ފުލުހުންނަށް ވުރެ ކުށްވެރިންގެ ބާރު ގަދަވެއްޖެ: އުމަރު

ފުލުހުންނަށް ވުރެ ކުށްވެރިންގެ ބާރު ގަދަވެފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ އިންޒާރު ދިނުމަށްފަހު ނ. މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލްގައި ރޯކޮށްލުމާ ގުޅިގެންނެވެ.
އުމަރު ވިދާޅުވީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެރޭ ނ.މިލަދޫ މުޝްތަރީ ގޭގައި އަލިފާން ރޯކޮށްލުމުން މުޅި ގެ އަނދައިގެންދިޔަ ކަމަށާއި އޭގެ ދެމަސް ފަހުން، ރޭ ހަމަ އެރަށު ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލާފައިވާ ކަމަށެވެ.
"މި ދެކަން ވެސް ހިންގީ ޑްރަގް ޑީލަރުން އިންޒާރު ދިނުމަށްފަހު. ރާއްޖޭގެ އެތަށް ރަށެއްގެ ހާލަތަކީ މިއީ.
ފުލުހުންގެ ބާރުކެނޑި ކުށްވެރިންގެ ބާރުވަނީ ގަދަވެފައި" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެއްވެސް ޕާޓީ އަކަށް، އެއްވެސް ވެރިޔަކަށް މިކަން ޙައްލުކޮށް ނުދެވުނު ކަމަށެވެ. އަދި "ހައްލަކީ އުމަރު" ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހާދިސާއާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މި ހާދިސާ ތަހުގީގު ކުރަން ސީނިއާ އިންވެސްޓިގޭޓަރަކު ހަމަޖައްސާފައިވާ ކަމަށާއި އަދި މިކަން ކުރި ބަޔަކު ހޯދަން މިލަދޫގައި ތިބި ފުލުހުން މިހާރުވެސް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ސީޕީ ވަނީ ޑްރަގާއި ދެކޮޅަށް ފުލުހުން ކުރާ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށާއި އެ މަސައްކަތް ހުއްޓުވާ ނުލެވޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
އެ ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން އިމްރާން ވަނީ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގުމަކީ ސަރުކާރުން ބަލަން ތިބޭނެ ކަމެއް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ