ރިޔާސީ އިންތިހާބު 2008: ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންނަށް ފުލުހުން ހިމާޔަތް ދޭން ފަށައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންނަށް، ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެ މަތިން ރެއިން ފެށިގެން ދައުލަތުން ހިމާޔަތް ފޯރުކޮށްދޭން ފަށައިފި އެވެ. މިއީ ރާއްޖޭގައި ބާއްވާ އިންތިހާބެއްގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހިމާޔަތް ފޯރުކޮށްދޭން ފެށި ފުރަތަމަ ފަހަރެވެ.
އިލެކްޝަންސް ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަ ޖެނެރަލް މުހައްމަދު ތޮލާލު މިއަދު ވިދާޅުވި ގޮތުގައި އޮކްޓޫބަރު 8 ގައި ބާއްވާ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ތަރުތީބުކޮށް، ރަސްމީކޮށް ރޭ އިއުލާންކުރި ހިސާބުން ފެށިގެން އެ ކެންޑިޑޭޓުންނަށާއި އެ ބޭފުޅުންގެ ރަނިންމޭޓުންނަށް ފުލުހުން ހިމާޔަތް ދޭން ވަނީ ފަށައިފަ އެވެ.
"ރެއިން ފެށިގެން ކޮންމެ ކެންޑިޑޭޓަކާއި ރަނިންމޭޓެއްގެ އަރިހުގައި ޕާސަނަލް ސިކިއުރިޓީ އޮފިސަރެއް 24 ގަޑިއިރު ހަރަކާތްތެރިވާނެ. އެ ބޭފުޅުންގެ ސިކިއުރިޓީގެ ކަންތައްތައް ބަލަހައްޓާނީ ފުލުހުން،" ތޮލާލު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން ކޮމާންޑް ޑިޕާޓްމަންޓުގެ ޑިގްނިޓަރީ ޕްރޮޓެކްޝަން ޔުނިޓްގެ ފުލުހުން ކަމަށެވެ. ސިކިއުރިޓީ ބަލަހައްޓާ ފުލުހުން ތިބޭނީ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހަރަކާތްތެރިވާ ސިފައިން ބޭނުންކުރާ ވައްތަރުގެ ސަފާރީ ސޫޓް ލައިގެންނެވެ.
ފުލުހުންގެ ޑިގްނިޓަރީ ޕްރޮޓެކްޝަން ޔުނިޓުގެ ހެޑް، ސަބް އިންސްޕެކްޓަރު މުހައްމަދު ޝިހާމް ވިދާޅުވީ ކެންޑިޑޭޓުންނާއި ރަނިންމޭޓުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ކޮންމެ ބޭފުޅެއްގެ އަރިހުގައި އަބަދުވެސް މަދުވެގެން އެއް ފުލުހަކު ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.
"މިއީ ރިޔާސީ އިންތިހާބުގެ ސިކިއުރިޓީގެ ދަށުން އަޅުގަނޑުމެން ކުރަމުންދާ ކަމެއް. ގާނޫނުގައިވާ ގޮތުގެ މަތިން އަޅުގަނޑުމެން އެ ބޭފުޅުންނަށް ސިކިއުރިޓީ ފޯރުކޮށްދެމުންދާނަން. ކޮންމެ ކެންޑިޑޭޓަކާއި އެ ބޭކަލެއްގެ ރަނިންމޭޓާ އެކު މިނިމަމް އެއް ސިކިއުރިޓީ އަބަދުވެސް ހަރަކާތްތެރިވާނެ،" ޝިހާމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުން އިންތިހާބަށް ކުރިމަތިލާ މީހުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އަންގައި އިއުލާންކުރާ ދުވަހުން ފެށިގެން، ރައީސްކަމުގެ މަގާމާ މީހަކު ހަވާލުވަންދެން، ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ރަނިންމޭޓުންނަށް ދައުލަތުގެ ހަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތް ދޭން ޖެހެ އެވެ. އަދި އެކަން އިންތިޒާމް ކޮށްދޭން ޖެހެނީ އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުންނެވެ.
އައިޑީޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު މިއަދު ވިދާޅުވީ ދައުލަތުގެ ފަރާތުން އެ ބޭފުޅުންނަށް ވަރަށް ރަނގަޅަށް ސިކިއުރިޓީ ފޯރުކޮށްދޭން ފަށާފައިވާ ކަމަށާއި އެކަން ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑަކީ އެ ބޭފުޅުންނާ (ފުލުހުން) ވަރަށް ރައްޓެހި މީހެއް. އަޅުގަނޑު ދާ ކޮންމެ ތަނަކަށް ސިކިއުރިޓީން އެބަ ދޭ. ކާރުގައި އިންނައިރު ވެސް ކާރުގެ ކުރީ ސީޓުގައި އިންނަވާ. އޮފީހުގައި ހުންނައިރު ވެސް ބޭރުގައި ސިކިއުރިޓީން އަބަދު އެބަ ތިބޭ. ވަރަށް ބަރާބަރަށް އެކަން އެދަނީ،" ކުރިން ފުލުހުންގެ އިސް އޮފިސަރެއްގެ ގޮތުގައި އުޅުއްވި އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ