަމެއް މި ވަގުތު ރައްޔިތުންގެ އެކައުންޓުން ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އެކަން ކުރަން ބޭނުންވިޔަސް ރަށު އޮފީހުން ނުވަތަ ކައުންސިލަރު ހުއްދަ ދެއްވައިގެން ކުރުމުގެ ބަދަލުގައި ޕްރޮވިންސް އޮފީހުގައި ވެސް މަޝްވަރާކޮށް ވީހާ ވެސް ފުޅާކޮށް މަޝްވަރާކޮށްގެން ކުރިއަށް ގެންދަން އަޅުގަނޑުމެން ބޭނުންވަނީ."
ކުރިންސުރެ ރަށްރަށުގައި އުފައްދާފައިވާ ރަށްކުރިއަރުވާ ކޮމިޓީތައް (ރކ ކޮމިޓީ) ސަރުކާރުން އުވާލުމާ އެކު ރައްޔިތުންގެ އެކައުންޓްތަކުގައި ހުރި ފައިސާ އަށް ވާނެ ގޮތަކާ މެދު ދިޔައީ ސުވާލު އުފެދެމުންނެވެ. ރަށްރަށުގެ ރައްޔިތުން ރަށުގެ އެކި ކަންކަމަށް ހަރަދުކުރަން އެތައް އަހަރެއް ކުރިންސުރެ އެއްކޮށްފައި ހުންނަ ފައިސާ ކުރިން ނެގެނީ ކަތީބާއި ރ.ކ. ކޮމިޓީގެ މެމްބަރެއްގެ ވެސް ސޮއި ވެސް އޮވެގެންނެވެ.
ރައްޔިތުންގެ އެކައުންޓްތަކުގެ ގޮތުގައި ބަލަމުން އައިސްފައި ވަނީ ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރުމަށްޓަކައި ސަރުކާރުންނާއި ރައްޔިތުން އެކި ގޮތްގޮތުން ހޯދާ ފައިސާ ޖަމާކުރާ އެކައުންޓުތަކެވެ. އަދި މި އެ އެކައުންޓުތައް ހުންނަނީ ސެންޓްރަލް ބޭންކް އެމްއެމްއޭގައި ކަމަށް ވެސް އެނގިފައިވެ އެވެ.
ރައްޔިތުންގެ އެކައުންޓުތަކުން ކޮންމެހެން ކުރަން ޖެހޭ ހަރަދެއް ނޫނީ ނުކުރުމަށް ހޯމް މިނިސްޓްރީން އެންގިއިރު މި މަހުގެ 1 އިން ފެށިގެން ރކ. ކޮމެޓީތައް އުވާލުމާ ގުޅިގެން އެ އެކައުންޓުތަކުގެ ފައިސާ ހަރަދު ކުރުމުގެ ބާރު ހަމައެކަނި ރަށްރަށުގެ ކައުންސިލަރުންގެ އަތްމައްޗަށް ހިނގައިދާނެތީ އެކަމާ ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ