މާލޭގެ ޑްރަގް ކެފޭތަކުން 65 އަންހެނުންނާއި، 14 ކުޑަކުދިން ޚިދުމަތް ހޯދާ!

މާލޭގެ ޑްރަގް ކެފޭތަކުން އާއްމުކޮށް ޚިދުމަތް ހޯދާ މީހުންގެ ތެރޭގައި 65 އަންހެނުންނާއި 14 ކުޑަކުދިން ހިމެނޭކަމަށް ފުލުހުން ބުނެފިއެވެ. މި މައުލޫމާތު ހިއްސާކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގައިފައިވާ އޮޕަރޭޝަންތަކުގެ މައުލޫމާތު ދޭން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސްޕުރިޑެންޓް އޮފް ޕޮލިސް، އަޙްމަދު ޝާކިރު ވިދާޅުވީ ޑްރަގް ކެފޭތަކުގައި 1،118 މީހުން ޚިދުމަތް ހޯދާ ކަމަށެވެ. އޭގެ ތެރޭގައި، ޑްރަގް ކޯޓުން އެސަސްމެންޓް ހަދަން އަމުރުކޮށްފައިވާ ފަރާތްތަކާއި އަޑުއެހުން ތާވަލު ކޮށްފައިވާ 17 މީހަކު ހިމެނެއެވެ. އަދި ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް އަމުރުކޮށްފައިވާ 217 މީހަކު ހިމެނެއެވެ. މީގެ އިތުރުން، ފަރުވާއިން ވަކިކޮށްފައިވާ 305 މީހަކާއި ދެވަނަ ހުކުމް ކޮށްފައިވާ 141 މީހަކާއި މައްސަލަ އަނބުރާ ފޮނުވައިލައިފައިވާ 101 މީހަކާއި ޑްރަގް ކޯޓުން އިބްތިދާއި އަޑުއެހުން ތާވަލުކޮށްފައިވާ ހަތް މީހަކު ހިމެނެއެވެ. ޑްރަގް އައްޑާތަކުން ޚިދުމަތް ހޯދާ މީހުންގެ ތެރޭގައި ފުލުހުންގެ ރެކޯޑްގައި މައްސަލަ އޮތް ނަމަވެސް ކޯޓުގައި މައްސަލަ ނެތް 178 ފަރާތަކާއި ފުލުހުންގެ ރިކޯޑުގައި ވެސް ޑްރަގް ކޯޓުގެ ރެކޯޑުގައި ވެސް ނެތް 152 މީހަކު ހިމެނެއެވެ. އޭގެ ތެރޭގައި، 67 މީހުންނަކީ ވަންނާނެ ގެދޮރެއް ނެތި އުޅޭ މީހުން ކަމަށް ފުލުހުން ބުނެއެވެ. މަގުމަތިވެފައިވާ މީހުންގެ ރަށްތައް ވެސް ފުލުހުން ހާމަކުރި އިރު، އެންމެ ގިނަ ހޯމްލެސް މީހުން ފާހަގަވަނީ ސ. ހިތަދޫންނެވެ. އެ ރަށުގައި ހަތް ހޯމްލެސް މީހަކު އުޅޭކަމަށް ފުލުހުން ބުނެއެވެ. ހޯމްލެސް މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ ހަތަރު މީހަކު ވެސް ހިމެނެއެވެ. ޑްރަގް އައްޑާތަކުން ޚިދުމަތް ހޯދާ މީހުންގެ ތެރޭގައި 65 އަންހެނުންނާއި 14 ކުޑަކުދިން ހިމެނެއެވެ. އަދި 50 އަހަރުން މަތީގެ 56 މީހަކު ވެސް ހިމެނެއެވެ. ކުޑަކުދިންނާއި، އަންހެނުން އަދި 50 އަހަރުން މަތީގެ މީހުންގެ ތެރޭގައި ވެސް އެންމެ ގިނައީ މާލެއަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން މާލެއަށް ނިސްބަތްވާ 28 އަންހެނަކާއި، ފަސް ކުޑަކުއްޖަކާއި 50 އަހަރުން މަތީގެ 32 މީހަކު ހިމެނެއެވެ. މަސްތުވާތަކެތީގެ ޚިދުމަތް ޑްރަގް ކެފޭތަކުން ހޯދާ ބިދޭސީންގެ ތެރޭގައި 139 މީހަކު އުޅޭއިރު އޭޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން 134 ބަންގްލަދޭޝް މީހުން ހިމެނޭއިރު، ސްރީލަންކާ ދެމީހުންނާއި އިންޑިއާގެ ތިން މީހަކު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ