ބިދޭސީއެއްގެ އަތުން އެކްސިޑެންޓެއްވުމުން ބަދަލަށް ފައިސާ އަތުލަނިކޮށް ފުލުހުން ހުއްޓުވައިފި

ބައިސްކަލަކުން ޖެހި އެކްސިޑެންޓެއްވި ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލަނިކޮށް ފުލުހުން އެކަން ހުއްޓުވައިފި އެވެ.
ރޭ އިރާކޮޅު މަޖީދީމަގު ސަންފްރަންޓް ކައިރިން ބިދޭސީއަކު ދުއްވާފައިދިޔަ ބައިސްކަލަކުން ދިވެއްސެއްގެ ގައިގައި ޖެހުމުން ދިވެހި ޒުވާނާ ވަނީ ބިދޭސީ މީހާއަށް ބިރު ދައްކައި އޭނާގެ އަތުގައިހުރި ފައިސާތައް ދިނުމަށް އެދިފަ އެވެ. ބިދޭސީ މީހާ އަތުގައި ހުރި ފައިސާތައް ދެއްކުމާއެކު ޒުވާނާ ވަނީ ބިދޭސީ މީހާގެ ފައިސާތައް އަތުލާފަ އެވެ.
ނަމަވެސް އާންމުންގެ ބަޔަކު ވަނީ އެވަގުތު އެ ސަރަހައްދުން ސައިކަލެއްގައި ދުއްވާފައިދިޔަ ފުލުސް ބައެއްގެ ސަމާލުކަމަށް ގެނެސްފަ އެވެ.
މަންޒަރު ދުށް މީހަކު ބުނީ ފުލުހުންގެ ސައިކަލުގެ ފަހަތުގައި އިން އަންހެން ފުލުސް ސައިކަލުން ފުއްމާލައި ދުވެފައި ގޮސް "ތި އަތުލަނީ ކޮން ފައިސާތަކެއް ހެއްޔޭ" ސުވާލުކުރި ކަމަށާއި ފައިސާ އަތުލަން އުޅުނު މީހާ ވެސް އެވަގުތު ބިދޭސީ މީހާގެ ބައިސްކަލުން ޖެހި އޭނާގެ ފައި ދުޅެވަފައިވާތީ ފައިސާ އަތުލަނީ ކަމަށް ބުނި ކަމަށެވެ.
"ޖެހުނު ކަމަށް ބިދޭސީ މީހާ އެއްބަސްވި ނަމަސް އޭނާގެ ގިނަ އަދެއްގެ ފައިސާ އަތުލުމުން އެކަމާ މައްސަލަ ޖައްސަމުންދިޔައީ،" މަންޒަރު ދުށް މީހާ ބުންޏެވެ. އޭނާ ބުނީ އެ ހާދިސާގެ ތެރޭގައި ފުލުހުން ސުވާލު ކުރަން ފެށުމުން މައްސަލަ ވެސް ނުނިންމުނު ކަމަށައި ސުލްހަވެސް ނުވެނު ކަމަށް ބުނެ ފައިސާ ތައް ދީފައި ޒުވާނާ ދިޔައީ ކަމަށެވެ. އަދި ފުލުުހުން ބިދޭސީ މީހާއާ ހަވާލުކުރި ފައިސާތަކުގެތެރޭގައި ހާހަކަށް ވުރެ ގިނަ ރުފިޔާ ހިމެނޭ ކަމަށާއި ފުލުހުން އެ ޒުވާނާ ހައްޔަރު ކުރަން ނޫޅޭ ކަމަށް ވެސް އެމީހާ ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓްކޮށްފައި ނުވާ ކަމަށާއި ނަމަވެސް ފުލުހަކަށް އެފަދަ މަންޒަރެއް ފެނިގެން ކަން ހިނގިގޮތް ބެލުމަށްފަހު މައްސަލަ އެ ތަނުން ހައްލުކުރީ ކަމަށްވެދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ