ފެތުމުގެ ގައުމީ ރިކޯޑުތަކެއް ރިހާން އާއި ހަނާން އައުކޮށްފި

ފެތުމުގެ ގައުމީ ރިކޯޑުތަކެއް މުޙައްމަދު ރިހާން ޝިހާމް އާއި ހަނާން ހުސައިން ހަލީމް އައުކޮށްފިއެވެ.
މި ދެ ފެތުންތެރިން ގައުމީ ރިކޯޑުތަކެއް ހަދާފައިވަނީ މެލޭޝިއާގައި މިހާރު ކުރިއަށްދާ 59 ވަނަ މައިލޯ /އެމްއޭއެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސްގައެވެ.
އެގޮތުން ރިހާން ވަނީ ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު އައުކޮށްފައެވެ. މި ރެކޯޑް ރިހާން އައުކޮށްފައިވަނީ ހަތަރު މިނެޓު 28.34 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. މި ރިކޯޑު މީގެ ކުރިންވެސް އޮތީ ރިހާންގެ އަތުގައެވެ. އެއީ މި މަހުގެ ކުރީކޮޅު ބޭއްވި އެރީނާ ތައިލަންޑް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސްގައި ހަތަރު މިނެޓު 29.70 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
މީގެ އިތުރުން ރިހާން ވަނީ ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބަޓަރފްލައި އިވެންޓުގެ ގައުމީ ރިކޯޑު މުގުރާލާފައެވެ. މި ރިކޯޑު އޭނާ ހަދާފައިވަނީ 26.98 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. މީގެ ކުރިން މި ރިކޯޑު އޮތީ މުޙައްމަދު އާން ހުސައިންގެ އަތުގައެވެ. އެއީ މިދިޔަ އަހަރު ބޭއްވު 11 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސް (އައިއޯއައިޖީ) ގައި 27.23 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މެލޭޝިއާ އިންވިޓޭޝަނަލް މުބާރާތުގައި ދެން ވާދަކުރަމުން އަންނަ ހަނާން ވަނީ އަންހެނުންގެ ލޯންގްކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރިކޯޑު އައުކޮށްފައެވެ. މި ރިކޯޑު އޭނާ އައުކޮށްފައިވަނީ 31.68 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. 50 މީޓަރު ބަޓަރފްލައި އިވެންޓުގެ ގައުމީ ރިކޯޑު މީގެ ކުރިންވެސް އޮތީ ހަނާންގެ އަތުގައެވެ. އެއީ މި އަހަރުގެ ފެބްރުވަރީ މަހު ތައިލަންޑުގައި ބޭއްވި ބްރިޓިޝް އިންޓަރނޭޝަނަލް ސްކޫލްސްއިން އޭޝިއާ ސްވިމިން އިންވިޓޭޝަނަލް ކޮމްޕެޓިޝަންގައި ވާދަކޮށް 32 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ