އައްޑު އަތޮޅުގެ ތަރައްގީގެ ތަސައްވުރު "ވިޝަން އައްޑޫ" އާއި ސަރުކާރުން މި އަތޮޅުގެ ތަރައްގީ އަށް ރާވައިފައިވާ މަޝްރޫއުތައް ހަގީގަތަކަށް ހަދައި އެކަންކަން ކުރުމަށްޓަކައި ޔޫއޭއީގެ ކުންފުންޏަކާ ވާހަކަ ދައްކައި އެ ކުންފުންޏާ އެކު ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރޭ ފޭދޫ ސްކޫލުގައި ފޭދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ "ވިޝަން އައްޑޫ"ގައިވާ ކަންތައްތައް ހިމެނޭ ގޮތަށް ސަރުކާރުން އާންމު ޕްލޭނެއް އެކުލަވާލައި އޭގައި ހުރި ކަންތައްތައް ހާސިލް ކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ދުބާއީގެ އަލްގުދުރާ ނަމަކަށް ކިޔާ ކުންފުންޏެއްގެ ދަށުން "އަތޯލާ" ނަމަކަށް ކިޔާ ޕްރޮޖެކްޓެއްގެ ދަށުން މި މަޝްރޫއުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ރާވައިފައި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އެތަސައްވުރުގައިވާ ކަންތައްތައް ހާސިލް ކުރެވޭތޯ ސަރުކާރުން ކުރެއްވި މަސައްކަތުގެ ނަތީޖާ އިރާދަކުރެވިއްޔާ ދައްކަނީ ވަރަށް ކާމިޔާބުކޮށް. އެއީ މި ވިޝަންގައި ހިމެނޭ ކަންތައްތައް އެކުލެވޭ ގޮތަށް މުޅި އަތޮޅަށް އާންމު ޕްލޭނެއް ތައްޔާރު ކުރެވިގެން އޭގައިވާ ކަންތައްތައް ކުރިއަށް ގެންދިއުމަށް ބޭރުގެ އެހީ ލިބޭތޯ ސަރުކާރުން ވަނީ މަސައްކަތްތަކެއް ކޮށްފައި،" މައުމޫން ވިދާޅުވި އެވެ. "މިހާރު އެބައޮތް ޔޫއޭއީގެ ފަރާތަކުން މިކަމަށް ކުރިމަތިލައިފައި. އަލްގުދުރާ ކިޔާ ފަރާތަކުން. އެ މީހުން މިކަމަށް މިކިޔަނީ އަތޯލާ ޕްރޮޖެކްޓް. މިޕްރޮޖެކްޓްގައި މިއޮންނަނީ ވިޝަން އައްޑޫގައި ހުރި ކަންތައްތައް ކިހިނެއްތޯ ހާސިލްކޮށް ދޭނީ. އެކަމަށް ފައިސާ ހޯދާނީ ކިހިނެއްތޯ. އަދި އެކަމާ ގުޅޭ އެހެން ކަންތައްތައް ތަރައްގީ ކުރާނީ ކިހިނެއްތޯ. މިހާރު އެ މީހުންނާ އެކު ސަރުކާރުން މިގެންދަނީ ވާހަކަ ދައްކަމުން. އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ އެ މީހުންނާ އެކު ސަރުކާރުން މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ގައި ސޮއިކުރާނެ."
މައުމޫން ވިދާޅުވީ އެމްއޯޔޫގައި ސޮއި ކުރާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި އެ މީހުންގެ ޕްލޭން ސަރުކާރަށް ހުށަހަޅާނެ ކަމަށާއި އެހިސާބުން ފެށިގެން އެކަމަށް ބޭނުންވާ ފައިސާ ދެ ފަރާތް ގުޅިގެން ހޯދުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.
"އެހެންވީމާ އެވިޝަންގައި ހިމެނޭ ކަންތައްތަކަކީ ދެން އަންނަ އަޅުގަނޑުގެ ދައުރެއްގެ ވަރަށް ކުރީކޮޅުގައި އަމަލީ މަސައްކަތްތައް ފެށޭނެ ކަމެއް،" މައުމޫން ވިދާޅުވި އެވެ.
މައުމޫން އިތުރަށް ވިދާޅުވީ އައްޑު އަތޮޅުގެ ތަރައްގީގެ ޕްލޭނުގެ ދަށުން މިއަތޮޅުގެ ބައިނަލްއަގްވާމީ އެއާޕޯޓް އިތުރަށް ތަރައްގީކޮށް ނަރުދަމާގެ ނިޒާމެއް ވެސް ގާއިމުކޮށް ސިއްހީ ހިދުމަތްތައް ވެސް އިތުރަށް ފުޅާކުރަން ރާވައިފައިވާ ކަމަށެވެ. އޭގެތެރޭގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަރަށް އަވަހަށް ސްކޭން މެޝިނެއް ފޮނުއްވައި ދެއްވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. މީގެއިތުރުން ޔޮޓް މެރީނާ އަކާއި މި އަތޮޅުގެ ދެ ފަޅި (ވަކިން އޮންނަ މީހުން ދިރިއުޅޭ ހުޅުދު އާއި މީދޫ އަދި ގުޅިފައިވާ އަނެއް ހަތަރު ރަށް) ގުޅުވާލެވޭ ފާލަމެއް ވެސް އެޅުމަށް ވެސް ހިޔާލުކުރައްވައިފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"މީގެއިތުރުން ފިކްސްޑް ލިންކްގެ ވާހަކަ އައްޑު އަތޮޅުގެ މީހުން ވިދާޅުވެފައި އެބައޮތް. އެއީ އައްޑު އަތޮޅުގެ ދެ ފަޅި ގުޅުވާލެވޭ ފާލަމެއް އެޅުން. އެއީ ވަރަށް ބޮޑަށް ދިރާސާ ކުރަން ޖެހޭ ކަމެއް. އެކަން އެއީ ޓެކްނިކަލް ގޮތުން ކުރެވިދާނެ ކަމެއްތޯ ކިހާ ފައިސާއެއްތޯ ހަރަދު ވާނީ އަދި އެއީ ފީސިބްލް (އޭގެ އަގު އަނބުރާ ލިބޭނެ ކަމެއްތޯ) ކަމެއްތޯ ބަލަން އެބަޖެހޭ،" މައުމޫން ވިދާޅުވި އެވެ. "ޝައްކެއް ނެތް ގޮތުގައި އެކަހަލަ ފާލަމެއް އެޅުމަކީ އައްޑު އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ ކަމެއް. ތަރައްގީ އަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް. އެހެންނަމަވެސް އެކަން އެއީ ކުރެވިދާނެ ކަމެއްތޯ ބަލަން އެބަޖެހޭ. އެކަމުގެ ސަބަބުން އެއްވެސް ކަހަލަ ގެއްލުމެއް ތިމާވެށީގެ ގޮތުންނާއި އަދި އެނޫން ގޮތަކުން ވެސް އަތޮޅަށް ކުރާނެތޯ ނުވަތަ ނޫންތޯ ވެސް ބަލަން ޖެހޭނެ. އެހެންވީމާ ދަންނަވާލަން ޖެހޭނީ އެކަމަށް ހަދަން ޖެހޭ ދިރާސާތައް ސަރުކާރުން ވަރަށް އަވަހަށް ކުރާނޭ."
ރިޔާސީ އިންތިހާބު 2008: "ވިޝަން އައްޑޫ" ހަގީގަތަކަށް ހެދުމަށް ޔޫއޭއީގެ ކުންފުންޏަކާ އެކު ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރެވ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ