ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ޖަމާނުވޭ!

ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ޖަމާނުވާކަން އެނގިއްޖެއެވެ. "ސަން"އާ ވާހަކަ ދައްކަމުން އަތޮޅުތެރޭގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ މުވައްޒަފަކު ބުނީ މުސާރަ އަދިވެސް ޖަމާނުވާ ކަމަށެވެ. އަދި މުސާރަ ޖަމާވާންޖެހޭ ދުވަހަށްވުރެ ލަސްވުމުން ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމުގައި އޭނާ ބުންޏެވެ. ގާނޫނު ބުނާ ގޮތުން ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރަ ކޮންމެ މަހެއްގެ އެއްވަނަ ދުވަހުގެ ކުރިން ޖަމާކުރަން ޖެހެއެވެ. ނަމަވެސް ފެބްރުވަރީ މަސް ފެށިގެން ކުރިއަށްދާއިރު އަދިވެސް މުސާރަ ޖަމާނުވާތީ ސިއްހީ ދާއިރާގެ މުވައްޒަފުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތައް، ސިއްހީ މަރުކަޒުތައް އަދި ހެލްތު ޕޯސްޓުތަކަށް ވެސް މުސާރަ ޖަމާކުރަން ފޮނުވާނީ ހެލްތު މިނިސްޓްރީންނެވެ. ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ މީގެ ކުރިން "ސަން"އަށް ވިދާޅުވީ ސިއްްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ދިނުމުގައި ލަސްތަކެއް އުޅެނީ ހެލްތު މިނިސްޓްރީގެ ހިއުމަން ރިސޯސް (އެޗްއާރު) ޑިޕާޓްމަންޓްގެ ހުރިހާ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. "މާ ގިނަ ބަޔަކު ނުއެއް ތިބޭ އެ ސެކްޝަނަކު. އާދީއްތަ ދުވަހު އެކުދިންނަށް ރިލީޒް ލިބުނީ. އެޗްއާރު ސިސްޓަމްތަކަކީ ކޮންމެ ކޮންމެ މުވައްޒަފަކަށް ކުޅެވޭނެ ސިސްޓަމްތަކެއް ނޫން،" ޝަތުފާ ވިދާޅުވިއެވެ. ހެލްތު މިނިސްޓްރީގެ މީޑިއާ ގްރޫޕްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މިނިސްޓްރީގެ އިންފޯމޭޝަން އޮފިސަރު ފާތިމަތު ޝޫބާ، އިއްޔެ ވިދާޅުވީ މުސާރަ ޝީޓުތައް ނިންމުމަށްފަހު ފިނޭންސްއަށް ފޮނުވައިފައިވާނެ ކަމަށެވެ. "އިރާދަކުރެއްވިއްޔާ މިރޭ ނޫނީ މާދަމާގެ ވަގުތެއްގައި ޖަމާވާނެ،" އިއްޔެ ޝޫބާ ވިދާޅުވިއެވެ. މިއަދުގެ މިހާތަނަށް ވެސް ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވެފައެއް ނުވެއެވެ. އެކަމާ ގުޅިގެން ޝޫބާ މިއަދު "ސަން"އަށް ވިދާޅުވީ މުސާރަތައް ޖަމާވަމުން ދާ ކަމަށެވެ. އަދި މިރޭ ހުރިހާ ތަނެއްގެ ވެސް މުސާރަ ޖަމާވާނެކަމުގައި އޭނާ ވިދާޅުވިއެވެ. ފާއިތުވި ޖަނަވަރީމަހުގެ މުސާރަ، އައިޖީއެމްއެޗްގެ މުވައްޒަފުންނަށާއި އެޗްޕީއޭގެ މުވައްޒަފުންނަށް ވެސް ދިނީ ލަހުންނެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ ދެ ތަނުގެ މުވައްޒަފުންނަށް މުސާރަ ލަހުން ދެވުނީ މުސާރަ ޝީޓު ފޮނުވުމުގައި ލަސްވުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ