ވަގު ސިމް ހުއްޓުވަން ޑީއެންއާރާއިި ދިރާގުން އެއްބަސްވުމަކަށް

ދިރާގުގެ ކަސްޓަމަރުންގެ ވެރިފިކޭޝަން ޕްރޮސެސް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެކުންފުނިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާ (ޑީއެންއާރް)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.ދިރާގާއި ޑީއެންއާރާ ދެމެދު ވީ އެއްބަސްވުމުގައި ޑީއެންއާރުން ބަލަހައްޓަމުން އަންނަ ދިވެހިންގެ މައުލޫމާތު ދިރާގާ ހިއްސާކުރަން ދެ އިދާރާއިން ގެންގުޅެން ޖެހޭ އުސޫލުތައް ވަނީ ކަނޑައަޅައިފަ އެވެ.އެއްބަސްވުމުގައި ދިރާގުން ސޮއިކުރެއްވީ ޑިރެކްޓަ، ކަސްޓަމާ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސް، މަސްއޫދު އަލީ އެވެ. ޑީއެންއާރްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީ އެވެ. ދިރާގުގެ ފަރާތުން މަސްއޫދު އަލީ ވިދާޅުވީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާ ގުޅިގެން މުހިއްމު ޑިޖިޓަލް އިނީޝިއޭޓިވިއެއް ފެށުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ."މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ސަލަމާތްތެރިކަން ފޯރުކޮށްދީ، އެފަރާތްތައް އަޅުގަނޑުމެންނާ ކުރެވޭ މުއާމަލާތްތަކުގެ ސައްހަކަން ޔަގީންވެގެން ދާނެ. އަދި މީގެ ސަބަބު ކަސްޓަމަރުންނަށް ހިދުމަތްދޭ އިތުރު ޗެނަލްތައް ގާއިމުވެ، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ މަގުތައް ހުޅުވިގެންދާނެކަން ޔަގީން،" މަސްއޫދު ވިދާޅުވި އެވެ.ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށްދީ، 'ޑިޖިޓަލް ރާއްޖެ'އަކަށް އެފަރާތްތައް ވާސިލްކޮށްދިނުން ކަމަށެވެ. ޑީއެންއާރުން ބަލަހައްޓާ މައުލޫމާތު ދިރާގާ ހިއްސާކުރުމުގެ އަނެއް ނަތީޖާއަކަށް ވާނީ، މިނިސްޓްރީން ބުނި ގޮތުގައި، ރާއްޖޭގައި މިހާރު އާންމުވެފައިވާ ސްކޭމް ކޯލްތައް ހުއްޓުވަން ވެސް އެހީތެރިވުމެވެ."އެއީ ކޮންމެ މީހަކު ވެސް ސިމް ކާޑެއް ނަގަން ދިއުމުން ނުވަތަ ދިރާގުގެ އެއްވެސް ޚިދުމަތެއް ނަގާ ނަމަ އެ ފަރާތެއްގެ މައުލޫމާތު ޑީ.އެން.އާރުގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ވެރިފައި ކުރެވޭނެތީ އެވެ. އަދި އޮޅުވާލައިގެން ސިމް ކާޑު ނެގުން ވެސް މީގެން ހުއްޓުވިގެން ދާނެތީ އެވެ،" ހޯމްލޭންޑް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ