އޭލެވެލް އިމްތިހާނުގެ އެންމެ މޮޅު ދަރިވަރަކަށް އައިޝާ އަހުމަދު ސޯލިހު ހޮވައިފި

މި އަހަރުގެ އެޑެކްސެލް އޭލެވެލް އިމްތިހާނުގައި ރާއްޖެއިން އެންމެ މޮޅު ދަރިވަރަކަށް މއ. މަނަސް، އައިޝާ އަހުމަދު ސޯލިހު ހޮވައިފި އެވެ.
އޭލެވެލް އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު 95 ކުދިންގެ ތެރެއިން އެންމެ މަތީ މާކްސް ހޯދި އައިޝާ ވަނީ ފަސް މާއްދާއިން އޭ ފާސް ހޯދިއިރު ބައެއް މާއްދާތަކުން 100 މާކްސް ހޯދައިގެން އެޑެކްސެލް އިން އިނާމު ދޭ 51 ދިވެހި ދަރިވަރުންގެ ތެރޭގައި ވެސް ހިމެނިފަ އެވެ.
އޭލެވެލް އިމްތިހާނުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު ޝަފީއު ނަތީޖާ އިއުލާންކޮށް ދެއްވަމުން ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ރަނގަޅު ނަތީޖާ ހޯދާ ކުދިންގެ އަދަދު ވަރަށް ބޮޑަށް ކުރިއަރަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އޭލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގައި 84 ދަރިވަރުން ހިމެނިފައިވާއިރު މި އަހަރު 95 ދަރިވަރަކު ހިމެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ސެންޓަ ފޮ ހަޔާ ސެކަންޑްރީ އެޑިއުކޭޝަންގެ 92 ކުއްޖަކާއި ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ދެ ކުއްޖަކާއި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެއް ކުއްޖަކު ހިމެނެ އެވެ.
ބައިވެރިވި ހުރިހާ މާއްދާއިން އޭ ފާސް ހޯދައިގެން ގަދަ ދިހައެއްގެ އެއް ވަނަ މަގާމް ހޯދައިފައި ވަނީ 10 ކުއްޖެކެވެ. އެއީ އައިޝާގެ އިތުރުން ޅ. ހިންނަވަރު، އަތިރިމަތީގެ، އައިޝަތު ރިޒާމާ މޫސާ އާއި ހ. ނޫކުރުކީލަ، ހައްވާ ޝަފީއާ ރިޒާ އާއި މުނިސިޕަލްޓީގެ ހާއްސަ ދަފްތަރު، މާހެނާޒު މުހަންމަދު ދީދީ އާއި ސ. ހުޅުދޫ، ކާމިނީގެ، ސަރުފަރާޒާއި ބ. ކިހާދޫ، ޒަމާނީގެ، މޫސާ ހަލީމާއި ޏ. ފުވައްމުލަކު، އިލާ، ނުހާ އިބްރާހިމާއި ސ. ހުޅުދޫ، އަސަރީގެ، ޝިފްނީ ރަޝީދާއި ގދ. ގައްދޫ، ވައްތިޔަރަގެ، ޒަހުމީނާ ޒުހޭރާއި ނ. ހޮޅުދޫ، މުރަކަ، އައިޝަތު ބަރިއްޔާ އެވެ. މީގެ އިތުރުން ހަތަރު އޭ އާއި އެއް ބީ ހޯދައިގެން ދިހަ ކުއްޖަކު ދެ ވަނަ އަދި ހަތަރު އޭ އާއި އެއް ސީ ހޯދައިގެން ފަސް ކުއްޖަކު ތިން ވަނަ ހޯދައިފައިވެ އެވެ.
މި އަހަރުގެ އިމްތިހާނުގައި 68 ޕަސެންޓް ކުދިން ދެ މާއްދާ އަށް ވުރެ އިތުރަށް އަދި 48 ޕަސެންޓް ކުދިން އޭލެވެލް ތިން މާއްދާ އަށްވުރެ އިތުރަށް ފާސްވެ އަދި ކްރެޑިޓް ފާސްތައް (އޭ އިން ފެށިގެން ސީ އާ ދެމެދު) ހޯދައިގެން 35 ޕަސަންޓް ކުދިން ދެ މާއްދާއިން ފާސްވެ 23 ޕަސެންޓް ކުދިން ތިން މާއްދާއިން ފާސްވެފައިވެ އެވެ.
ކިޔަވާ ކުދިންގެ އަދަދާއި ސްކޫލުގެތަކުގެ އަދަދު އަހަރުން އަހަރަށް އިތުރުވެގެންދިޔަ ނަމަވެސް ޝަފީއު ވިދާޅުވީ، މާއްދާތަކުން ފާސްވާ ކުދިންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޒާހިޔާ ޒަރީރު ވިދާޅުވި ގޮތުގައި، ތައުލީމީ ދާއިރާ މިހާރަށް ވުރެ ހަރުދަނާކުރެވޭނީ ޓީޗަރުންނަށް އިތުރު ތަމްރީނު ދީ އަދި ގާބިލް މީހުން މި ދާއިރާއަށް ކުރިމަތިލައިގެންނެވެ. އެގޮތުން އިޖުތިމާއީ ރޮނގުންނާއި ތައުލީމީ ދާއިރާއިން މީހުން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ވެސް ޕްރައިމަރީ ސްކޫލްތަކަށް ކިޔަވައިދޭ 30 ޕަސެންޓް ޓީޗަރުންނަކީ ތަމްރީނު ނުލިބި ކިޔަވައިދޭ ޓީޗަރުންކަމާއި ސެކަންޑްރީ ސްކޫލްތަކަށް ކިޔަވައިދޭ 70 ޕަސެންޓް މީހުންނަކީ ބޭރު މީހުން ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ