ގާނޫނު އަސާސީން ލިބިދީފައި ނުވާ ބާރެއް އެއްވެސް މީހަކަށް ލިބިގެން ނުވޭ: ރައީސް

ގާނޫނު އަސާސީން ލިބިދީފައި ނުވާ ބާރެއް އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ޖުމްހޫރީ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަށް ވެސް ގާނޫނުއަސާސީއަށްވުރެ މަތީގައި ނުހުންނެވޭނެ ކަމަށެވެ. އަދި ދައުލަތް ހިންގުމުގެ އަނެއް ދެބާރުގެ ވެރިންނަށް ވެސް ގާނޫނު އަސާސީއަށްވުރެ މަތީގައި ނުތިއްބެވޭނެ ކަމަށެވެ. އެމަނިކުފާނު މަސައްކަތް ކުރައްވާނީ ގާނޫނު އަސާސީ ނަގަހައްޓައި އެއާ އެއްގޮތަށް ވެރިކަން ކުރެއްވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައިސްފައިވާގޮތް އެންމެން ވެސް ހަނދާން ހުންނާނެ ކަމަށެވެ. މިސަރުކާރު ވެރިކަމަށް ގެނައުމަށް ވޯޓުނުދޭ މީހުން ތިބުކަން ވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިސަރުކާރު ދެމިއޮންނާނީ އެއްވެސް ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް ޚިދުމަތް ކުރަން ކަމަށެވެ. ޚިދުމަތް ފޯރުކޮށްދެއްވުމުގައި ސަރުކާރު ގެންނަން ވޯޓުދިން މީހުންނާއި ނުދޭ މީހުން ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. "މި ސަރުކާރުން މަޝްރޫއުތައް ހިންގުމާއި ޚިދުމަތްތައް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކޮށް، އެއްވެސް ބަޔަކު ބާކީއެއް ނުކުރާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުންގެ ވެސް މަސްއޫލިއްޔަތަކަށްވާންޖެހޭނީ އެއްވެސް ރައްޔިތަކަށް ތަފާތުކުރުމެއްނެތި އިންސާފު ހޯއްދަވައި ދެއްވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ