ވަޒީރުންނާ ސުވާލުކުރެވޭ އަހާ ފޯރަމް ހޯމަ ދުވަހުގެ ރޭ ބާއްވަނީ

ކޮންމެ ދެ މަހަކުން ބާއްވާނެ ކަމަށް ބުނެ މި ސަރުކާރު ފެށި މިނިސްޓަރުންގެ "އަހާ" ފޯރަމް ސިލްސިލާގެ ދެ ވަނަ ފޯރަމް، ތިން މަސް ފަހުން އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.އަހާގެ ތިންވަނަ ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) އާއި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އާއި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި، ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާއި، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެވެ.ތިންވަނަ ޕްރޮގްރާމުގައި އެސްއެމްއެސް މެދުވެރިކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އޭއެޗް ޖެހުމަށްފަހު ހުސްތަންކޮޅެއް ދިނުމަށްފަހު ސުވާލު ލިޔެ 300 އަށް ސުވާލު ފޮނުވޭނެ އެވެ.މިސިލްސިލާ ފުރަތަމަ ޕްރޮގްރާމު ބޭއްވީ މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހުގެ ރޭ މާލޭގެ ސަލްޓަންޕާކްގައި އާންމުކޮށް ހުޅުވާލައިގެންނެވެ. މި ޕްރޮގްރާމުގައި އެފަހަރު ބައިވެރިވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްގެ އިތުރުން ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.އަހާގެ ދެވަނަ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ރައްޔިތުންނާ ގާތުން، ސުވާލުތަކަށް ޖަވާބުދާރީވަމުން ސަރުކާރު ހިންގުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. "އަހާ" ސިލްސިލާގެ ފޯރަމްތަކުގެ ގޮތުގައި ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. ކޮންމެ ތިން މަހަކުން އެއް ފަހަރު ސީދާ ރައީސް މުއިއްޒު ވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބޭއްވެވުމަކީ ވެސް ރިޔާސީ ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ